ޓީވައިއީއެސް އަތުން މޮޅުވެ ޒެފިއަރސް އިން ފެށުން ރަނގަޅުކޮށްފި
# ދިވެހި ކުޅިވަރު # ގާފު ބޮންތި ބީޗު ހޭންޑްބޯޅަ ޗެލެންޖް 2025ޓީވައިއީއެސް އާއި ޒެފިއަރސް ވާދަކުރި މެޗުގެ ތެރެއިން...
މިހާރު ކުރިއަށްދާ ގާފު ބޮންތި ބީޗު ހޭންޑްބޯޅަ ޗެލެންޖް 2025 އަންހެން ޑިވިޝަން ގުރޫޕް ބީގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު ފަސްވަނަ މެޗުގައި ތުޅާދޫ ޔަންގް އީގަލް ސްޕޯޓްސް (ޓީވައިއީއެސް) އާއި ޒެފިއަރސް ވާދަކުރި މެޗު ސީދާ ދެ ސެޓުން ކާމިޔާބުކޮށް ޒެފިއަރސް އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ސެޓް ހަތަރު ޕޮއިންޓްގެ ލީޑަކާއެކު 11-15 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ޒެފިއަރސް އިންނެވެ. އަދި މެޗުގެ ދެވަނަ ސެޓުގައި ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މިސެޓް ޒެފިއަރސް އިން ކާމިޔާބުކުރީ ތިން ޕޮއިންޓްގެ ލީޑަކާއެކު 18-15 ގެ ނަތީޖާއަކުންނެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޒެފިއަރސް އައިޝަތު އާނާ ފަތުހުﷲ އެވެ.
7 މެއި 2025 އިން 15 މެއި 2025 ގެ ނިޔަލަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށް ގެންދާ މިމުބާރާތުގެ އަންހެން ޑިވިޝަނުގައި އަށް ޓީމަކުން ބައިވެރިވެފައިވާއިރު، މުބާރާތް ކުރިއަށްދަނީ ބައިވެރިވި އަށް ޓީމު ދެގުރޫޕަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު ސެމީފައިނަލަށް ހޮވޭގޮތަށެވެ.
ޗެންޕިއަން ޓީމަށް 8،000 އަދި ރަނަރަޕް ޓީމަށް 4،000 ރުފިޔާގެ ފައިސާގެ އިނާމު ހުށަހަޅާފައިވާ މިމުބާރާތުގެ ޓައިޓަލް ސްޕޮންސަރ އަކީ ގާފު އެވެ. މީގެ އިތުރުން މިމުބާރާތުގެ ސްޕޮންސަރުންގެ ތެރޭގައި މެމީ މޯލްޑިވްސް، ހޭންޑްބޯޅަ ނޭޝަން، ގަނޑުވަރު މޮބައިލް، އެޗްޑީސީ، އެޑިޓް ފެބްރިކޭޝަން އަދި މޮރޯ މޯލްޑިވްސް ހިމެނޭއިރު، މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ގާފު ސްޕޯޓްސް އެވެ.
ގުޅުންހުރި

ހާޒިމް ފަހުވަގުތު ކާމިޔާބުކުރި ލަނޑާއެކު މައިލޯ ސިޓީން އާކް ބަލިކޮށްފި
