
ތަފާތުބޮޑު ނަތީޖާއަކުން އީގަސް ބަލިކޮށް މާޒިޔާ އިން ޗެންޕިއަންކަން ހޯދައިފި
# އެފްއޭއެމް# ދިވެހި ކުޅިވަރުމާޒިޔާ ކުޅުންތެރިން ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ... ފޮޓޯ: އަދަދު ސްޕޯޓްސް
ފުޓުބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގެ ފައިނަލުގައި ފަސޭހަކަމާއެކު 6-1 ގެ ތަފާތުބޮޑު ނަތީޖާއަކުން ކްލަބު އީގަލްސް ބަލިކޮށް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބުން މުބާރާތުގެ ޗެންޕިއަންކަން ހޯފައިފިއެވެ.

މުބާރާތުގެ ފައިނަލުން މާޒިޔާ ޖާގަހޯދީ ސެމީފައިނަލްގެ ފުރަތަމަ މެޗުގައި އޮޑި ސްޕޯޓްސް ކުލަބާއި ދެކޮޅަށް ކުޅުނު މެޗު 2-2 ގެ ނަތީޖާއަކުން އެއްވަރުވެ ނަތީޖާ ނެރުމަށްޖެހި ޕެނަލްޓީގައި6-5 ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ. އަދި އީގަލްސް ފައިނަލުން ޖާގަހޯދީ ސެމީފައިނަލުގެ ދެވަނަ މެޗުގައި 2-0 ގެ ނަތީޖާއަކުން ޓީސީ ބަލިކުރުމަށްފަހުއެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުފެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ވަރަށް ކުރީކޮޅު އީގަލްސް އިން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑުހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އައްޝަމް އިބްރާހީމް މުހައްމަދު އެވެ. އަދި މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-0 ގެ ނަތީޖާއަކުން އީގަލްސް ކުރީގައި އޮވެގެންނެވެ.
ނަމަވެސް މެޗުގެ ދެވަނަ ހާފުގައި މާޒިޔާ އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މިހާފުގައި އެޓީމުން ވަނީ ހަ ލަނޑު ކާމިޔާބުކޮށްފައެވެ.
އެގޮތުން މިހާފުގައި އެޓީމުގެ އަނޫފް އަބްދުﷲ އަދި މުހައްމަދު އިލާން އިމްރާން މިއިން ކޮންމެ ކުޅުންތެރިއަކު ދެލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ އައިދާން އަހުމަދު މޫސާ އަދި ނައްސާހް އިބްރާހީމް ނާސިރު މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ އެއްލަނޑު ކާމިޔާބުކޮށްފައެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މާޒިޔާގެ ނައްސާހް އިބްރާހީމް ނާސިރު އެވެ. އޭނާ ވަނީ މިމެޗުގައި އެއްލަނޑު ކާމިޔާބުކުރުމުގެ އިތުރުން އިތުރު ހަތަރު ޖެހުމަށް އެހީތެރިވެދީފައެވެ.