ތިނަދޫއަށް ޓެކްސީގެ ޚިދުމަތް ތަޢާރަފްކުރި "ލެޖެންޑުގެ" ވާހަކަ!
ހުސައިން އަހްމަދު
4/1/2021, 7:59:17 AM
IMG_4055
އެއީ މީގެ 25 އަހަރު ކުރި އެވެ. 1996 ވަނަ އަހަރެވެ. އެއިރުވެސް ތިނަދޫ އަކީ މުޅި ހުވަދު އަތޮޅުގެ މައި ހަބެވެ. އަތޮޅުގެ އެންމެ އާބާދީ ބޮޑު އަދި އެހާރުގެ ނިސްބަތުން އެންމެ ވަސީލަތްތައްވެސް ފުރިހަމަ ރަށެވެ. މިއަދެކޭ އެއް ގޮތަށް އެހާރުވެސް އެ އަތޮޅުގެ އެންމެ ކުރިއަރާފައިވާ ރަށެވެ. އަތޮޅުގެ އެކި ރަށްރަށުން ޚިދުމަތްތައް ހޯދަން އެރަށަކަށް އަރައި ފައިބާ ހަދާ ގދ. އަތޮޅުގެ ވެރިކަން ކުރާ ގދ. ހަވަރު ތިނަދޫ އެވެ.
ތިނަދޫގެ ދިގު ތާރީޚުގައިވެސް 1996 ވަނަ އަހަރު ފާހަގަވަނީ އެރަށަށް އިންގިލާބެއް ގެނެސްދިން މުޅިން އައު ޚިދުމަތެއް ތައާރަފްވެގެން ދިޔަ އަހަރަކަށެވެ. އެއީ އެ ރަށުގެ އެތެރޭގެ ދަތުރުފަތުރުގެ ނިޒާމަށް ތައާރަފްވި ޓެކްސީގެ ޚިދުމަތް ފެށުނު އަހަރެވެ. އެއިރު ތިނަދޫގައި އެއްގަމު އުޅަނދު ވަރަށް މަދުވާނެ އެވެ. ގިނަވާނީ ބައިސްކަލުތަކެވެ. ސައިކަލެއް މަދުން ނޫނީ ނުފެންނަ އިރު ކާރެއް ފެނިއްޖެއްޔާ ރަށު އެންމެން އޭގެ އިސްތިގުބާލުގައި މަގުމައްޗަށް އެއްވާނެ އެވެ.
އެއިރު ތިނަދޫގެ ޙާލަތަކީ އެ ދުވަސްވަރު ރާއްޖޭގެ އެހެން ރަށްރަށާ އަޅާބަލާއިރު ގާތްގަނޑަކަށް ހަމަ އެއް ހާލެކެވެ. އަތޮޅު ތެރެއިން ރަށަށް އަންނަ މީހުން ރަށު ތެރޭގައި އުޅެން ޖެހެނީ ފައި މަގުގައެވެ. ރަށަކީ އަތޮޅުގެ އެހެން ރަށްރަށާ އަޅާބަލާއިރު ބިން ބޮޑު ރަށެއް ކަމުން ތަކުލީފަކަށްވިޔަސް އެއިރު ހިނގާފައި އުޅުން ނޫން ގޮތެއް އެ މީހުންނަށް ނޯވެއެވެ. އެއީ ރަށުން ބޭރު މީހުންގެ ވާހަކަ އެވެ. ތިނަދޫގެ ރަށްވެހިންނަށްވެސް އޮންނަނީ ހަމަ އެ އުސޫލެވެ. ކުއްލިއަކަށް ބަލިވެގެން އެއިރުގެ ސިއްޙީ މަރުކަޒަށްވެސް ދާން ޖެހެނީ ހިނގާފައެވެ. އަދި ވިއްސާރަވެ ވާރޭ ވެހެން ފަށައިފިނަމަ ގިނަ ފަހަރު ތިބެން ޖެހެނީ ތަނަކަށް ނުދެވިފައެވެ.
އެއީ ތިނަދޫގެ އެހާރެވެ. އެއިރު ތިނަދޫގެ ބިމާ އަޅާ ބަލާއިރު މިއަދު ތިނަދޫގެ ބިމުގެ ބޮޑުމިން 200 ގުނަ ބޮޑެވެ. އެއީ 2000ގެ ކުރީކޮޅުގެ އަހަރުތަކުގައި ތިނަދޫގެ އުތުރު ފަރާތުން މާފުށްޓާ ހަމައަށް ހިއްކި ބިމާއި، 2017 ވަނަ އަހަރު އެރަށު އުތުރުފަރާތުން އަނެއްކާވެސް ހިއްކި ބިމާ ލައިގެން، ރަށުގެ ބިމަށް އިތުރުވި އެތައް ހެކްޓަރުގެ ސަރަޙައްދާ އެކުއެވެ.
"ޕިކަޕެއް އަޅުގަނޑު ކުރިން ދުއްވީ. ދުއްވަމުން އަންނަނިކޮށް މި ޚިޔާލު އަޅުގަނޑަށް ލިބުނީ ވާރޭ ވެހުނު ދުވަހަކު މީހުން ތަންތަނަށް ދާން ޕިކަޕަށް ގުޅީމަ އެހިސާބުން އަޅުގަނޑަށް އެނގުނީ ޓެކްސީގެ ޚިދުމަތް ރަށުގެ ރައްޔިތުން ބޭނުންވާކަން. އެކަން އެނގިގެން މި ރަށުގެ ޓެކްސީ ކުރަން އަލަށް ފެއްޓީ އަޅުގަނޑު"
މިއީ ތިނަދޫއަށް ޓެކްސީގެ ޚިދުމަތް ތައާރަފްކުރި، އެރަށު ފޭރުމާގެ މުޙައްމަދު ޙަސަން ދީދީ، އެންމެން ދަންނަ ނަމުން ނަމަ "ޑީޑީ" އޭނާގެ ވާހަކަ ކިޔައިދެމުން ފަށައިގަތް ގޮތެވެ. އޭނާ ޓެކްސީ ކުރަމުން އަންނަތާ މިހާރު 25 އަހަރު ވީ އެވެ. އެ ޚިދުމަތް ޑީޑީ ފެށީ އޭނާގެ އެންމެ ޒުވާން އުމުރުފުރައިގައެވެ. އުމުރުން 23 އަހަރުގައެވެ. ޓެކްސީ ކުރަން ފެށުމުގެ ކުރިންވެސް ޑީޑީ އަކީ ދަތުރުފަތުރުގެ ކަންކަން ރައްޔިތުންނަށް ފަހިކުރުމަށްޓަކައި ޕިކަޕުގެ ޚިދުމަތް ދެމުން އައި މީހެކެވެ. އެއިރު އަތުގައި މާ ގިނަ ފައިސާއެއްވެސް ނުހުރެ އެވެ. ޑީޑީއަށް ފުރަތަމަ ކާރު ގަނެދިނީވެސް ގާތް ރަޙުމަތްތެރިއެކެވެ.
ފުރަތަމަ ކާރެއް ގަންނަން އަޅުގަނޑުގެ ރައްޓެއްސެއް ލާރި ދިނީ. އޭގެ ފަހުން އަޅުގަނޑު އަމިއްލައަށް ދެން އެފަހުން ކާރު ގަނެ މިހިސާބަށް ކުރިއަށް މިއައީ. މިހާރު އެބައޮތް ފަސް ކާރު. އަދި ދެ ޕިކަޕް އެބަ ގެންގުޅެން،"
ރައްޓެއްސެއްގެ އެހީއާއެކު އެންމެ ކާރަކުން ޑީޑީ ފެށި ޓެކްސީ ވިޔަފާރި މިއަދު ވެފައިވަނީ އަތޮޅުތެރޭގެ ރައްޔިތުންނާއި ތިނަދޫގެ ރަށްވެހިންނަށްވެސް މުޙިއްމު ޚިދުމަތަކަށް ވެފައެވެ. އެ ޚިދުމަތުގެ ނަފާ ޑީޑީއަށް ވަރަށް ފުރިހަމަށް ލިބެއެވެ. އެ ވިޔަފާރިން ލިބުނު ނަފާއިން ޚިދުމަތަށް އިތުރު ކާރުތަކެއް ގުޅުވާލިއިރު ގަނެވުނު ކާރުތަކުގެ އަދަދު ވަރަށްވެސް ގިނަ އެވެ. ބައެއް ކާރުތައް ގަނެ ވިއްކާލާފައިވެސް ވާނެ އެވެ. މިއަދު ޑީޑީ ގެންގުޅޭ ކާރުތަކަކީ ރާއްޖޭގެ މާޙައުލާވެސް ގުޅޭ ޒަމާނީ ފެންވަރުގެ ކާރުތަކެކެވެ.
މީގެ އިތުރުން ޓެކްސީގެ ޚިދުމަތުން ލިބުނު ނަފާއިން ޑީޑީގެ ހަޔާތާއި ދިރިއުޅުމަށްވެސް ވަނީ ބޮޑެތި ކުރިއެރުންތަކެއް ލިބިފައެވެ. ޑީޑީގެ ކައިވެންޏަށް ހަތް ދަރިން ލިބިފައިވާއިރު އެ ދަރިންގެ ހުރިހާ ޚަރަދެއް ބަލަހައްޓަމުން ވިޔަފާރިއަށް އިތުރު ކާރުތައް ގަތުމަށް އިންވެސްޓު ކުރީވެސް ހަމަ އެކަނީ ޓެކްސީކޮށްގެން ލިބޭ ފައިދާއިންނެވެ.
ޑީޑީގެ ޚިދުމަތް ލިބިފައިނުވާ ރައްޔިތެއް ހުވަދު އަތޮޅުގައި މަދުވާނެ އެވެ. "ކާރު ޑީޑީ" އޭ ބުނުމުން އަތޮޅު ތެރޭގެ ހުރިހާ ރައްޔިތުންނަށްވެސް އެއީ ކާކުކަން އެނގޭނެ އެވެ. ޑީޑީ ޤަބޫލުކުރާ ގޮތުގައި އޭނާ ތިނަދޫއަށް ޚިދުމަތްކުރާތާ 25 އަހަރުވެފައިވާއިރު އޭނާގެ މޭސްތިރިކަމުގެ ދަށުން ފެށި އެ ޚިދުމަތުން މިއަދު ގިނަ ބަޔަކަށް ވަނީ ފަސޭހަތަކެއް ވެފައެވެ.
އަޅުގަނޑުގެ ޚިދުމަތް ރައްޔިތުން ހަމަ ވަރަށް ބޮޑަށް ބަލައިގަނޭ. މި ރަށުގެ 80 ޕަސެންޓެއްހާ މީހުން ހަމަ ޔަގީނުންވެސް އަޅުގަނޑުގެ ޚިދުމަތް ބަލައިގަނޭ.
ތިނަދޫގައި ޓެކްސީގެ ޚިދުމަތް ތައާރަފްކުރި ޑީޑީ ވެގެންދިޔައީ މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް19ގެ ބަލިމަޑުކަމުގެ ތެރޭގައި މީހުން އުފުލުމާއި ޓެކްސީ ޚިދުމަތް ދިނުމުގައިވެސް ރާއްޖެއިން ނަމޫނާ ދެއްކި މީހެއްގެ ގޮތުގައެވެ. އެގޮތުން އެ ބަލިމަޑުކަން ރާއްޖޭގައު ފެތުރެން ފެށުމާއެކު ޑީޑީ ވަނީ އޭނާގެ ކާރުގައި ޕާޓިޝަން ޖަހައި ޕެސެންޖަރ ސީޓުގައި ތިބޭ މީހުން ޑްރައިވަރާ ކޮންޓެކްޓް ނުވާ ގޮތަށް ކާރުގެ އިންޓީރިއާ މޮޑިފައިކޮށްފައެވެ. ޑީޑީގެ އެ އީޖާދާއެކު ތިނަދޫ އާއި ރާއްޖޭގެ އެހެން ރަށްރަށުގައިވެސް ޓެކްސީތައް ވަނީ އެ ކޮންސެޕްޓަށް ބަދަލުކޮށްފައެވެ.
ކޮވިޑާ ގުޅިގެން އަޅުގަނޑު ކާރުގަ ޕާޓިޝަނެއް ޖެހިން. ޕާޓިޝަންޖެހީ އަސްލު އަޅުގަނޑަކީ ކާރު ދުއްވުމުގެ ކުރިން ވަޑާންކުރި މީހެއް. އެހެންވެސް އައި ޚިޔާލެއް އެއީ. އެއީ ވަރަށް ފަސޭހައިން ވެދާނެ ކަމެއް ކަން އެނގޭތީ އެކަން ކުރީ. އަޅުގަނޑާއި އަޅުގަނޑުގެ ދެތިން ރައްޓެއްސަކާއެކު އެންމެ ރެއެއްގެ މަސައްކަތުން ކާރުގައި ޕާޓިޝަން ޖެހީ. އެއީ ކޮވިޑް ރާއްޖޭގައި ފެތުރެމުންދާކަން އިއުލާންކުރި ފުރަތަމަ ރޭ. އެ އީޖާދާއެކު ޓެކްސީ ޑްރައިވަރުންނަށް ލިބުނު ކުރިއެރުމަށް ވަރަށް ބޮޑަށް ފަޚުރުވެރިވަން"
ޑީޑީ ޓެކްސީ ކުރަން ފެށިފަހުން އެ މަސައްކަތުގައި އުޅޭ އުޅުމުގައި ލިބޭ އެންމެ އުފާވެރި ކަމަކީ އެންމެ ކުޑައިރު ވިހައިގެން އުޅޭ ކުދިން ކާރަށް ލައިގެން ހޮސްޕިޓަލުން ގެއަށް ލައި ހަދާއިރު ކާރުގައި ގެއަށް ގެންދާ ކުއްޖާ ބޮޑުވެ، އެ ކުއްޖާއަށްވެސް ދަރިންލިބި އެ ކުދިން "ޑީޑީބެ" އޭ ގޮވާލުމުން ކުރެވޭ އިޙުސާސެވެ. ޑީޑީގެ ޚިދުމަތުގެ 25 އަހަރުވީ ދިގު މުއްދަތުގައި އޭނާ ވަނީ ތިނަދޫގެ ޖީލުތަކަކަށް ޚިދުމަތް ފޯރުކޮށްދީފައެވެ.
މިހާރު އުމުރުން 52 އަހަރުގެ ޑީޑީގެ ވިސްނުމުގައި އަދިވެސް ޓެކްސީ ކުރުން ހުއްޓާލާ ޚިޔާލެއް ނެތެވެ. އަދިވެސް ބޭނުންވަނީ ރައްޔިތުންނަށް ޚިދުމަތްކުރުމުގައި، ޓެކްސީ ކުރުމުގައި ދެމިހުރުމަށެވެ. އަދި ޓެކްސީ ކުރުން ހުއްޓާލަން ވިސްނާފައި ހުރީ ލޯބޯކޮށިވެ ޓެކްސީ ނުދުއްވޭ ވަރަށް އުމުރުން ދުވަސްވުމުންނެވެ.
ކޮންމެއަކަސް ޑީޑީ ތިނަދޫއާއި ހުވަދު އަތޮޅުގެ ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ޚިދުމަތަކީ މުހިއްމު އަދި އެހާމެ ބޭނުންތެރި ޚިދުމަތެކެވެ. ތިނަދޫގެ ކޮންމެ ރައްޔިތަކުވެސް ޖީލުތަކަކަށް ދެމިގެންގޮސްފައިވާ އެ ޚިދުމަތުގެ އަގު ވަޒަން ކުރާނެ އެވެ. ޑީޑީއަކީ ތިނަދޫއަށް އުފަންވި "ލެޖެންޑް" އެކެވެ.
"ގާފު" އިން ޑީޑީއާ ކުރި އިންޓަވިއު ނިންމައިލީ ޑީޑީ އޭނާގެ ކަސްޓަމަރުންނަށް ދޭން ބޭނުންވި މެސެޖަކުންނެވެ.
'އަޅުގަނޑުގެ ކަސްޓަމަރުންނަށް އަޅުގަނޑު ދޭން އޮތް މެސެޖަކީ އެމީހުންގެ ފަރާތުން އަޅުގަނޑަށް ވަރަށް އުއްމީދީ ވާހަކަތަކެއް ލިބޭ. އެއީ އެބޭފުޅުން ބޭނުންވަނީ އަޅުގަނޑު ކާރުގަ ޓެކްސީ ކުރުމުގަ ހުރުން ގިނަ ދުވަހު. އެހެންވެ މިހިސާބަށް މިއާދެވުނީ. ކަސްޓަމަރުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. އަޅުގަނޑު މިހާތަނަށް ކުރި މަސައްކަތުން އަޅުގަނޑު އަތުގަ މިހާރު އޮތީ ދެ ޕިކަޕާ 5 ކާރާ، އެއީ ޕްރައިވެޓް 2 ކާރާއި 3 ޓެކްސީ އާ. މިކަމުން އަޅުގަނޑަށް ކުރިއަށް ދެވޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަން"