logoEN
Sto top
މިހާތަނަށް 77ހާސް ބިދޭސީންގެ މަޢުލޫމާތު އެއްކޮށްފި - އިހްސާން

މިހާތަނަށް 77ހާސް ބިދޭސީންގެ މަޢުލޫމާތު އެއްކޮށްފި - އިހްސާން

އަހުމަދު ޝުރާއު

logo

2/25/2025, 9:12:27 AM

# އަލީ އިހްސާން

--

ރާއްޖޭގެ އެކި ކަންކޮޅުތަކުން މިހާތަނަށް 77ހާސް ބިދޭސީންގެ މަޢުލޫމާތު އެއްކޮށްފައިވާ ކަމަށް ދާޚިލީ ސަލަމާތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

Wamco

ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރާ މަސައްކަތުގެ ފުރަތަމަ މަރުހަލާގެ ދަށުން "އޮޕަރޭޝަން ކުރަނގި" ފަށާފައިވަނީ މިދިޔަ އަހަރުގެ މެއި މަހުގެ 02ވަނަ ދުވަހުއެވެ. މި އޮޕަރޭޝަންގެ ފުރަތަމަ މަރުހަލާގެ ބޭނުމަކީ ރާއްޖޭގައި ތިބި ހުރިހާ ބިދޭސީންނަކީވެސް ގަވާއިދުގެ ތެރޭގައި މަސައްކަތް ކުރާ ބަޔަކަށް ހެދުމެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ 17 ނޮވެންބަރު 2023 އިން ފެށިގެން މިއަދާ ހަމައަ 40 ހާސް މީހުން ރެގިއުލަރައިޒްކޮށްފައިވާ ކަމަށާއި އަދި 77 ހާސް މީހުންގެ ބަޔޯމެޓްރިކް ޑޭޓާ މިހާތަނަށް ނަގާފައިވާ ކަމަށެވެ.

ރާއްޖޭގައި ޤާނޫނާއި ޤަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. އެގޮތުން މިމައްސަލަ ހައްލުކުރުމަށް ތަންފީޒީ އިދާރާތައް ގުޅިގެން މިދިޔަ އަހަރު ވަނީ މަސައްކަތްތަކެއް ފަށާފައެވެ.

ރާއްޖޭގައި ޤަވާއިދާޢި ޚިލާފަށް އުޅެމުންދާ ބިދޭސީން ފޮނުވާލުމުގެ އިތުރުން، ޤަވާއިދުގެ ތެރެއަށް ވަންނަން ބޭނުންވާ ބިދޭސީންނަށް އެފުރުސަތުވެސް ސަރުކާރުން ދަނީ ފޯރުކޮށްދެމުންނެވެ. އަދި ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ އެއްކޮށް، ނިޒާމީ ގޮތުން މިމައްސަލަ ހައްލުކުރުމަށް ދިމާވެފައި ހުރި ގޮންޖެހުންތައް ހައްލުކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.

މަޖިލީހަށް މިހާރު ހުށަހެޅިފައިވާ ވަޒީރުގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި، ޖަވާބުދާރިވެވަޑައިގަންނަވަމުން ވަޒީރު ވަނީ ފާއިތުވި ދުވަސްތަކުގައި ވުޒާރާގެ އެކި މުއައްސަސާތަކުން ނެރެފައިވާ ނަތީޖާތަކުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާ ވާހަކަ ދައްކަވާފައެވެ.

އެގޮތުން ވަޒީރު ވިދާޅުވީ ދައުރު ފެށުނުއިރު މީހުން ދިރިއުޅޭ 70 ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމްކޮށްފައިނުވާ ކަމަށާއި ނަމަވެސް މިހާރު އެ އަދަދު ހުރީ 39އެއްގައި ކަމަށެވެ.

ވަޒީރު ވަނީ މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ލިބޭނެ ކަމުގެ ޔަގީންކަން މަޖިލީހުގައި ވާހަކަ ދައްކަވަމުން ދެއްވާފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside