
16 ޓީމާއެކު މަރަދޫ ސްޓްރީޓް ސޮކާ ޗެލެންޖް 2025، އަންނަ މަހު ހައެއްގައި ފަށަނީ
# ދިވެހި ކުޅިވަރު # ސްޓްރީޓް ސޮކާ# މަރަދޫ ސްޓްރީޓް ސޮކާ ޗެލެންޖް 2025މަރަދޫ ސްޓްރީޓް ސޮކާ ޗެލެންޖް 2025
ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ސްޓްރީޓް ސޮކާ މުބާރާތް "މަރަދޫ ސްޓްރީޓް ޗެލެންޖް 2025" 16 ޓީމާއެކު އަންނަ މަހުގެ ހަވަނަ ދުވަހު ފެށުމަށް ތައްޔާރުވެއްޖެ އެވެ.

6 މާރިޗު 2025 އިން 24 މާރިޗު 2025 ގެ ނިޔަލަށް މަރަދޫގައި ކުރިއަށް ގެންދާ މިމުބާރާތަކީ މަރަދޫ ޔުނައިޓެޑް ސްޕޯޓްސް ކުލަބުގެ ފަރާތުން އިންތިޒާމްކޮށް އައްޑޫ ސިޓީގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން މަރަދޫގައި ބާއްވާ މިފަދަ ދެވަނަ މުބާރާތެވެ. އެގޮތުން މީގެ ކުރިން 2020 ވަނަ އަހަރު ވެސް އެކުލަބުން ވަނީ ވަރަށް ކާމިޔާބު ސްޓްރީޓް ސޮކާ މުބާރާތެއް މަރަދޫގައި ބާއްވާފައެވެ.
މަރަދޫ ޔުނައިޓެޑް ސްޕޯޓްސް ކުލަބުގެ ފަރާތުން އޮފިޝަލަކު ގާފު ސްޕޯޓްސްއަށް މައުލޫމާތުދިން ގޮތުގައި މިއަހަރުގެ މުބާރާތުގައި ޖުމްލަ 16 ޓީމަކުން ބައިވެރިވެފައިވާއިރު، މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބައިވެރިވި 16 ޓީމު ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމަށް މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ލިބިގެންދާނެއެވެ.
މީގެ އިތުރުން މިމުބާރާތަކީ އައްޑޫ ސިޓީގެ ޒުވާނުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމުގެ އިތުރުން ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމުގެ މަގުސަދުގައި ކުޅިވަރުގެ ތެރެއިން ޒުވާނުންނަށް އިތުރު ފުރުސަތުތަކެއް ހޯދައިދިނުމުގެ މަގުސަދުގައި އެކުލަބުން ބާއްވަމުން އަންނަ މުބާރާތެކެވެ. އަދި މީގެ އިތުރުން މުބާރާތުގެ ޗެންޕިއަން ޓީމަށް 20،000 އަދި ރަނަރަޕް ޓީމަށް 10,000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅާފައެވެ.