
--
ގައުމީ ޔުނިވަސިޓީގެ ދަރިވަރުންނަށް ކުރިއަށް ގެންދިޔަ ރާސްތާ ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

މި ޕްރޮގްރާމް ނިންމުމަށް، އެމްއެންޔޫ އޮޑިޓޯރިއަމްގައި އިއްޔެ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީންއެވެ. މި ރަސްމިއްޔާތުގައި، ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގެ އެގްޒެކެޓިވް ޑައިރެކްޓަރ، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަބްދުއްރަޙްމާންއާއި، ޕަބްލިކް ޓްރަސްޓް އެންޑް ކޮންފިޑެންސް މެނޭޖްމަންޓުގެ ހެޑް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ފާޠިމަތު ނަޝްވާއާއި، ގައުމީ ޔުނިވަސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢާއިޝަތު ޝެހެނާޒް އަދި ޔުނިވަސިޓީގެ ބައެއް އިސްވެރިންނާއި ދިވެހި ފުލުހުންގެ ޚިދުމަތުގެ ކޮމިޝަންޑް ބައެއް އޮފިސަރުންނާއި އެހެނިހެން ފުލުހުންގެ އިތުރުން ރާސްތާ ޕްރޮގްރާމުގެ ބައިވެރިންނާއި މުދައްރިބުން ބައިވެރިވެލެއްވިއެވެ.
މި ރަސްމިއްޔާތުގައި، ރާސްތާ ޕްރޮގްރާމުގެ ބައިވެރިންނަށާއި މުދައްރިބުން އަދި އެކި ގޮތްގޮތުން އެހީތެރިވެދެއްވި ފަރާތްތަކަށް ސެޓްފިކެޓް ދީފައިވެއެވެ.
މި ފެބުރުވަރީ މަހުގެ 13 އިން 16 އަށް ދ. ވާނީގައި ކުރިއަށް ގެންދިޔަ ރާސްތާ ޕްރޮގްރާމުގައި، ގައުމީ ޔުނިވަސިޓީގެ އެކި ކޯސްތައް ހިމެނޭގޮތަށް 69 ދަރިވަރުން ބައިވެރިވިއެވެ. މި ޕްރޮގްރާމުގައި، ސަވައިވަލް، ޓީމް ބިލްޑިންގ، ސެލްފް ޑިފެންސް، ލީޑަޝިޕް، ވޮލަންޓިއަރިޒަމް، ފިޒިކަލް ފިޓްނަސް، ރިވެތި އަދަބު، ގައުމިއްޔަތު އަދި ދީނީ ދަރުސް ކުރިއަށް ގެންގޮސްފައިވެއެވެ.
މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ޕަބްލިކް ޓްރަސްޓް އެންޑް ކޮންފިޑެންސް މެނޭޖްމަންޓާއި ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް އަދި ގައުމީ ޔުނިވަސިޓީ ގުޅިގެންނެވެ.