
ވެމްކޯ
ކުރިޔަށް އޮތް ރަމަޟާން މަހު މާލެ ސަރަަހައްދުގައި ވެމްކޯގެ ހިދުމަތްތައް ދޭނޭ ގަޑިތައް ކަނޑައަޅައިފި އެވެ.

ރޯދަ މަހަށް ވެމްކޯއިން ވެފައިވާ ތައްޔާރީތަކާއި ގުޅޭގޮތުން ރޭ ދައުލަތުގެ މީޑިއާ, ޕީއެސްއެމްއިން ގެނެސްދިން ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ވެމްކޯގެ އެސިސްޓެންޓް މެނޭޖަރު އަހްމަދު ސައީދު ވިދާޅުވީ މިހާރު ކުނި ނަގަނީ ހަވީރު 18:00 ފެށިގެން އެވަރެޖުކޮށް 02:00 ޖަހަންދެން ކަމަށެވެ. ނަމަވެސް، ރޯދަމަހު މާލޭގެ ކުނި ނަގަން ފަށާނީ ރޭގަނޑު 20:30 ފެށިގެން 02:30 އަށް ކަމަށާއި ހުޅުމާލެ ގޭބީސީތަކުންވެސް ކުނި ނަގަން ފަށާނީ ރޭގަނޑު 20:30 ފެށިގެން ކަމަށެވެ.
ހިޔާ ފްލެޓު ސަރަހައްދުގައި ކުނި ނެގުން ހެނދުނާއި ރޭގަނޑު ވެސް ކުރިޔަށް ގެންދިޔުމަށް ވަނީ ނިންމާފައި އެވެ. އެގޮތުން ވެމްކޯއިން ބުނީ ހިޔާ ފްލެޓް ސަރަހައްދުގައި ކުނި ނެގުމުގެ މަސައްކަތް ކުރިއަށް ދާނީ ހެނދުނު 09:00 އަކުން ފެށިގެން ހަވީރު 16:30 އަށާއި 21:00އިން ފެށިގެން 01:00 ޖަހަންދެން ކަމަށެވެ.
އަދި ބިލްޑިން ސާވިސްތަކުންވެސް ރޯދަ މަހު ކުނި ނަގާނީ 20:30 ފެށިގެން ކަމަށާއި ވިލިމާލޭގެ ގޭބިސީ ތަކުން ކުނިނެގުމުގެ ޚިދުމަތް ފަށާނީ ވެސް މާލެއެކޭ އެއްފަދައިން 20:30 ގައި ކަމަށް އެކުންފުނިން ބުނެއެވެ.
ރޯދަ މަހު ވެމްކޯގެ ކޯލް ސެންޓަރުން ހިދުމަތްދޭ ގަޑިތަކަށްވެސް ބަދަލު ގެންނަން ވަނީ ނިންމާފައި އެވެ. އެގޮތުން ރޯދަމަހު ވެމްކޯގެ ކޯލް ސެންޓަރު ހުޅުވާނީ 09:00 އަކުން 14:00އަށެވެ. އަދި 21:00 އިން 12:00 އަށެވެ.
ވެމްކޯއިން ބުނީ ރައްޔިތުން ވެސް އެގަޑިތަކަށް ހޭނި އެ ކަމަށް ފަރިތައްވުމަށްޓަކައި މި ބަދަލު އަންނަ އާދިއްތަ ދުވަހުން ފެށިގެން ގެންނަށް ނިންމާފައިވާ ކަމަށެވެ.