
--
ބޭންކް އޮފް މޯލްޑިވްސްއިން މި ރަމަޟާން މަހު ޢުމްރާއަށް ވަޑައިގަންނަވާ ޢުމްރާވެރިންނަށް ފަސޭހަކަމާއެކު ޑޮލަރު ގަތުމަށް ހާއްސަ އިންތިޒާމެއް ހަމަޖައްސައިފިއެވެ.

ބީއެމްއެލުން މިއަދު ބުނީ އެބޭންކުން ރަމަޟާން މަހު ޢުމްރާއަށް ވަޑައިގަންނަވާ ޢުމްރާވެރިންނަށް ޑޮލަރު ވިއްކުމުގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ މަސްޖިދުލް މަލިކް ސަލްމާން (ސަލްމާން މިސްކިތް) ކޮންފަރެންސް ހޯލް (5 ވަނަ ފަންގިފިލާ) އިންނާއި ބީއެމްއެލް ހުޅުމާލެ ބްރާންޗް މެދުވެރިކޮށް ބޭންކް ބަންދު ނޫން ދުވަސްތަކުގައި ކަމަށެވެ.
މި ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާ ވަގުތުތައް:
· 19 އިން 27 ފެބުރުވަރީ 2025، ހެނދުނު 9:00 އިން މެންދުރުފަހު 2:00 އަށް
· 2 އިން 13 މާރިޗު 2025، ހެނދުނު 9:30 އިން 11:30 އަށް
މަތީގައި ބަޔާންކޮށްފައިވާ ދުވަސްތަކުގައި ބީއެމްއެލް އިސްލާމިކް މާލެ ބްރާންޗް، މެއިން ބްރާންޗް އަދި ވިލިމާލެ ބްރާންޗުން ޢުމްރާވެރިންނަށް ޑޮލަރު ވިއްކުމުގެ ޚިދުމަތް ނުލިބޭނެއެވެ. ނަމަވެސް، މާލެ ސަރަޙައްދުން ބޭރުގައި ދިރިއުޅުއްވާ ކަސްޓަމަރުންނަށް އެންމެ ކައިރީގައިވާ ބްރާންޗަކުން ޑޮލަރު ގަތުމުގެ ޚިދުމަތް ލިބިވަޑައިގަންނަވާނެ ކަމަށް އެބޭންކުން ބުނެއެވެ.
ޢުމްރާވެރިންނަށް ވީހާވެސް ފުރިހަމައަށް މި ޚިދުމަތް ފޯރުކޮށްދިނުމަށް ބޭންކުން ބޭނުންވާ ހިނދު، އަންނަނިވި ކަންތައްތަކަށް ކަސްޓަމަރުން ސަމާލުކަން ދެއްވުމަށް ބީއެމްއެލުން އެދެއެވެ.
· ކޮންމެ ޢުމްރާވެރިއަކަށްވެސް ގިނަވެގެން ވިއްކާނީ 500 ޑޮލަރެވެ.
· އެއްފަހަރާ 5 ޢުމްރާވެރިންނަށް ވުރެ ގިނަނުވާ ގޮތަށް ޑޮލަރު ގަނެވޭނެއެވެ.
· ޑޮލަރު ގަތުމަށް ފައިސާ ދެއްކޭނީ ބީއެމްއެލް ޑެބިޓް ކާޑަކުން ނުވަތަ ނަގުދު ފައިސާއިންނެވެ.
· ޑޮލަރު ގަންނަ ވަގުތު ކޮންމެ ޢުމްރާވެރިއެއްގެ އައިޑީ ކާޑު ނުވަތަ ޕާސްޕޯޓް ހުށަހަޅަންވާނެއެވެ.
· ޢުމްރާވެރިއެއްގެ ބަދަލުގައި އެހެން ފަރާތަކުން ޑޮލަރު ގަންނަނަމަ، އެފަރާތެއްގެ އައިޑީ ކާޑުވެސް ހުށަހަޅަންވާނެއެވެ.
· ބޭންކުން ޑޮލަރު ވިއްކާނީ ޢުމްރާ ގްރޫޕްތަކުން ހުށަހަޅާފައިވާ ޢުމްރާވެރިންގެ ލިސްޓުގައި ހިމެނޭ ފަރާތްތަކަށެވެ.
އެހެނިހެން ޢުމްރާވެރިންނަށް ޔޫއެސްޑީ ބުކިންގ ޕޯޓަލް މެދުވެރިކޮށް ޑޮލަރުގެ މުޢާމަލާތް ފުރިހަމަކޮށްގެން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޑިޕާޗަރ ހޯލުން ޑޮލަރު ނެންގެވޭނެކަންވެސް ބޭންކުން ވަނީ ހާމަކޮށްފައި އެވެ.
ގުޅުންހުރި

އަސާސީ ބޭނުންތައް ފުއްދުމަށް ދަތި އާއިލާތަކަށް ބީއެމްއެލް މުވައްޒަފުންގެ ދީލަތި އެހީއެއް!

ބީއެމްއެލުން ޢުމްރާވެރިންނަށް ފަސޭހައިން ޑޮލަރު ގަނޭވެނެ އިންތިޒާމް ހަމަޖައްސައިފި

ބީއެމްއެލް އިން އައްޑޫގައި ޑޮލަރު އޭޓީއެމްގެ ޚިދުމަތް ފަށައިފި
