
--
ކުނި މެނޭޖްކުރާ ސަރުކާރުގެ މައި ކުންުފުނި, ވެމްކޯއިން މިދިޔަ އަހަރު ފެށި ރިސޯޓު ވޭސްޓް ކަލެކްޝަން ހިދުމަތާއި ރާއްޖޭގެ ފަތުރުވެރިކަމުގައި ފާހަގަކޮށްލެވޭ ވެލާ ޕްެރައިވެޓް ރިސޯޓުން ގުޅިއްޖެ އެވެ.

މިއަދު ވެމްކޯގައި އޮތް ޚާއްސަ ރަސްމިއްޔާތެއްގައި ވެލާ ރިސޯޓާއި ވެމްކޯއާއި ދެމެދު މި ހިދުމަތް ދިނުމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައި އެވެ. އެގޮތުން މި އެއްބަސްވުމުގައި ވެމްކޯގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު މުޖުތަބާ ޖަލީލް އެވެ.
ވެމްކޯއިން މިއަދު ބުނީ ވެލާ އާއި އެކު ސޮއިކުރެވުނު އެއްބަސްވުމާއި އެކު ތިމާވެށީގެ ކަންކަމުގައި އެފަރާތުން ދޭ ޚާއްސަ އަހައްމިއްޔަތުކަން ސާބިތުވެގެންދާ ކަމަށާއި މި އެއްބަސްވުމުގެ ސަބަބުން، ރިސޯޓް އިންޑަސްޓްރީގައި ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރުމުގެ އޮނިގަނޑެއް ޤާއިމުކުރުމުގައި، ދެ ފަރާތުން ހިޔާލު ބަދަލުކުރެވިގެންދާނެ ކަމަށެވެ.
ވެމްކޯއިން ބުނީ އެކުންުފުނިން ރިސޯޓް ވޭސްޓް ކަލެކްޝަންގެ ޙިދުމަތް އިފްތިތާހުކުރީ ރިސޯޓްތަކުން، ވެމްކޯގެ ސަރަޙައްދީ ޓްރާންސްފާރ ސްޓޭޝަންތަކަށް ކުނި ގެންދިޔުމުގައި ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހޭތީ، މި މައްސަލަ ހައްލުކުރުމުގެ ގޮތުން ކަމަށާއި އެހެންކަމުން، މި ޚިދުމަތަށް ރަޖިސްޓްރީކުރާ ހުރިހާ ރިސޯޓްތަކަށްވެސް ވެމްކޯގެ އުޅަނދުތަކުގައި ކުނި ނަގައިދިނުމުގެ ޚިދުމަތްދޭނެކަމަށެވެ.
ދިވެހި ރާއްޖޭގެ ކުނި މެނޭޖްކުރުމާއި ބެހޭ ގަވައިދުގައިވާގޮތުންނަމަ، ރިސޯޓްތަކުން ކުނި ނަގަންވާނީ ޕްލާސްޓިކް، ބަދިގެ ކުނި، ބިއްލޫރި، މައުދަން އަދި އެހެނިހެން ކުނި ހިމެނޭހެން 4 ބަޔަށް ވަކިކުރުމަށް ފަހުގަ އެވެ. އަދި މިހަމަތަކުގެ މަތީން ކުނި ވަކިކުރުމުން، ދެމެހެއްޓިނިވި ގޮތެއްގައި ފަތުރުވެރިކަމަށްވެސް ރަނގަޅު އަސަރުތަކެއް ކުރާނެއެވެ.