
އަހަރުގެ މިހާތަނަށް 7 ރަށެއްގައި އައިޑީކާޑުގެ ހިދުމަތް ފަށައިފި
# ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާ--
އައިޑީކާޑުގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަޝްރޫއުގެ ދަށުން މިހާތަނަށް 7 ރަށެއްގައި މި ޚިދުމަތް ފަށައިފިއެވެ.

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ޕާސްޕޯޓުގެ ޚިދުމަތް ރައްޔިތުންނާ ގާތުން އަވަހަށް ފޯރުކޮށްދިނުމުގެ ކަންކަން މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަޝްރޫއު އިފްތިތާހުކޮށްފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 16ވަނަ ދުވަހުއެވެ.
ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންނާއި ގާތުން މި ޚިދުމަތް ދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވައުދުފުޅެކެވެ.
އެމަނިކުފާނުގެ މި ވަޢުދުފުޅުގެ ދަށުން ހއ. އިހަވަންދޫ، ހއ. ދިއްދޫ، ހއ. ކެލާ، ރ. އުނގޫފާރު، ރ. އަލިފުށީގެ އިތުރުން ނ. މަނަދޫ އާއި ކެނދިކުޅުދޫގައިވެސް މި ޚިދުމަތް މި އަހަރު ވަނީ ފައްޓާފައެވެ. އަދި މި މަހުގެ ތެރޭގައި ހދ. މަކުނުދޫ އަދި ފ. ނިލަންދޫގައި އައިޑީކާޑުގެ ޚިދުމަތް ފެށިގެންދާނެއެވެ.
އައިޑީކާޑު، ޕްރިންޓް ކުރުމުގެ ޚިދުމަތް ފުރަތަމަ ފަހަރަށް އަތޮޅުތެރޭގެ ރަށެއްގައި ފަށާފައިވަނީ ގއ. ވިލިނގިލީގައެވެ. އަދި މި ޚިދުމަތް ދ. ކުޑަހުވަދޫގައި ފެއްޓީ މިދިޔަ އަހަރުގެ ނޮވްމެބަރު މަހުގެ 5ވަނަ ދުވަހުއެވެ.
މީގެ އިތުރުން އައިޑީކާޑް ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތް ހުޅުމާލެ އާއި ވިލިމާލޭގައިވެސް މިދިޔަ އަހަރު ވަނީ ފަށާފައެވެ.
އޮފީސްތައް ޤާއިމްކޮށްފައިވާ ތަންތަން:
• ހުޅުމާލޭގެ ފުރަތަމަ ފިޔަވަހި - ޢުމަރު ޒާހިރު ބިލްޑިންގ، ތިރީ ފަންގިފިލާ
• ހުޅުމާލޭގެ ދެވަނަ ފިޔަވަހި - ވިނަރެސް ޓަވަރ 2،ގެ ފުރަތަމަ ފަންގިފިލާ
• ވިލިމާލޭ - އީ ބްލޮކް، ތިރީ ފަންގިފިލާ
އައިޑީކާޑާއި ޕާސްޕޯޓުގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަޝްރޫއު އެއްކޮށް ނިންމުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ނިޔަލަށެވެ.
ރާއްޖޭގައި ދިރިއުޅޭ ރައްޔިތުންގެ މަޢުލޫމާތު އެއްކޮށް އެއްތަނަކުން ބެލެހެއްޓުމުގެ މަސައްކަތް 1984 ވަނަ އަހަރު ފެށީ އައިޑެންޓިޓީ ކާޑު ޔުނިޓުންނެވެ. އެއަށް ފަހު އޮފީހުގެ ނަން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން އަށް ބަދަލުކުރީ 11 ނޮވެމްބަރު 1993ގައެވެ.
ޑީއެންއާރުގެ 174 ކަލެކްޓިން ސެންޓަރު ޤާއިމު ކޮށްފައިވާއިރު ފުރަތަމަ ފަހަރަށް އޮންލައިންކޮށް އައިޑީކާޑު ހެދުމުގެ މަަސައްކަތް ފެށީ ކޮވިޑާ ގުޅިގެން 2021 ގައެވެ. ކުރިން ބޭނުން ކުރަމުން އައި އޮންލައިން ޕޯޓަލްގެ ބަދަލުގައި ޑީއެންއާރު އޮންލައިން ޕޯޓަލްއެއް ޤާއިމުކޮށް އަމިއްލައަށް ކާޑަށް ހުށަހެޅޭގޮތް ހަމަޖެހުނީ 203 ވަނަ އަހަރުގެ މާރޗު މަހުގެ ތެރޭގައެވެ.
ގުޅުންހުރި

އޮޕަރޭޝަން ކުރަނގީގެ ޚާއްސަ ހަރަކާތެއް މިއަދު މާލެ ނޯތު ހާބަރު ސަރަހައްދުގައި!

ރޯދަމަހު އައިޑީކާޑު ހިދުމަތަށް ދޫކުރާނީ ދުވާލަކަށް 150 ނަމްބަރު!

މާލެ ފިޔަވައި އެހެން ރަށްރަށުގައި ވަޒީފާއަދާކުރާ ބިދޭސީންގެ ބައޯމެޓްރިކްސް އަޕްޑޭޓް ކުރުމުގެ ސުންގަޑިއަކަށް އަންނަ މަހު އެކެއް!
