
އޮޕަރޭޝަން ކުރަނގީގެ ޚާއްސަ ހަރަކާތެއް މިއަދު މާލެ ނޯތު ހާބަރު ސަރަހައްދުގައި!
# ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާ--
މާލެ ނޯތު ހާބަރު ސަރަހައްދުގައި އޮޕަރޭޝަން ކުރަނގީގެ ޚާއްސަ ހަރަކާތެއް މިއަދު ކުރިއަށްގެންދަން ނިންމައިފިއެވެ.

ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރާ މަސައްކަތުގެ ފުރަތަމަ މަރުހަލާގެ ދަށުން "އޮޕަރޭޝަން ކުރަނގި" ފަށާފައިވަނީ މިދިޔަ އަހަރުގެ މެއި މަހުގެ 02ވަނަ ދުވަހުއެވެ.
މި އޮޕަރޭޝަންގެ ފުރަތަމަ މަރުހަލާގެ ބޭނުމަކީ ރާއްޖޭގައި ތިބި ހުރިހާ ބިދޭސީންނަކީވެސް ގަވާއިދުގެ ތެރޭގައި މަސައްކަތް ކުރާ ބަޔަކަށް ހެދުމެވެ.
ގްރޭޓަރ މާލެ ސަރަޙައްދުގައި މަސައްކަތް ކުރާ ބިދޭސީންގެ ބައޯމެޓްރިކްސް އަޕްޑޭޓްކުރުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް، ވަޒީފާ ދޭ ފަރާތްތަކަށް ދާޚިލީ ވުޒާރާއިން އެންގީ މިމަހުގެ 02ވަނަ ދުވަހުއެވެ.
މި މަސައްކަތުގެ ދަށުން މާލެ ސަރަހައްދުގައި މިދިޔަ މަހުގެ 18ވަނަ ދުވަހު ބޮޑު އޮޕަރޭޝަނެއް ފަށާފަވާއިރު މާލެ ނޯތު ހާބަރު ސަރަޙައްދާއި، ލޯކަލް މާރުކޭޓް އަދި އަތޮޅު ފިހާރަތަކުގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިންނަށް ޚާއްސަކޮށް، މިއަދު މެންދުރުފަހު، 14:00އިން މިރޭގެ 22:00އަށް، ޚާއްސަ ހަރަކާތެއް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.
މި އިވެންޓް އޮންނާނީ، ނޯތު ހަބާރުގައި ހުންނަ (ދަ ޝޮޓް ހާބަރ ރެސްޓޯރަންޓް) ސަރަޙައްދުގައެވެ. އެހެންކަމުން މިސަރަޙައްދުގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިން، މިއިވެންޓުގައި ބައިވެރިކުރުމަށް ވަޒީފާދޭ ފަރާތްތަކަށް ދާޚިލީ ވުޒާރާއިން ވަނީ އެދިފައެވެ.
މާލެ ނޯތު ހާބަރު ސަރަހައްދުގައި އޮޕަރޭޝަން ކުރަނގީގެ ޚާއްސަ ހަރަކާތެއް މިއަދު ކުރިއަށްގެންދަން ނިންމާފަވާއިރު މާލެ ސަރައްޙައްދު ފިޔަވައި މީހުން ދިރިއުޅޭ ރަށްރަށުގައި ވަޒީފާއަދާ ކުރާ ބިދޭސީ މަސައްކަތްތެރިންގެ ބައޯމެޓްރިކްސް އަޕްޑޭޓް ކުރުމުގެ މަސައްކަތް އަންނަ މަހުގެ އެއްވަނަ ދުވަހުގެ ކުރިން ނިންމުމަށް ދާޚިލީ ވުޒާރާއިން ވަނީ ދާދި ފަހުން އެދިފައެވެ.
ވުޒާރާއިން ކުރި އިއުލާނުގައި ވަނީ ބައޯމެޓްރިކްސް އަޕްޑޭޓް ކުރުމުގެ މަސައްކަތް 2025 މާރިޗް 01ވަނަ ދުވަހުގެ ކުރިން ވަޒީފާދޭ ފަރާތުން ކައުންސިލްތަކާއި ގުޅިގެން ކުރިއަށް ގެންދިއުމަށް އެދިފައެވެ.
އަދި ރިޒޯޓްތަކާއި ސަފާރީތަކާއި، ދަނޑުވެރިކަން ކުރުމަށް ޚާއްސަކޮށް ދޫކޮށްފައިވާ ރަށްރަށުގައާ، އެހެނިހެން ސިނާއީ މަސައްކަތްކުރާ ރަށްތަކުގައި ވަޒީފާއަދާ ކުރާ ބިދޭސީންގެ ބައޯމެޓްރިކްސް އަޕްޑޭޓްކުރުމުގެ މަސައްކަތް 2025 އޭޕްރީލް 15ވަނަ ދުވަހުގެ ކުރިން އެން.ސީ.އައި.ޓީގައި ގާއިމްކޮށްފައިވާ ޖޮއިންޓް އޮޕަރޭޝަން ސެންޓަރ ނުވަތަ އެ ބިދޭސީ މުވައްޒަފަކު ވަޒީފާއަދާކުރާ ސައިޓަކާއި އެންމެ ކައިރީގައިވާ ކައުންސިލް އިދާރާއަކާއި ގުޅިގެން ކުރިއަށް ގެންދިއުމަށްވެސް ވުޒާރާއިން ވަނީ އެދިފައެވެ.
މި މުއްދަތުގެ ތެރޭގައި ބައޯމެޓްރިކްސް އަޕްޑޭޓް ނުކުރާ ފަރާތްތައް އެކްސްޕެޓް ސިސްޓަމްއިން ސަސްޕެންޑްކޮށް ޚިދުމަތް މެދުކަނޑާލެވޭނެ ކަމުގައި ވުޒާރާގެ އިއުލާނުގައިވެއެވެ.
ގުޅުންހުރި

އޮޕަރޭޝަން ކުރަނގީގެ ޚާއްސަ ހަރަކާތެއް މިއަދު މާލެ ނޯތު ހާބަރު ސަރަހައްދުގައި!

ރޯދަމަހު އައިޑީކާޑު ހިދުމަތަށް ދޫކުރާނީ ދުވާލަކަށް 150 ނަމްބަރު!

މާލެ ފިޔަވައި އެހެން ރަށްރަށުގައި ވަޒީފާއަދާކުރާ ބިދޭސީންގެ ބައޯމެޓްރިކްސް އަޕްޑޭޓް ކުރުމުގެ ސުންގަޑިއަކަށް އަންނަ މަހު އެކެއް!
