logoEN
Sto top
ވިނީގެ މޮޅު ކުޅުމާއެކު ރެއާލް އިން ފަހަތުން އަރައި ސިޓީ ބަލިކޮށްފި

ވިނީގެ މޮޅު ކުޅުމާއެކު ރެއާލް އިން ފަހަތުން އަރައި ސިޓީ ބަލިކޮށްފި

ހަސަން ޝަމްއޫން

logo

2/12/2025, 1:15:12 AM

# ބޭރު ދުނިޔޭގެ ކުޅިވަރު# ޔުއެފާ ޗެމްޕިއަންސްލީގު# މެންޗެސްޓާރ ސިޓީ# ރެއާލް މެޑްރިޑް

ރެއާލް މެޑްރިޑާއި މެންޗެސްޓާ ސިޓި ވާދަކުރި މެޗުގެ ތެރެއިން .

ޔުއެފާ ޗެންޕިއަންސް ލީގު ޕްލޭއޮފް ފުރަތަމަ ލެގުގައި ރޭ ރަށުން ބޭރުގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅުނު މެޗު ފަހަތުން އަރައި 3-2 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ޗެންޕިއަން ރެއާލް މެޑްރިޑުން މުބާރާތުގެ ރައުންޑް އޮފް 16 ގެ ފުރުސަތު ބޮޑުކޮށްފިއެވެ.

Wamco

މުބާރާތުގެ ޕްލޭއޮފް ބުރުން ރެއާލް މެޑްރިޑް ޖާގަހޯދީ ލީގު ބުރުގެ 11 ވަނަ ޓީމުގެ ގޮތުގައެވެ. އަދި މެންޗެސްޓާ ސިޓީ އިން ޕްލޭއޮފްގެ ޖާގައެއް ހޯދީ ލީގުބުރުގެ 22 ވަނަ ޓީމުގެ ގޮތުގައެވެ. އަދި މިދެޓީމު މިދިޔަ އަހަރުގެ މުބާރާތުގެ ކުއާޓާ ފައިނަލުގައި ވާދަކޮށްފައިވާއިރު، ޕެނަލްޓީގައި ކުރިހޯދީ ރެއާލް މެޑްރިޑުންނެވެ.

މެންޗެސްޓާ ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ، މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ މެންޗެސްޓާ ސިޓީ އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 19 ވަނަ މިނެޓިގައި ޑިފެންޑަރު ގުއާޑިއޯލް ތަނަވަސްކޮށްދިން ފުރުސަތެއްގައި ކާމިޔާބުކޮށްދިނީ ފޯވާޑް އެރްލިން ހަލާންޑް އެވެ.

ރެއާލް މެޑްރިޑުން މެޗުގެ ނަތީޖާއެއްވަރުކުރި ލަނޑު ދެވަނަ ހާފުގެ 60 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ކިލިއަން އެމްބާޕޭ އެވެ. އަދި ސިޓީން މިމެޗުގައި ދެވަނަ ފަހަރަށް ލީޑު ހޯދީ ފަހުހާފުގެ 80 ވަނަ މިނެޓުގައެވެ. މިލަނޑު ވެސް އެޓީމަށް ލިބުނު ޕެނަލްޓީއެއްގައި ކާމިޔާބުކޮށްދިނީ ހަލާންޑް އެވެ. އަދި މިއީ ޗެންޕިއަންސް ލީގުގައި ކުޅުނު 48 މެޗުގައި އޭނާ ކާމިޔާބުކުރި 49 ވަނަ ލަނޑެވެ.

ނަމަވެސް އޭގެ ހަމިނެޓް ފަހުން ރެއާލް މެޑްރިޑުން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ދެވަނަ ފަހަރަށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ބްރަހީމް ޑިއާޒް އެވެ.

އެޓީމު މިމެޗުން ރެއާލް މެޑްރިޑް މޮޅުވި ލަނޑު ފަހުހާފުގެ އިތުރުވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އިނގިރޭސި މިޑްފީލްޑަރު ޖޫޑް ބެލިންގްހަމް އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-2 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް ކުރީގައި އޮވެގެންނެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ރެއާލް މެޑްރިޑްގެ ބްރެޒިލް ފޯވާޑް ވިނީޝިއަސް ޖުނިއަރ އެވެ.

މިދެޓީމުގެ މެދުގައި ކުޅެވޭ ޕްލޭއޮފް ދެވަނަ ލެގުގެ މެޗުން މިމަހުގެ 20 ވަނަ ދުވަހުގެ ރޭ ރެއާލްގެ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާއިރު، މިއީ ސިޓީގެ ދަނޑުގައި ރެއާލް މެޑްރިޑުން ހޯދި ފުރަތަމަ މޮޅެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside