
--
އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުން، އެ ކޮމާންޑަށް ނިސްބަތްވާ ރަށްތަކުގައި "ފަޔަރ ޕްރިވެންޝަން ވީކް 2025" ހަރަކާތްތައް ފަށައިފިއެވެ.

ކޮންމެ އަހަރެއްގެ ރަމަޟާން މަހާ ދިމާކޮށް ކުރިއަށް ގެންދާ މި ހަރަކާތުގައި، ފެބުރުވަރީ 1 އިން ފެށިގެން އެއް ހަފުތާގެ މުއްދަތަށް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑަށް ނިސްބަތްވާ ރަށްތަކުގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން ފެބުރުވަރީ 2 ވަނަ ދުވަހު ބ.ފެހެންދޫ، ބ.ފުޅަދޫ އަދި ބ.ގޮއިދޫގައި ހަރަކާތްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި ފެބުރުވަރީ 3 ވަނަ ދުވަހު ބ.ކުޑަރިކިލި އަދި ހދ.ކުމުންދޫގައި ވަނީ އެ ހަރަކާތްތައް ކުރިއަށް ގެންގޮސްފައެވެ.
ފަޔަރ ޕްރިވެންޝަން ހަރަކާތުގައި ކައްކާ ގޭހާ ބެހޭގޮތުން ހޭލުންތެރިކުރުވުމާއި، ކަރަންޓްގެ ހާދިސާތަކުން ދިމާވެދާނެ އަލިފާނުގެ ހާދިސާއަށް ހޭލުންތެރިކުރުވުމާއި، އަދި އަލިފާންނިވި ބޭނުންކުރާނެ ގޮތްތަކާ ބެހޭ މަޢުލޫމާތު ދިނުމާއި، އަލިފާނުގެ ހާދިސާއެއް ދިމާވެއްޖެނަމަ އަމަލުކުރާނޭ ގޮތްތަކާބެހޭ ތަފާތު މަޢުލޫމާތު ޙިއްސާ ކޮށްފައިވެއެވެ.
މި ހަރަކާތުގައި މަޢުލޫމާތު ފޯރުކޮށްދެއްވީ، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ފަޔަރ އެންޑް ރެސްކިޔު ސަރވިސް ކޮމްޕޯނަންޓްގެ ފަޔަރ ފައިޓަރުންނެވެ.