ގްރޭޓަރ މާލެ ސަރަހައްދުގައި އުޅޭ ބިދޭސީންގެ ބައޯމެޓްރިކްސް އަންނަ މަހުގެ 15 ގެ ކުރިން އަޕްޑޭޓްކުރުމަށް އަންގައިފި
އަހުމަދު ޝުރާއު
2/2/2025, 6:29:12 AM
--
ގްރޭޓަރ މާލެ ސަރަހައްދުގައި އުޅޭ ބިދޭސީންގެ ބައޯމެޓްރިކްސް ޑާޓާއަށް އަންނަ މަހުގެ 15 ގެ ކުރިން އަޕްޑޭޓްކުރުމަށް ދާހިލީ ސަލާމަތާއި ފަންނިއްޔަތާއި ބެހޭ ވުޒާރާއިން އަންގައިފި އެވެ.
އެ ވުޒާރާއިން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ގްރޭޓާރ މާލެ ސަރަހައްދު ( މާލެ, ހުޅުމާލެ ފޭސް 1 , ފޭސް 2 , ވިލަމާލެ , ތިލަފުށި , ގުޅިފަޅު ) ގައި ވަޒީފާ އަދާކުރާ އެންމެހާ ބިދޭސީންގެ ބައޯމެޓްރިކްސް ( ފިންގަރޕްރިންޓް އަދި ފޮޓޯ ) އަޕްޑޭޓްކުރުމުގެ މަސައްކަތް 15 މާރިޗު ކުރިން ވަޒީފާދޭ ފަރާތުން އެ ވުޒާރާގެ ޑިޕާޓްމަންޓް އޮފް ފޮރިންގ ލޭބަރ އާއި ގުޅިގެން ކުރިޔަށް ގެންދިޔުމަށް ދަންނަވާ ކަމަށެވެ.
ގްރޭޓަރ މާލެ ސަރަހައްދުގައި ބިދޭސީންގެ ބައޯމެޓްރިކްސް ނެގުމާއި އޮޕަރޭޝަން ކުރަނގީގެ ދަށުން ސަރުކާރުން ތަންފީޒުކުރަމުން އެކަށައަޅާފައިވާ އެންމެހާ ކަންކަން ވިލަރެސްކޮށް ކޯޑިނޭޓްކުރަމުންދާނީ އެންސީއައިޓީ ގައި އެ އޮޕަރޭޝަނަށް ޚާއްސަކޮށް ގާއިމްކޮށްފައިވާ ޖޮއިންޓު އޮޕަރޭޝަން ސެންޓަރުންކަން ވުޒާރާގެ ބަޔާނުގައި ފާހަގަކޮށްފައި އެވެ.
އެ ސެންޓަރު ހުޅުވިފައި ހުންނާނީ : ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން ރޭގަނޑު 22:00 އަށް
ދާހިލީ ވުޒާރާއިން އިތުރަށް ބުނީ އެ މުއްދަތުގެ ތެރޭގައި ބައޯމެޓްރިކްސް އަޕްޑޭޓު ނުކުރާ ފަރާތްތައް އެކްސްޕެޓް ސިސްޓްމްއިން ސަސްޕެންޑުކޮށް ހިދުމަތް މެދެކަނޑާލެވޭނެ ކަމަށެވެ.
"އޮޕަރޭޝަން ކުރަނގީ"ގެ ދަށުން ބިދޭސީންގެ މަޢުލޫމާތު އެއްކުރުމުގެ ހަަރަކާތް މާލެ ސަރަހައްދުގައި ފެށީ މިދިޔަ މަހުގެ 18 ވަނަ ދުވަހު އެވެ. ކުރަނގި އޮޕަރޭޝަންގައި މިހާތަނަށް 18ހާހަށްވުރެ ގިނަ ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ އެއްކޮށްފަވާއިރު ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރާ މަސައްކަތުގެ ފުރަތަމަ މަރުހަލާގެ ދަށުން "އޮޕަރޭޝަން ކުރަނގި" ފަށާފައިވަނީ މިދިޔަ އަހަރުގެ މެއި މަހުގެ 02ވަނަ ދުވަހުއެވެ.
މި އޮޕަރޭޝަންގެ ފުރަތަމަ މަރުހަލާގެ ބޭނުމަކީ ރާއްޖޭގައި ތިބި ހުރިހާ ބިދޭސީންނަކީވެސް ގަވާއިދުގެ ތެރޭގައި މަސައްކަތް ކުރާ ބަޔަކަށް ހެދުމެވެ.
އޮޕަރޭޝަން ކުރަނގީގެ މައިގަނޑު މަގްސަދަކީ ދިވެހިރާއްޖޭގައި ޤަވާއިދާ ޚިލާފަށް ދިރިއުޅެމުންދާ ބިދޭސީ މަސައްކަތްތެރިންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމެވެ. އެގޮތުން ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ އިނގިލީގެ ނިޝާން ނެގުމާއި އެ ބިދޭސީ މީހާ ވަޒީފާ އަދާކުރަނީ ރާއްޖޭގައި ހެދިފައިހުރި ޤަނޫނާއި ޤަވާއިދުގެ ދަށުންތޯ މި އޮޕަރޭޝަނުގެ ތެރެއިން ޔަގީންކުރާނެއެވެ.
މި އޮޕަރޭޝަނަށް ބޭނުންވާ މަޢުލޫމާތު އެއްކުރަނީ ކައުންސިލް އިދާރާތަކުގައި ބިދޭސީންގެ ބަޔޯ މެޓްރިކްސް ނެގުމުގެ އިންތިޒާމު ޤާއިމްކޮށްގެންނެވެ. އެ މައުލޫމާތުގެ އަލީގައި ބިދޭސީންގެ މައި ދަފްތަރެއް އެކުލަވާލާނެ ކަމަށް ދާޚިލީ ސަލާމާތައި ފަންނިއްޔާތާ ބެހޭ ވަޒީރު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.
މަރުހަލާތަކަކަށް ބަހާލައިގެން، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް 3 އަހަރު ދުވަހުގެ ތެރޭގައި ހައްލު ހޯދުމުގެ މަގުސަދުގައި ފެށި މި އޮޕަރޭޝަންގެ ފުރަތަމަ މަރުހަލާގައި، ބިދޭސީ މަސައްކަތްތެރިންގެ މައުލޫމާތު އެއްކުރި ނަމަވެސް އެ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމުގެ ބަދަލުގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން ގަވާއިދުގެ ތެރެއަށް ވަންނަން ބޭނުންވާ ބިދޭސީންނަށް އެ ފުރުސަތު ފަހިކޮށްދެވޭނެއެވެ.
ފުރަތަމަ މަރުހަލާ ނިމުމަށްފަހު ރަސްމީ ލިޔެކިޔުން ނެތި، ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ ބަޔޯމެޓްރިކް އައިޑެންޓިފިކޭޝަނެއް ހަދައި، ގައުމުތަކުގެ އެމްބަސީތަކާއި ގުޅިގެން އެމީހުން އަނބުރާ ގައުމަށް ފޮނުވާލެވޭނެއެވެ.
ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވުޒާރާއާއި ފިވެހި ފުލުހުންގެ ޚިދުމަތާއި، މޯލްޑިވްސް އިމިގްރޭޝަން ގުޅިގެންދަނީ މަސައްކަތްކުރަމުންނެވެ.