އޮޕަރޭޝަން ކުރަނގީގެ ޚާއްސަ މަސައްކަތްތަކެއް މިއަދު ހަވީރު ރެހެންދި ސްކޫލުގަ
އަހުމަދު ޝުރާއު
2/5/2025, 9:44:48 AM
--
އޮޕަރޭޝަން ކުރަނގީގެ ޚާއްސަ މަސައްކަތްތަކެއް މިއަދު ހަވީރު ރެހެންދި ސްކޫލުގައި ކުރިއަށްގެންދަން ނިންމައިފިއެވެ.
ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރާ މަސައްކަތުގެ ފުރަތަމަ މަރުހަލާގެ ދަށުން "އޮޕަރޭޝަން ކުރަނގި" ފަށާފައިވަނީ މިދިޔަ އަހަރުގެ މެއި މަހުގެ 02ވަނަ ދުވަހުއެވެ.
މި އޮޕަރޭޝަންގެ ފުރަތަމަ މަރުހަލާގެ ބޭނުމަކީ ރާއްޖޭގައި ތިބި ހުރިހާ ބިދޭސީންނަކީވެސް ގަވާއިދުގެ ތެރޭގައި މަސައްކަތް ކުރާ ބަޔަކަށް ހެދުމެވެ.
ގްރޭޓަރ މާލެ ސަރަޙައްދުގައި މަސައްކަތް ކުރާ ބިދޭސީންގެ ބައޯމެޓްރިކްސް އަޕްޑޭޓްކުރުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް، ވަޒީފާ ދޭ ފަރާތްތަކަށް ދާޚިލީ ވުޒާރާއިން އެންގީ މިމަހުގެ 02ވަނަ ދުވަހުއެވެ.
މި މަސައްކަތުގެ ދަށުން މާލެ ސަރަހައްދުގައި މިދިޔަ މަހުގެ 18ވަނަ ދުވަހު ވަނީ ބޮޑު އޮޕަރޭޝަނެއް ފަށާފައެވެ. މި އޮޕަރޭޝަންގެ ދަށުން ވަޒީފާދޭ ފަރާތްތަކާ ގާތުން އަދި އަވަހަށް މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި މިއަދު 16:00 އިން 23:00އަށް ރެހެނދި ސްކޫލް ހޯލްގައި ބައޯމެޓްރިކްސް ނެގުމުގެ އެންމެހާ އިންތިޒާމްތައް މިނިސްޓްރީން ވަނީ ހަމަޖައްސާފައެވެ.
ރައީސް ޑރ. މުއިއްޒުގެ ވައުދުފުޅާއި އެެއްގޮތަށް ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ތިން އަހަރުގެ ޕްލޭނެއްގެ ދަށުން ކުރެވެމުންދާ މި މަަސައްކަތް ކާމިޔާބު ކަމާއެކު ނިންމާލެވޭނީ 2027 ވަނަ އަހަރުގެ އޭޕްރިލް މަހުގައި ކަމަށް ދާޚިލީ ވަޒީރު ވަނީ ދާދި ފަހުން ވިދާޅުވެފައެވެ.
މިދިޔަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ގައުމާ މުހާތަބުކުރެއްވިއިރު މި އޮޕަރޭޝަންގެ ތެރެއިން 10،000 ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ ނެގުނުކަން އިއުލާންކުރެއްވިއެވެ. އަދި އެފަހުން މިދިޔަ 2 މަސްތެރޭ އިތުރު 15،000އަށްވުރެ ގިނަ ބިދޭސީންގެ މައުލޫމާތު ވަނީ ނަގާފައެވެ.
މުޅި އޮޕަރޭޝަންގައި ޖެނުއަރީ މަހުގެ 18ވަނަ ދުވަހުގެ ނިޔަލަށް 25483 ބިދޭސީންގެ ބަޔާމެޓްރިކް ޑޭޓާ ވަނީ ނަގާފައެވެ.
އޮޕަރޭޝަން ކުރަނގީގެ މައިގަނޑު މަޤްސަދަކީ ދިވެހިރާއްޖޭގައި ޤަވާއިދާ ޚިލާފަށް ދިރިއުޅެމުންދާ ބިދޭސީ މަސައްކަތްތެރިންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމެވެ. އެގޮތުން ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ އިނގިލީގެ ނިޝާން ނެގުމާއި އެ ބިދޭސީ މީހާ ވަޒީފާ އަދާކުރަނީ ރާއްޖޭގައި ހެދިފައިހުރި ޤަނޫނާއި ޤަވާއިދުގެ ދަށުންތޯ މި އޮޕަރޭޝަނުގެ ތެރެއިން ޔަގީންކުރާނެއެވެ.