އިހަވަންދޫ މަގު ހެދުމުގެ މަޝްރޫއު: 25 އިންސައްތަ މަސައްކަތް ނިމިފައި!
އަހުމަދު ޝުރާއު
1/27/2025, 4:10:05 PM
--
ހއ އިހަވަންދޫ މަގު ހެދުމުގެ މަޝްރޫއުގެ މަސައްކަތް ބާރު ސްޕީޑެއްގައި ދާކަމަށް މަޝްރޫއުގެ ކޮންޓްރެކްޓަރު އާރްޑީސީން ހާމަކޮށްފައި އެވެ.
އާރްޑީސީން މިއަދު ވަނީ މި މަޝްރޫއުގެ އެންމެ ފަހުގެ އަދާހަމަ މައުލޫމާތު މީޑީއާތަކާއި ހިއްސާކޮށްފައި އެވެ. އެގޮތުން އެކުންފުނުން ބުނީ 2023 ވަނަ އަހަރު އެ ކޯޕަރޭޝަނާއި ޙަވާލު ކުރެވުނު އިހަވަންދޫގެ މަގުތައް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހުގައި ކަމަށެވެ.
އިހަވަންދޫ މަގު ހެދުމުގެ މަޝްރޫއުގައި މިހާރު ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ކޭބަލް ޖަންކްޝަން ނެޓްވޯކް އެޅުމުގެ 75 އިން ސައްތަ މަސައްކަތްވަނީ ނިމިފައިވާ ކަމަށާއި މީގެ އިތުރުން ކޮނެގެން ކުރަންޖެހޭ އެހެނިހެން މަސައްކަތްތައް ވެސް ދަނީ ކުރަމުން ކަމަށް އެކުންފުނިން މިއަދު ވަނީ ބުނެފައި އެވެ.
އަދި މުޅި މަޝްރޫއުގެ 25 އިންސައެްތަ ނިމިފައިވާކަން ވަނީ ހާމަކޮށްފައި އެވެ.
މިމަޝްރޫއުގެ ދަށުން އިހަވަންދޫގެ 15 މަގު ތާރުއަޅައިގެން ޒަމާނީ ފެންވަރަށް ތަރައްގީ ކުރާނެއެވެ.
އާރްޑީސީން ބުނީ މި މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރާއިރު، ފެން ހިންދުމުގެ ނިޒާމު ގާއިމްކުރާނެ ކަމަށެވެ. އަދި މަގުހަދާ ނިމޭއިރު މަގުތަކުގައި ނިޝާންތައް ކުރަހާ މަގުބައްތިވެސް ހަރުކުރާނެ ކަމަށެވެ.