ވާދަވެރި ކުޅުމަކަށްފަހު ސައުތުވެސްޓް ބަލިކޮށް ލަޔަންސް ޗެންޕިއަންކަން ހޯދައިފި
ހަސަން ޝަމްއޫން
1/25/2025, 4:00:34 PM
ލަޔަންސް އާއި ސައުތުވެސްޓް ވާދަކުރި މެޗުގެ ތެރެއިން...ފޮޓޮ: ގާފު ސްޕޯޓްސް/ ޝުރާއު
ހުޅުމާލޭގައި މިހާރު ކުރިއަށްދާ "ވަން ގޭމް ބީޗު ހޭންޑްބޯޅަ ޗެލެންޖް 2025" ގެ އަންހެން ޑިވިޝަން ފައިނަލުގައި މިރޭ ލަޔަންސް ސްޕޯޓްސް ކުލަބައި ސައުތުވެސްޓް ސްޕޯޓްސް ކުލަބު ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ލަޔަންސް އިން މުބާރާތުގެ ޗެންޕިއަންކަން ހޯދައިފިއެވެ.
ލަޔަންސް މުބާރާތުގެ ފައިނަލުން ޖާގަހޯދީ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ސީދާ ދެ ސެޓުން ޕްރޯ ސްޕޯޓްސް އެކަޑަމީ ބަލިކުރުމަށްފަހު އެވެ. އަދި ސައުތުވެސް ސްޕޯޓްސް ކުލަބު ފައިނަލުން ޖާގަހޯދީ ސެމީފައިނަލުގެ ދެވަނަ މެޗުގައި ސީދާ ދެ ސެޓުން ޒެފަރސް ސްޕޯޓްސް ކުލަބު ބަލިކުރުމަށްފަހު އެވެ.
މެޗުގެ ފުރަތަމަ ސެޓުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިސެޓް ލަޔަންސް އިން ކާމިޔާބުކުރީ 14-13 ގެ ނަތީޖާއަކުންނެވެ. އަދި މެޗުގެ ދެވަނަ ސެޓުގައި ލަޔަންސް އިން އޭޓީމުގެ އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު، މިސެޓް އެޓީމުން ކާމިޔާބުކުރީ ހަ ލަނޑުގެ ލީޑަކާއެކު 19-13 ގެ ނަތީޖާއަކުންނެވެ.
20 ޖެނުއަރީ 2025 އިން 25 ޖެނުއަރީ 2025 ނިޔަލަށް ކުރިއަށް ގެންދިޔަ މިމުބާރާތުގެ އަންހެން ޑިވިޝަނުގައި 10 ޓީމަކުން ވާދަކުރިއިރު، މިޑިވިޝަނުގެ މެޗުތައް ކުރިއަށް ގެންގޮސްފައި ވަނީ ބައިވެރިވި 10 ޓީމު ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ޓީމެއް ވެސް ގުރޫޕް ސްޓޭޖުގައި ރެންޑަމްކޮށް ދެމެޗު ކުޅުމަށްފަހު ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތިޖާއެއް ހޯދި ހަތަރު ޓީމަށް މުބާރާތުގެ ކުއާޓާ ފައިނަލުން ވަނީ ފުރުސަތު ލިބިފައެވެ.
މުބާރާތުގެ އެސޯސިއޭޓެޑް ޕާޓްނަރުންގެ ގޮތުގައި ހޭންޑްބޯޅަ މޯލްޑިވްސް އަދި ތުޅާދޫ ޔަންގް އީގަލްސް ކުލަބު ހިމެނޭއިރު، ހައުސް އޮފް ޖެވެލް އަކީ މުބާރާތުގެ ސިލްވާ ސްޕޮންސަރ އެވެ. އަދި މީގެ އިތުރުން ޑިޖިޓަލް ޕާޓްނަރަކަށް ދީރާގު ހަމަޖައްސާފައިވާއިރު، ޕްރިންޓް ޕާޓްނަރަކީ އިންކްޑް މޯލްޑިވިސް އެވެ. އަދި ކިޓް ޕާޓްނަރަކަށް ކޫލް ޖާޒީ ހަމަޖައްސާފައިވާއިރު، ބޭވަރެޖް ޕާޓްނަރަކީ ޕްރައިމް ކެއަރ އެވެ. އަދި މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް ގާފު ސްޕޯޓްސް ހަމަޖައްސާފައިވާއިރު، ޓްރޮފީ ޑިޒައިން ކޮށްފައި ވަނީ އެޓިޑް ފަބްރިކޭޝަންސް އެވެ.