ސަފާރީތަކުން އުފެދޭ ކުނި އުކަން ފެށުމުގެ ޚިދުމަތް ތައާރަފްކުރުމުގެ މަޝްވަރާތައް ވެމްކޯއިން ފަށައިފި
އަހުމަދު ޝުރާއު
1/23/2025, 9:18:59 AM
--
ސަފާރީތަކުން އުފެދޭ ކުނި އުކަން ފެށުމުގެ ޚިދުމަތް ތައާރަފްކުރުމުގެ މަޝްވަރާތައް ރާއްޖޭގެ ކުނި މެނޭޖްކުރާ މައި ކުންފުނި ވޭސްޓް މެނޭޖްމެންޓު ކޯޕަރޭޝަނުން ފަށައިފި އެވެ.
ވެމްކޯއިން މި ހިދުމަތް ފެށުމަށްޓަކައި މިހާރު ވަނީ ކަމާބެހޭ ފަރާތްތަކާއި އެކު ރަސްމީ މަޝްވަރާތައް ފަށާފައި އެވެ. އެގޮތުން މިއަދު އެކުންފުނިން ވަނީ ނޭޝަނަލް ބޯޓިންގް އެސޯޝިއަންގެ އިސްވެރިންނާއި ބައްދަލުކުރައްވާފައި އެވެ. މި ބައްދަލުކުރެއްވުމުގައި ވެމްކޯގެ އިސްވެރިންވެސް ވަނީ ބައިވެރިވެވަޑައިގެންފައި އެވެ.
ސަފާރީތަކުން ކުނި ނެގުމުގެ ހިދުމަތް ފެށުމަށް ވެމްކޯއިން ތައްޔާރުވަމުންދާއިރު ރައީސް ޑރ މުހައްމަދު މުއިއްޒު ވެރިކަމާއި އެކު އެމްޑީ މުޖުތަބާ ޖަލީލްގެ ލީޑަރޝިޕްގެ ދަށުން ވެމްކޯއިން ވަނީ އެކުންފުނީގެ ހިދުމަތްތައް ވަރަށް ބޮޑަށް ފުޅާކޮށްފައި އެވެ. އެގޮތުން އެކުންފުނީގެ މާލީ ހާލަތު ރަނގަޅު ކުރުމަށާއި އެކުންފުނީގެ މުވައްޒަފުން ފުރިހަމައަށް ޔޫޓިލައިޒް ކުރުމަށްޓަކައި ފާއިތުވި އެއް އަހަރު ދުވަހުގެ ތެރޭގައި އެކުންފުނިން ވަނީ ތަފާތު ދެ ހިދުމަތެއް ވަނީ ފަށާފައި އެވެ. އެއީ އޮފީސްތަކާއި އިމާރާތްތައް ފޮޅާ ސާފުކުރުމުގެ ނަމުގައި ފެށި ހޮބާ ހިދުމަތާއި ރިސޯޓުތަކުން ކުނި ނެގުމުގެ ހިދުމަތެވެ.
މީގެ އިތުރުންވެސް ޑިމޮލޮޝިންގ ގެ ހިދުމަތް ފެށުމަށްޓަކައި މިހާރު އެކުންފުނިން ދަނީ ތައްޔާރުވަމުންނެވެ.
ވެމްކޯއިން މައުލޫމާތު ދޭގޮތުގައި އެކުންފުނީގެ ހިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ކުރަމުންދަނީ ކުންފުންޏަކީ އަމިއްލާ މާލީ ގާބިއްލިއްޔަތުކަން ލިބިފައިވާ ކުންފުންޏަކަށް ހެދުމަށެވެ. އަދި ރައީސް މުއިއްޒުގެ މި ދައުރުގެ ތެރޭގައި ކުންޏާއި ބެހޭ ހުރިހާ ދާއިރާއަކުން ހިދުމަތްތައް ފުޅާކުރުމަށް މަސައްކަތް ކުރަމުންދާކަންވެސް އެކުންުފުނިން ވަނީ ބުނެފައި އެވެ.