މިދިޔަ މަހު އެކަނިވެސް މާފަރަށް 98 ޕްރައިވެޓު ޖެޓު: އަމާޒު ލީޑިން ލަގްޒަރީ އޭވިއޭޝަން ހަބަކަށް ވުމަށް!
އަހުމަދު ޝުރާއު
1/12/2025, 6:34:20 PM
--
މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށް މިދިޔަ މަހު ސަތޭކައާއި ގާތްކުރާ އަދަދަކަށް ޕްރައިވެޓް ޖެޓު މޫވްމެންޓު ރެކޯޑްކުރެވިފައިވާ ކަމަށް އެއެއާޕޯޓު ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑުން ބުނެފި އެވެ.
އެކުންފުނިން ބުނީ އެއާޕޯޓުގެ ރަންވޭ ބޮޑުކުރުމުގެ މަޝްރޫއަށް ޖޫން މަހުން ފެށިގެން ސެޕްޓެމްބަރު މަހަށް ވަގުތީ ގޮތުން ބަންދުކުރި ނަމަވެސް މާފަރު އެއާޕޯޓަށް މިދިޔަ އަހަރު ފާހަގަކޮށްލެވޭ އަދަދަކަށް އެއާކްރާފްޓް މޫވްމެންޓުތައް ރެކޯޑުކުރެވިފައިވާ ކަމަށެވެ. އެގޮތުން މިދިޔަ މަހު އެކަނިވެސް އެއާޕޯޓަށް 98 ޕްރައިވެޓް ޖައްސާފައިވާކަން އެކުންފުނިން ހާމަކުރެއެވެ.
އެގޮތުން މާފަރު އެއާޕޯޓަކީ ނޫނު އަތޮޅުގައި ހުރި ދުނިޔޭގެ ނަން މަޝްހޫރު ލަގްޒަރީ ރިސޯޓްތަކަށް ސީދާ ދަތުރުކުރުމަށް ބޭނުންވި ދުނިޔޭގެ މަހުޖަނުންނަށް އޮތް ޚާއްސަ ދޮރެް ކަމަށާއި އެކަން މިއަހަރުވެސް އެއާޕޯޓުން ސާބިތުކޮށްދީފައިވާ ކަމަށް އެކުންފުނިން ބުނެއެވެ.
އައިލެންޑް އޭވިއޭޝަން ސާވިސަސްއިން ބުނީ ޕީކް ޗުއްޓީ މޫސުމުގެ ކުރިން ރަންވޭ ބޮޑުކުރުމުގެ މަޝްރޫއު ނިމުމުން އެއާޕޯޓުގެ ހިދުމަތުގެ ފުރުސަތުތައް އިތުރުވެގެން ދިޔަ ކަމަށެވެ. އަދި މިއާއި އެކު މާފަރު އިންޓަނޭޝަނަލް އެއާޕޯޓަކީީ ދަތުރުވެރިންގެ ޝައުގުވެރިކަން އިތުރުވަމުން އަންނަ ތަނެއްގެ ގޮތުގައި އެކުންފުނިން ސިފަކުރެއެވެ.
2024 ވަނަ އަހަރު އެ އެއަރޕޯޓުގެ މަސައްކަތާ ގުޅޭގޮތުން އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑްގެ ޖެނެރަލް މެނޭޖަރ އެއަރޕޯޓްސް އަލްފާޟިލް މުމްތާޒް ޢަލީ ވިދާޅުވީ މިދިޔަ އަހަރު ލިބުނު ކުރިއެރުންތަކުން ދައްކުވައިދެނީ އިނޮވޭޝަނާ ދަތުރުވެރިންނަށް ދޭން ޖެހޭ ހިދުމަތްތައް ރަނގަޅުކުރުމަށް އެކުންފުދިން ދޭ އަހައްމިއްޔަތުކަން ކަމަށާއި މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ އަހަރީ ޕާފޯމަންސާއި ޑިސެމްބަރު މަހުގެ ތަފާސް ހިސާބުތަކުން ފެންނަނީ ލީޑިން ލަގްޒަރީ އޭވިއޭޝަން ހަބެއްގެ ގޮތުގައި އެއާޕޯޓުގެ ދަރަޖަ އިތުރުވެފައިވާ ކަމުގެ ހެކި ކަމަށެވެ.
"ގްރައުންޑް ޓްރާންސްޕޯޓާއި އޭޕްރަންގެ މަސައްކަތް ފަދަ އިތުރު ހިދުމަތްތައް އަޅުގަނޑުމެން ތައާރަފްކުރީ. ފަސިންޖަރުންގެ ބޭނުންތައް މިހާރަށްވުރެ ފުރިހަމައަށް ފުއްދުމަށްޓަކައި އަޅުގަނޑުމެންގެ އެއަރޕޯޓަށް ވަރަށް ބޮޑު ބަދަލެއް އަންނާނެ." މުމްތާޒް ވިދާޅުވިއެވެ.
ރާއްޖެއަކީ ބޮޑު ހޭދައެއް ކުރާ ޓޫރިސްޓުންގެ ޑިމާންޑް ބޮޑު މަންޒިލަކަށް ވާއިރު، ރާއްޖޭގެ އިގްތިސާދީ ކުރިއެރުމާއި ފަތުރުވެރިކަމުގެ ސްޓްރެޓެޖީތައް ހަރުދަނާ ކުރުމަށް މާފަރު އިންޓަނޭޝަނަލް އެއާޕޯޓަކީ ކޮންމެހެން ބޭނުންތެރި އެއާޕޯޓެއްގެ ގޮތުގައި އައިލެންޑް އޭވިއޭޝަނުން ބުނެއެވެ.