ވުލްވްސް އަތުން ހޯދި މޮޅާއެކު ޗެލްސީ އިން ހަތަރުވަނައަށް ކުރިއަށް ޖެހިލައިފި
ހަސަން ޝަމްއޫން
1/21/2025, 2:49:02 AM
ޗެލްސީ އާއި ވުލްވްސް ވާދަކުރި މެޗުގެ ތެރެއިން
އިނގިރޭސިވޕްރެމިއާ ލީގުގައި ހޯމަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ވުލްވްސް އާއި ދެކޮޅަށް ކުޅުނު މެޗުގެ ފަހުހާފުގައި ކާމިޔާބުކުރި ދެލަނޑާއެކު 3-1 ގެ ނަތީޖާއަކުން މޮޅުވެ ޗެލްސީ އިން ލީގު ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލައިފިއެވެ.
ލީގުގައި ޗެލްސީ އެންމެ ފަހުން ކުޅުނު މެޗުގައި ބޯންމައުތުއާ ވާދަކޮށް 2-2 ގެ ނަތީޖާއަކުން ދެޓީމު ދެޓީމު އެއްވަރުވެފައިވާއިރު، ވުލްވްސް އެންމެ ފަހުން ކުޅުނު މެޗުގައި ނިއުކާސަލް ޔުނައިޓެޑް އަތުން އެޓީމު ބަލިވީ 3-0 ގެ ނަތީޖާއަކުންނެވެ. އަދި މިދެޓީމު އެބްމެ ފަހުން ކުޅުނު މެޗު 6-2 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ޗެލްސީ އެވެ.
މެޗުގެ ފުރަތަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ޗެލްސީ އިން މެޗު ޑޮމިނޭޓްކުރިއިރު، އެޓީމުން މެޗުގެ ލީޑުހޯދީ ފުރަތަމަ ހާފުގެ 24 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު ޓޯސިން އަޑަބަޔޯ އެވެ.
ނަމަވެސް ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ޗެލްސީގެ ކީޕަރު ސަންޗޭޒަށް ހެދުނު ގޯހެއްގެ ފައިދާނަގައި ވުލްވްސް އިން ވަނީ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު މެޓް ޑޮހާޓީ އެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ޗެލްސީ އިން ވަނީ އެޓީމުގެ އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެެވެ. ނަތީޖާއެއްގެ ގޮތުން މިހާފުގައި އެޓީމުން ވަނީ އިތުރު ދެލަނޑު ކާމިޔާބުކިޮށްފައެވެ. އެގޮތުން އެޓީމުގެ ދެވަނަ ލަނޑު ދެވަނަ ހާފުގެ 60 ވަނަ މިނެޓުގައި ޑިފެންޑަރު މާކް ކުކުރެއްލާ ކާމިޔާބުކުރިއިރު އޭގެ ފަސް މިނެޓްފަހުން އެޓީމުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ފޯވާޑް ނޯނީ މަޑުއެކޭ އެވެ.
މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުން ކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 3-1 ގެ ނަތީޖާއަކުން ޗެލްސީ ކުރީގައި އޮވެގެންނެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު 22 މެޗުން ޗެލްސީ އަށް ލިބުނު 40 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ ހަތަރުވަނައިގައެވެ. އަދި މިމެޗުން ބަލިވި ވުލްވްސް ކުޅުނު 22 މެޗުން ލިބުނު 16 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ 17 ވަނައިގައެވެ.