ހަމަލާ ބަދަލުކުރުން ހުއްޓާލަން ހަމާސްއިން އެއްބަސްވެއްޖެ: ޣައްޒާގައި އުފާފާޅުކުރަނީ
އަހުމަދު ޝުރާއު
1/15/2025, 6:09:57 PM
2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހު ޣައްޒާގެ މިނިވަންކަމަށް ހަނގުރާމަކުރަމުން އަންނަ ހަމާސް ޖަމާއަތާއި ނިރުބަވެރި އިޒްރޭލާއި ދެމެދެ ފެށި ހަނގުރާމަ ހުއްޓާލަން ހަމާސް ޖަމާއަތުން އެއްބަސްވެއްޖެ އެވެ.
ހަމާސް ޖަމާއަތުގެ އިސް އޮފިޝަލަކު އަލްޖަޒީރާ އަރަބިކަށް ދިން އިންޓަވިއުއެއްގައި ވިދާޅުވީ ޚަލީލް އަލް ހަޔާ އިސްވެ ހުންނަވާ ކުރިޔަށް ގެންދަމުންދާ ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތަކަށް އަލިމަގެއް ފެނި ހަނގުރާމަ ހުއްޓާލަން ހަމާސްއިން އެއްބަސްވާކަމުގެ ޔަގީންކަން މަޝްވަރާތަކުގައި މެދުވެރިއެއްގެ ރޯލު އަދާކުރަމުންދާ ގަތަރާއި މިސްރުގެ އޮފިޝަލުންނަށް މިހާރު ދީފައިވާ ކަމަށެވެ.
މިއިއާއި އެކު ޣައްޒާގެ އެތައް ރައްޔިތުންތަކެއް ދަނީ ޣައްޒާގެ މަގުތަކަށް ނުކުމެ އުފާފާޅުކުރަމުންނެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި ގަތަރުގެ ބޮޑުވަޒީރު ޝެއިޚް މުހައްމަދު ބިން އަބްދުއްރަހްމާން ބިން ޖާސިމް އަލް ޘާނީ ވަނީ ޣައްޒާ ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތަކުގައި ހަރަކާތްތެރިވާ ހަމާސް އާއި އިސްރާއީލުގެ މަޝްވަރާވެރިންނާ މިރޭގެ ވަގުތެއްގައި ބައްދަލުކުރައްވާފައި އެވެ. އަދި ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމަށް އާދެވުމާއި ގުޅިގެން ހަމާސްއާއި އިޒްރޭލުގެ އިސް ފަރާތްތަކަށް މަރުހަބާ ދަންނަވާފައި އެވެ.
ގަތަރުން ބުނާ ގޮތުގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން ގަތަރާއި މިސްރުން ޣައްޒާގެ ދެކުނުން ގެދޮރު ގެއްލިފައިވާ މީހުން އެނބުރި އެސަރަހައްދުތަކުގައި ވަޒަންވެރި ކުރުމުގެ މަސައްކަތް ކުރާނެއެވެ.
މި އެއްބަސްވުމާއި އެކު އިސްރާއީލުގެ އަސްކަރިއްޔާ ޣައްޒާގެ މެދުތެރޭގައި އޮންނަ ނެޓްޒާރިމް ކޮރިޑޯއިން ފައިބާނީ މަރުހަލާތަކަކަށް ބަހާލައިގެންނެވެ. ހަމާސް އިން ވަނީ އެއްބަސްވުމުގެ ފުރަތަމަ މަރުހަލާގައި ޣައްޒާ ބޯޑަރާ 700 މީޓަރު (2،297 ފޫޓު) ގެ ތެރޭގައި އޮންނަ ސަރަހައްދަކަށް އިސްރާއީލުގެ އަސްކަރިއްޔާ އިން ފޭބުމަށް ވެސް އެދިފަ އެވެ.
އަދި ހަމާސްގެ ބެލުމުގެ ދަށުގައި ތިބި 33 އަސީރަކުވެސް މިނިވަން ކުރުމަށް ވަނީ އެއްބަސްވެފައި އެވެ.
ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ބައެއް ތަފްސީލްތައް:
މި އެއްބަސްވުން ކުރިއަށްދާނީ ތިން މަރުހަލާއަކަށް ބަހާލައިގެން ކަމަށް މަޝްވަރާތަކާ ބެހޭ ގޮތުން މައުލޫމާތު ދިން އޮފިޝަލަކާ ހަވާލާދީ ރޮއިޓާސް ނިއުސް އެޖެންސީން ބުނެއެވެ. އެގޮތުން ފުރަތަމަ ހަ ހަފުތާގެ މަރުހަލާއެއްގައި އިސްރާއީލު ސިފައިން މަޑުމަޑުން ޣައްޒާގެ މެދުތެރެއިން ފޭބުމަށް ނިންމާފައިވާއިރު، ޣައްޒާގެ އުތުރުގައި ވާ ފަލަސްތީނުގެ ރައްޔިތުންނަށް އެނބުރި އެމީހުންގެ އެވަށްތަކަށް ގޮސް ވަޒަންވެރިވުމުގެ ފުރުސަތު ދޭނެ އެވެ.
ހަމާސް އިން އެ ހަ ހަފުތާގެ ތެރޭގައި އިސްރާއީލުގެ 33 މީހަކު ދޫކޮށްލާނެ ކަމަށާއި އޭގެ ތެރޭގައި ހުރިހާ އަންހެން ސިފައިންނާއި އާންމުންނާއި ކުޑަކުދިންނާއި 50 އަހަރުން މަތީގެ ފިރިހެނުން ވެސް ހިމެނޭ ކަމަށް ރޮއިޓާސް އިން ބުނެއެވެ. ހަމާސްއިން ދޫކޮށްލާ ކޮންމެ އަސީރަކަށް ފަލަސްތީނުގެ 30 ގައިދީން އަދި އިސްރާއީލު ސިފައިންގެ ކޮންމެ މީހަކަށް ފަލަސްތީނުގެ 50 ގައިދީން ދޫކޮށްލާނެ އެވެ.
ދެވަނަ ފިޔަވަހީގެ މަޝްވަރާތައް ފުރަތަމަ ފިޔަވަހީގެ 16 ވަނަ ދުވަހުގެ ކުރިން ފަށާނެ ކަމަށާއި އޭގެ ތެރޭގައި ބާކީ ތިބި އަސީރުން ދޫކޮށްލުމާއި ޣައްޒާއިން އިސްރާއީލު ސިފައިން މުޅިން ފޭބުން ހިމެނޭ ކަމަށް ބެލެވެ އެވެ.
ތިން ވަނަ ފިޔަވަހީގައި މަރުވެފައިވާ މީހުންގެ ހަށިތައް އަނބުރާ ގެނައުމާއި ޣައްޒާގައި އަލުން އާރާސްތު ކުރުމުގެ މަސައްކަތް ފެށުން ހިމެނޭ ކަމަށް ބެލެވޭ ކަމަށް ރޮއިޓާސް އިން ބުންޏެވެ.