100 ރުފިޔާގެ އައު ޗާޕެއް އާދީއްތާގައި ދައުރުކުރަން ފަށަނީ
އަހުމަދު ޝުރާއު
1/13/2025, 2:56:40 PM
--
ރަން ދިހަފަހެއް ނޫޓު ސީރީޒްގެ 100 ރުފިޔާގެ ނޫޓުގެ އައު ޗާޕެއް އަންނަ ހަފްތާގައި ދައުރުކުރަން މަރުކަޒީ ބޭންކު އެމްއެމްއޭއިން ނިންމައިފި އެވެ.
އެމްއެމްއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ސްޓޮކް މަދުވުމުގެ ސަބަބުން އަލަށް ޗާޕުކޮށްގެން 15 ޑިސެންބަރު 2024 ގައި އެއޮތޯރިޓީ އަށް ގެނައި ރަން ދިހަފަހެއް ނޫޓު ސީރީޒްގެ 100 ރުފިޔާގެ ނޫޓު ދައުރުވާ ފައިސާގެ ތެރެއަށް 19 ޖަނަވަރީ 2025 ގައި ނެރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެމްއެމްއޭއިން ބުނީ އަލަށް ޗާޕުކޮށްގެން ނެރޭ 100 ރުފިޔާގެ ނޫޓުގެ ދެފުށުގައި, ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައިވާނެ ކަމަށެވެ. އެގޮތުން ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައިވާނީ ނޫޓުގެ މޫނުމަތީގެ ވައަތްފަރާތުން މަތީގައިވާ މޫނުމަތީ އަގާއެކު އަދި ނޫޓުގެ ފަހަތުގެ ކަނާއަތް ފަރާތުން މަތީގައިވާ މޫނުމަތީ އަގާއެކުގައި ކަމަށް އެމްއެމްއޭއިން ބުނެއެވެ.
މި ނޫޓުގައި ސޮއިކުރައްވާފައިވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ކުރީގެ ގަވަރުނަރު އަލްފާޟިލް ޢަލީ ހާޝިމް އެވެ. މި ނޫޓުގައިވާ ތާރީޚަކީ 7 ޖުލައި ،2024 1 މުޙައްރަމް 1446 އެވެ.
އަލަށް ޗާޕުކޮށްގެން ނެރޭ 100 ރުފިޔާގެ ނޫޓާއި އެކު މިހާރު ދައުރުވަމުންދާ 100 ރުފިޔާގެ ނޫޓުވެސް ދައުރުވަމުން ދާނެ ކަމަށް އެމްއެމްއޭއިން ބުނެއެވެ.