
--
މާލޭގައި އިމާރާތެއް އަޅަން ކޮންނަމުން ދަނިކޮށް ބޮޑުބަޑިއެއް ފެނިއްޖެ އެވެ.

ނެޝަނަލް ސެންޓަރ ފޯ ކަލްޗަރަލް ހެރިޓޭޖް އިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މާލޭ ޗާންދަނީމަގާއި ދަނބުގޯޅި ގުޅޭ ކަންމަތީގައި ކުރިން ހަބީބް ބޭންކު ހުރި ބިމުގައި އިމާރާތެއް އަޅަން ކޮންނަމުން ދަނިކޮށް ކުރީޒަމާނުގެ ބޮޑުބަޑި އެއް ފެނިފައިވާ ކަމަށާއި އެ ބޮޑުބަޑި މިހާރު އެ މަރުކަޒުގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށެވެ.
އަދި އެ މަރުކަޒަށް ބޮޑުބަޑި ގެނެސްދިނުމުގައި އެހީތެރިކަން ފޯރުކޮށްދެއްވި ފެޑޯ ކޮންސްޓްރަކްޝަން ކޮންޕެނީ އަށާއި ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅީ މެދު ދާއިރާގެ މެންބަރު އޮނަރަބަލް އަޙްމަދު ޟަމީރު ވަނީ ޝުކުރު އަދާކޮށްފައެވެ.
މި ބަޑިއާއި ގުޅޭގޮތުން ރާއްޖޭގެ ނޫހެއް ކަމަށްވާ ވަގުތު ނޫހަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު އާދަމް ނަސީރު ވިދާޅުވީ މިއަދު ފެނުނު ވައްތަރުގެ ބަޑިތަކެއް ދާރުލް އާސާރުގައި މިހާރުވެސް އެބަހުރި ކަމަށެވެ. އަދި އަލަށް ފެނުނު ބަޑި އޮތީ ވަރަށް ބޮޑަށް ދަބަރު ޖަހާފައި ކަމަށާއި، އެ ސާފުކުރުމުގެ މަސައްކަތް ފަށާނެކަންވެސް މިނިސްޓަރު ހާމަކުރެއްވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ބޮޑު ރަސްގެފާނު ވެސް އެވައްތަރުގެ 14 ބޮޑު ބަޑި ބައްލަވައިގެންނެވި ކަމަށް އެނގިފައިވާ ކަމަށާއި އެކަމަކު ފެނުނީ ސީދާ އެ ވައްތަރެއްގެ ބަޑިއެއްކަން މި ވަގުތު ޔަގީންނުވާ ކަމަށެވެ.