އާރްޑީސީއާއި ސްޓެލްކޯގެ އެހީތެރިކަމާއި އެކު ހަލާކުވި މާފަންނު ޕަމްޕު ސްޓޭޝަން އޮޕަރޭޝަނަށް ގެނެސްފި
އަހުމަދު ޝުރާއު
1/11/2025, 2:41:44 PM
--
މާފަންނު ސަހަރާތެރޭގައި ހުރި ފެން ހިންދާ ޕަމްޕަށް ލިބުނު ގެއްލުންތައް ރަނގަޅުކޮށް ވަގުތީ ގޮތުން އޮޕަރޭޝަނަށް ގެނެސްފި އެވެ.
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރއިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ވިއްސާރައިގެ ސަބަބުން މާލެ ސިޓީގައި ފެންބޮޑުވުމުގެ މައްސަލަ ދިމާވާ ކޮންމެ ފަހަރަކު އެމިނިސްޓްރީން ދަނީ މާލޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކުރެވިފައިވާ ޕަމްޕު ސްޓޭޝަންތައް އިންސްޕެކްޓްކޮށް މި ސްޓޭޝަންތައް ރަނގަޅަށް މަސައްކަތް ކުރޭތޯ ބަލަމުން ކަމަށެވެ. އަދި މިގޮތަށް ބެލި ބެލުމުން މާފަންނު ސަހަރާގައި ޤާއިމްކުރެވިފައިވާ ޕަމްޕު ސްޓޭޝަނާއި އެ ސްޓޭޝަނަށް ގުޅާފައިވާ ހޮޅިތައް ބޭނުންކުރެވޭ ވަރަށް ހަލާކުކޮށްފައިވާކަން މިނިސްޓްރީއަށް ފާހަގަކުރެވިފައިވާ ކަމަށެވެ.
އެގޮތުން މި ޕަމްޕު ސްޓޭޝަނަށް ގެއްލުންވެފައިވަނީ މޭލެ ސިޓީ ކައުންސިލުން މާފަންނު ސަހަރާގައި ކުރަމުންދާ މަސައްކަތެއްގެ ތެރެއިން ޕަމްޕު ސްޓޭޝަނަށް ލިބިދާނެ ގެއްވެސް ގެއްލުމަކަށް ބެލުމެއްނެތި އެސަރަހައްދު ކޮނެފައިވާތީ ކަމަށް މިނިސްޓްރީން ތުހުމަތުކުރެއެވެ. އަދި މި މަސައްކަތް މާލެ ސިޓީ ކައުންސިލުން ކުރިޔަށް ގެންގޮސްފައިވަނީ މިނިސްޓްރީއާއި މަޝްވަރާކުރުމެއް ނެތި ކަމަށާއި މި މަސައްކަތާއި ގުޅޭ އެއްވެސް މައުލޫމާތެއް މިނިސްޓްރީއާއި ހިއްސާކޮށްފައި ނުވާކަމަށް ވެސް ބަޔާނުގައި ބުނެފައި ވެއެވެ.
މިނިސްޓްރީން އިތުރަށް ބުނީ ޕަމްޕު ސްޓޭޝަންތަކާއި ނެޓްވޯކު ޗެކުކޮށް އާރްޑީސާއި ސްޓެލްކޯގެ އެހީތެރިކަމާއެކު އެ ޕަމްޕު ސްޓޭޝަން މިހާރު ވަގުތީ ގޮތުން އޮޕަރޭޝަނަށް ގެނެވިފައިވާ ކަމަށެވެ.
ސިޓީ ކައުންސިލްގެ އިހުމާލުން ޕަމްޕު ސްޓޭޝަން ހަލާކުވެފައިވާކަމަށް ބުނެ މިނިސްޓަރު އަބްދުﷲ މުއްޠަލިބު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓަކަށް ރައްދު ދެއްވައި މޭޔަރު އަލީ އާޒިމް ވިދާޅުވީ އެ ޕަމްޕް ސްޓޭޝަންގެ ބައިތައް ރޫޅާލި އިރު، އެ ސްޓޭޝަން މަސައްކަތް ނުކުރާތާ ފަސް ވަރަކަށް މަސްދުވަސް ވެއްޖެ ކަމަށެވެ. އެ ސްޓޭޝަންގައި ހުރި ކަރަންޓު ބޯޑަށް ބަޔަކު ގެއްލުން ދީފައި ހުރި ކަމަށް އާޒިމް ވިދާޅުވި އެވެ. އަދި މްޕްތައް ހަލާކުވެފައިވާ މައްސަލަ މިނިސްޓްރީގެ ސަމާލުކަމަށް ގެނެސްފައިވާކަން ފާހަގަކުރައްވައި އާޒިމް ވަނީ މިދިޔަ މަހު 25 އަދި މި މަހު 8 ވަނަ ދުވަހު ކޮންސްޓްރަކްޝަން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ އަށް ފޮނުވާފައި ހުރި ސިޓީތަކެއް ވެސް އާންމުކުރައްވާފައި އެވެ.
ނަމަވެސް އެކަމަށް މިނިސްޓަރު ވަނީ އަނެއްކާވެސް ރައްދުދެއްވާފައި އެވެ. އެގޮތުން މިނިސްޓަރު ވިދާޅުވީ މި މަހުގެ ތިންވަނަ ދުވަހު މާލެއަށް ވިއްސާރަކުރި އިރު ވެސް އެ ސްޓޭޝަން މަސައްކަތްކުރި ކަމަށާއި އެއްވެސް މައްސަލައެއް އޭރު ފާހަގަކުރެވިފައި ނުވާ ކަމަށާއި މާލެ އަށް ވިއްސާރަކުރާ ކޮންމެ ފަހަރަކު މިނިސްޓްރީގެ މުވައްޒަފުން މާލޭގެ އެކި ތަންތަނުގައި ހުރި ޕަމްޕް ސްޓޭޝަންތަކުގެ ހާލަތު ބަލާ ކަމަށެވެ.