ޑިމޮކްރެޓްސްގެ އިސް ބައެއް ފަރާތްތައް އަލުން އެމްޑީޕީއަށް: އަމްރުވެސް ހިމެނޭ!
އަހުމަދު ޝުރާއު
1/11/2025, 8:37:26 AM
--
އެމްޑީޕީގެ ތެރޭގައި އުފެދުނު ދެބަސްވުންތަކުގައި ޕާޓީދޫކުރައްވައި ޑިމޮކްރެޓްސްގެ ނަމުގައި އައު ޕާޓީއެއް އުފައްދި ބައެއް ފަރާތްތައް އަލުން އެމްޑީޕީއާއި ގުޅިވަޑައިގެންފި އެވެ.
އިތުބާރުހުރި މަސްދަރަކުން ގާފު ނޫހަށް މައުލޫމާތު ދިން ގޮތުގައި އެމްޑީޕީއާއި އަލަށް ގުޅިވަޑައިގެންނެނީ ޑިމޮކްރެޓްސްގެ ނައިބު ރައީސް އަދި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު މުހައްމަދު ޝިފާޒު އާއި އެސްޓިއޯގެ ކުރީގެ އެމްޑީކަން ކުރެއްވި އަދި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓްސްގެ ރަނިންގ މޭޓު ހުސެއިން އަމްރު އާއި ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ ކުރީގެ މެންބަރު އަލީ އާޒިމް އެވެ.
އަދި މި ފަރާތްތަކުގެ އިތުރުންވެސް ޑިމޮކްރެޓްސްގެ އިތުރު ބައެއް އިސް ފަރާތްތައް ކުރިޔަށް އޮތް ހަފްތާގެ ތެރޭގައި އެމްޑީޕީއާއި ގުޅޭނެ ކަންވެސް މި ނޫހަށް ވަނީ މައުލޫމާތު ލިބިފައި އެވެ.
ޝިފާޒްއާއި އަމްރު އަދި އާޒިމް އެމްޑީޕީއާއި ގުޅިވަޑައިގެންނެވީ ރޭގެ ވަގުތެއްގައި އެވެ. އެގޮތުން އެފަރާތްތައް އެމްޑީޕީއާއި ގުޅިވަޑައިގެންނެވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި އެކު ކުރިޔަށް ދިޔަ މަޝްވަރާތަކަކަށްފަހުގައި ކަމަށް މައުލޫމާތު ލިބެއެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންނަވައިގެން އުފެއްދެވި ދަ ޑިމޮކްރެޓްސް އަކީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރު ގެންނަށް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ފާޅުކަން ބޮޑުކޮށް މަސައްކަތްކުރި ޕާޓީއެކެވެ. އެގޮތުން މި ސަރުކާރުގައި ޑިމޮކްރެޓްސްގެ ބައެއް އެކްޓިވިސްޓުންނަށް އިސް މަގާމުތަކެއް ވަނީ ލިބިފައި އެވެ.
ނަމަވެސް ޑިކޮމްރެޓްސްއިން ދާދި ފަހުން ވަނީ މިހާރުގެ ސަރުކާރު ނިމުމަކަށް ގެންނަން އެހެން ޕާޓީތަކާ ގުޅިގެން މަސައްކަތް ކުރަން ނިންމިކަން އިއުލާންކޮށްފަ އެވެ.