
ކްރިޕްޓޯ ކަރަންސީ ބީއެމްއެލްގެ އޭޓީއެމްތަކުން އެކްސްޗޭންޖް ކުރެވޭ ކަމަށްބުނެ ފަތުރަނީ ދޮގެއް - ބީއެމްއެލް
# ބީއެމްއެލް--
އޮންލައިން ޓްރޭޑްކޮށްގެން ހޯދާ ކްރިޕްޓޯ ކަރަންސީ ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމްތަކުން އެކްސްޗޭންޖްކުރެވޭ ކަމަށް ބުނެ ފަތުރަމުންދަނީ ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަމަށް އެބޭންކުން މިއަދު ބުނެފި އެވެ.

އޮންލައިން ޓްރޭޑްކޮށްގެން ހޯދާ ކްރިޕްޓޯ ކަރަންސީ ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމްތަކުން އެކްސްޗޭންޖްކުރެވޭ ކަމަށް ބުނެ މީސް މީޑިއާގައި ވީޑިއޯއެއް އާންމުކުރީ ކުރީގެ މަޖިލިސް މެމްބަރު އަދި ޕޮންޒީ ސްކީމެއް ހިންގި ކަމުގެ މައްސަލައެއް ފުލުހުން ތަހުގީގުކުރަމުންދާ އަލްހާން ފަހުމީ އެވެ.
ބީއެމްއެލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެބޭންކުން ކަސްޓަމަރުންނަށް ޚިދުމަތްދެމުން އަންނަ އެއްވެސް ވަސީލަތެއް މެދުވެރިކޮށް ކްރިޕްޓޯ އެކްސްޗޭންޖްކުރުމުގެ ޚިދުމަތެއް ދެމުން ނުދާ ކަމަށެވެ. އަދި ބީއެމްއެލްގެ އޭޓީއެމްތަކުން އެމެރިކަން އެކްސްޕްރެސް، ވިސާ، މާސްޓަރކާޑުގެ އިތުރުން އެހެނިހެން އިންޓަރނޭޝަނަލް ބްރޭންޑްތަކުގެ ކާޑުން މުއާމަލާތް ހިންގޭނެ ކަމަށާއި މިފަދަ ބައިނަލްއަޤްވާމީ ކާޑުތަކުން، ކަނޑައެޅިފައިވާ ލިމިޓްތަކެއްގައި ބީއެމްއެލް އޭޓީއެމް މެދުވެރިކޮށް މުއާމަލާތް ކުރެވުނު ނަމަވެސް ދައުރުވަމުންދާ ވީޑއޯގައި ބަޔާންކޮށްފައިވާ ގޮތަށް އެއްވެސް ކާޑެއް ބޭނުންކޮށްގެން އެކައުންޓުން 100،000 ޑޮލަރުގެ އަދަދަށްވާ ދިވެހި ފައިސާ އެއްފަހަރާ ނުނެގޭނެ ކަމަށެވެ.
ބޭންކުގެ އޭޓީއެމް އާއި ލޯގޯ ބޭނުންކޮށްގެން ކަސްޓަމަރުންނަށާއި އާންމުންނަށް އޮޅޭގޮތަށް ކްރިޕްޓޯ އެކްސްޗޭންޖް ކުރުމުގައި ބީއެމްއެލް އިން ޝާމިލުވެ އެކަމަށް މަގުފަހިކޮށްދޭކަމަށް ދޭހަވާ ގޮތަށް މިފަދަ ވީޑިއޯއެއް އާންމުކޮށްފައިވާތީ އެ ބޭންކުން ހިތާމަކުރާ ކަމަށާއި އެކަން ކުށްވެރިކުރާ ކަމަށް ބޭންކުގެ ބަޔާނުގައި ވަނީ ބުނެފައި އެވެ.
ގުޅުންހުރި

އަސާސީ ބޭނުންތައް ފުއްދުމަށް ދަތި އާއިލާތަކަށް ބީއެމްއެލް މުވައްޒަފުންގެ ދީލަތި އެހީއެއް!

ބީއެމްއެލުން ޢުމްރާވެރިންނަށް ފަސޭހައިން ޑޮލަރު ގަނޭވެނެ އިންތިޒާމް ހަމަޖައްސައިފި

ބީއެމްއެލް އިން އައްޑޫގައި ޑޮލަރު އޭޓީއެމްގެ ޚިދުމަތް ފަށައިފި
