ރަޖުނީއަށް ވިނަރެސް ފްލެޓު ލިބުނީ އުސޫލާ ހިލާފަކަށް ނޫން: ފުލުހުން
އަހުމަދު ޝުރާއު
1/8/2025, 3:27:50 PM
--
"ބިންވެރިޔާ ސްކީމް"ގެ ބޭރުން ގޯތިތަކެއް ދިން ކަމަށް ތުހުމަތުވާ ކޮރަޕްޝަންގެ މައްސަލަ ތަހުގީގުކުރާ ޓީމުގައި އިސްކޮށް ހިމެނޭ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ރަޖުނީ ޝުއައިބު އުސޫލާއި ހިލާފަށް ކަމެއް ކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެފި އެވެ.
ކުރީ ސަރުކާރުން ހިންގި "ބިންވެރިޔާ ސްކީމް"ގެ ދަށުން ނުހައްގުން ގޯތި ދޫކުރި މައްސަލައިގެ ތަހްގީގާ ގުޅޭ ގޮތުން މިދިޔަ މަހުގެ 19 ވަނަ ދުވަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަން އިންނެވި ރަޖުނީ އާއި އޭނާގެ އަންހެނުންނަށް ނުހައްގުން ފްލެޓް ލިބުނު ކަމަށް ބުނެ، ސޯޝަލް މީޑިއާގައި ޕޯސްޓުތަކެއް ދައުރުވިއެވެ. އެ ތުހުމަތުތައް ފެންމަތިވުމާއި އެކު ފުލުހުން ވަނީ ރަޖުނީއަށް ޕްލެޓު ލިބުނު ގޮތް އިތުރަށް ބެލުމަށް ނިންމައި އެކަން ބަލައި ނިމެންދެން ރަޖުނީ މަގާމުން އެކަހެރިކޮށްފައެވެ.
މި މައްސަލައާއި ގުޅޭގޮތުން މިއަދު ފުލުހުންގެ ތަރުޖަމާނު އޭސީޕީ އަހުމަދު ޝިފާން ވިދާޅުވީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ހެޑް އޮފް އިކޮނޮމިކް ކްރައިމްގެ މަގާމު އަދާކުރައްވަމުން ގެންދެވި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ރަޖުނީ ޝުޢައިބަށް، ވިނަރެސް ހައުސިންގ މަޝްރޫއުން އުސޫލާ ހިލާފަށް ފްލެޓެއް ލިބިފައިވާ ކަމަށް ބުނެ އާންމު މީޑިއާގައި ފެތުރުނު މަޢުލޫމާތާ ގުޅިގެން، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ރަޖުނީ ޝުޢައިބު، މަސްއޫލިއްޔަތު ތަކުން އެކަހެރިކޮށް، ފްލެޓެއް ލިބުމުގައި އެއްވެސް އުސޫލަކާ ހިލާފު އަމަލެއް ހިނގާފައިވޭތޯ ކަމާބެހޭ އިދާރާތަކުން ހިއްސާކޮށްފައިވާ މައުލޫމާތައް ދިރާސާކޮށް ބެލިބެލުމުން އެފަދަ ކަމެއް ފާހަގަކުރެވިފައި ނުވާކަމަށެވެ.
ނަމަވެސް ރަޖުނީ އަނބުރާ މަސައްކަތަށް ނެރުނު ކަމެއް ޝިފާން ހާމައެއްނުކުރައްވަފައެވެ.
ރަޖުނީއަށް ވިނަރެސް ފްލެޓް ދޫކުރަން ނިންމި ލިޔުމާއި އެކަމުގެ އެއްބަސްވުން މީސް މީޑިއާގައި ދައުރުވި އިރު އެ ލިޔުމުން އެނގޭ ގޮތުގައި ރަޖުނީއަށް ވިނަރެސް ފްލެޓެއް ދޫކުރަން އެޗްޑީސީން ނިންމާފައިވަނީ 2022 ވަނަ އަހަރު އެވެ. އެއީ ހިޔާ ފްލެޓްގެ ބަދަލުގައި ވިނަރެސް ފްލެޓް ހޯދަން ހުޅުވާލި ފުރުސަތުގައި އޭނާ އެކަމަށް އެދިގެން ހޯދާފައިވާ ފުރުސަތެއް ކަމަށް ވަނީ އެނގިފަ އެވެ.