
--
ގިނަ ބައެއްގެ މެދުގައި މަގުބޫލު ސިރީޒް "ސްކުއިޑް ގޭމްސް" ފަހު ސީޒަނަށް ނެޓްފްލިކްސްއަށް އެނބުރި އަންނަކަން އެ ސީރީޒްގެ ޕްރޮޑިއުސަރުން ކަށަވަރުކޮށްދީފި އެވެ.

2021 ވަނަ އަހަރު ރިލީޒްކުރި މި ކޮރެއާ ޑްރާމާގެ ފުރަތަމަ ސީޒަނަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ވަނީ ބޮޑު މަގުބޫލުކަމެއް ލިބިފައިއެވެ.
މި ސިރީޒްގެ ދެވަނަ ސީޒަން ރިލީޒްކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހުއެވެ. ހަތް އެޕިސޯޑުގެ މި ސިރީޒްގައި ފޭނުންނަށް ވަރަށް ގިނަ ޕްލޮޓް ޓްވިސްޓްތަކާއި އާ ގޭމްތަކާއި ވަނީ ތައާރަފުކޮށްފަ އެވެ.
ނެޓްފްލިކްސް އިން ދާދިފަހުން ވަނީ ސްކުއިޑް ގޭމް ފްރެންޗައިޒްގެ ތިން ވަނަ އަދި ފަހު ސީޒަނާ އެކު ނިމުމަކަށް އަންނާނެ ކަން އިއުލާންކޮށްފަ އެވެ.
ފަހު ސީޒަނާ ބެހޭގޮތުން ވާހަކަ ދައްކަމުން ޑައިރެކްޓަރު ހުވާންގް ޑޮންގް-ހިޔުކް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ ސީޒަން 3 ގެ އެޑިޓިން ބައި ގާތްގަނޑަކަށް ނިމިފައިވާ ކަމަށެވެ. އަދި އޭނާ ގަބޫލުކުރަނީ ސްކުއިޑް ގޭމްގެ ވާހަކައިން ވެސް އަދި ކެރެކްޓާއެއްގެ ގޮތުގައި ގި-ހޫންގެ ނަޒަރުންވެސް ކިޔައިދޭން ބޭނުންވާ ހުރިހާ ވާހަކައެއް މިހާރު ކިޔައިދެވިއްޖެ ކަމަށާއި ދެން އިތުރު ސީޒަނެއް ގެންނަން ބޭނުންނުވާ ކަމަށް ބުނެފައިއެވެ.
ސްކުއިޑް ގޭމް ސީޒަން ތިނެއް ރިލީޒްކުރާނެ ސީދާ ތާރީހެއް އަދި ހާމަކޮށްފައި ނުވި ނަމަވެސް މިއަހަރު ތެރޭގައި މި ސީރީޒްގެ ފަހު ބައި ފެނިގެންދާނެކަމަށް ބެލެވެއެވެ.