އެމްޑީޕީގެ ދަފްތަރުގައި ތިބި މެމްބަރުން ވަގަށް އެހެނިހެން ޕާޓީތަކުގެ ދަފްތަރުގައި ހިމެނުން ކުށްވެރިކޮށްފި
އަހުމަދު ޝުރާއު
12/29/2024, 5:10:39 PM
--
އިދިކޮޅު އެމްޑީޕީގެ ދަފްތަރުގައި ތިބި މެމްބަރުން ވަގަށް އެހެނިހެން ޕާޓީތަކުގެ ދަފްތަރުގައި ހިމެނުން އެޕާޓީއިން ކުށްވެރިކޮށްފި އެވެ.
އެޕާޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ދަފްތަރުގައި ތިބި މެމްބަރުންނަށް ވަގަށް އެހެނިހެން ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި، ވަކިން ހާއްސަކޮށް ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ދަފްތަރުގައި ހިމަނަމުންދާކަމުގެ ގިނަ ޝަކުވާތަކެއް ލިބިފައިވާ ކަމަށެވެ.
އެގޮތުން، ޕީއެންސީއަށް ވަނުމަށް ފޯމު ފުރާފައި ނުވާ މި ޕާޓީގެ ބައެއް އާންމު މެމްބަރުންނާއި ގައުމީ މަޖިލީހުގެ މެމްބަރުން ވެސް އެމްޑީޕީގެ ދަފްތަރުން އުނިކޮށް ޕީއެންސީގެ ހިމަނާފައިވާތީ އެ މައްސަލަ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި އެހެނިހެން ބައެއް ޕާޓީތަކުގެ ދަފްތަރުގައި ވެސް އެމްޑީޕީގެ މެމްބަރުން ހިމަނާފައިވާއިރު މި މައްސަލަތައް ބަލައިދިނުމަށް އިލެކްޝަންސް ކޮމިޝަނަށް ރަސްމީކޮށް އެ ޕާޓީގެ ފަރާތުން ހުށަހަޅާނެ ކަމަށެވެ.
އެމްޑީޕީގެ ބަޔާނުގައި އިތުރަށް ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ގޮތަށް ޕީއެންސީއަށް އެއް ލައްކަ މެމްބަރުން ހަމަކުރަން ކަމަށް ބުނެ މީހުންގެ ސޮއި ފޯޖުކޮށްގެން އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހަޅާފައިވާކަން މިކަމުން އެނގޭއިރު ދައުލަތުގެ ހުރިހާ އިދާރާއަކަށް ނުފޫޒު ފޯރުވައި މިކަން ފޮރުވުމަށް ސަރުކާރުން މަސައްކަތް ކުރަމުންދިޔުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.
އަދި މިފަދަ ގިނަ މައްސަލަތަކެއް ތިލަވެފައިވާއިރު ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުމާއި ވަކިކުރުމަށް މިހާރު ކަނޑައަޅާފައިވާ އުސޫލުތަކާއި އިޖުރާއަތްތައް އިތުރަށް ހަރުދަނާކޮށް ވަގު ފޯމު ފުރައިގެން ޕީއެންސީގެ ދަފްތަރަށް މީހުން އިތުރުކުރަން ހުރި ދޮރުތައް ބަންދުކުރުމަށް އިލެކްޝަން ކޮމިޝަނަށް އެޕާޓީން ވަނީ ގޮވާލާފައި އެވެ. އަދި ސަރުކާރުގެ މުއައްސަސާތަކުގައި ރައްކާކޮށްފައި ހުރި އާންމު ރައްޔިތުންގެ ޒާތީ މައުލޫމާތު ބޭނުންކޮށްގެން ވެރިކަން ކުރާ ޕީއެންސީއަށް ފޯމު ފުރައި މެމްބަރޝިޕް އިތުރު ކުރަމުންދާ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ގާނޫނީ ފިޔަވަޅު އެޅުމަށް އިލެކްޝަންސް ކޮމިޝަނަށާއި އޭގެ އިތުރުން، ސޮއި ފޯޖުކޮށްގެން ޕީއެންސީގެ ދަފްތަރުގައި މީހުން ރަޖިސްޓްރީ ކުރަމުންދާ މައްސަލަތައް ތަހުގީގު ކުރުމަށް ވެސް އެޕާޓީން ވަނީ ކަމާބެހޭ މުއައްސަސާތަކަށް ގޮވާލާފައި އެވެ.