ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް ކުރާ މަސައްކަތަކަށް މަޖިީދީމަގުގެ ބައެއް ބަންދުކޮށްފި
އަހުމަދު ޝުރާއު
12/28/2024, 7:10:27 AM
--
މާލޭގެ މައި މަގު , މަޖީދީމަގުގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް ކުރާ މަސައްކަތަކަށް އެމަގުން ބައެއް މިއަދު ބަންދުކޮށް ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފި އެވެ.
ސިޓީ ކައުންސިލުން ގެޒެޓު ކުރި އިއުލާނެއްގައި ބުނީ މަޖީދީމަގު ފެންބޮޑުވާ މައްސަލަ ހައްލުކުރުމުގެ ގޮތުން ބްލޮކްތަކަށް ބަހާލައިގެން ފުރަތަމަ ބްލޮކްގެ މަސައްކަތް މިހާރު ކުރަމުންދާތީ 28 ޑިސެމްބަރު 2024 އިން ފެށިގެން 04 ޖަނަވަރީ 2025 ގެ ނިޔަލަށް މަޖީދީމަގު، ޗާންދަނީމަގާއި ރަށްދެބައިމަގާއި ހަމައަށް ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ. އަދި ގެނައި ބަދަލުގެ ތަފްސީލީ ޗާޓެއްވެސް ވަނީ އާންމުކޮށްފައެވެ.
މަޖީދީ މަގުގެ ޓްރެފިކް ފްލޯއަށް ގެނައި ބަދަލު:
- ރަށްދެބައިމަގުން ފެށިގެން ދަބުރުއްމަގާއި ދެމެދު ޓްރެފިކަށް ކޮންޓްރޯލް ކުރެވިފައި
- ދަބުރުއްމަގާއި ނިކަގަސް މަގާއި ދެމެދު އާންމު ޓްރެފިކަަށް ބަންދުވެފައި
- ނިކަގަސްމަގުން ފެށިގެން ޗާންދަނީ މަގާއި ދެމެދު ޓްރެފިކަށް ކޮންޓްރޯލް ކުރެވިފައި
ސިޓީ ކައުންސިލުން ބުނީ އެއްގަމު އުޅަނދު ދުއްވާ އެންމެހާ ފަރާތްތަކުގެ ސަމާލުކަމަށް މިކަން ގެންނަ ކަމަށާއި މިކަމުގައި އެއްގަމު އުޅަނދު ދުއްވާ އެންމެހާ ފަރާތްތަކަށް ދިމާވެދާނެ ދަތިކަމަށްޓަކައި މާފަށް އެދޭ ކަމަށެވެ.
މަޖީދީ މަގު މަރާމާތު ކުރުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ރަސްމީކޮށް ފެށީ މިމަހުގެ 23 ވަނަ ދުވަހު އެވެ. ބޮޑެތި މަގުތައް މަރާމާތު ކުރުމުގެ މަސައްކަތް ސުކޫލު ބަންދާއި ދިމާކޮށް ކައުންސިލުން ފަށައިގެން ކުރިޔަށް ގެންދާއިރު މި މަސައްކަތް ނިމޭއިރު މަޖީދީމަގުގެ މި ސަރަހައްދުގައި ފެން ބޮޑުވުމުގެ ސަބަބުން، ހިނގާ މީހުންނަށާއި ދުއްވާތަކެއްޗަށް ކުރިމަތިވާ އުނދަގޫތަކާ ދަތިތަކަށް ހައްލު ލިބިގެންދާނެ ކަމަށް ސިޓީ ކައުންސުލުން ބުނެއެވެ,