މާލެސިޓީ ކައުންސިލަށް ފުރަތަމަ ފަހަރަށް އިންޓާނަލް އޮޑިޓަރަކު އައްޔަންކޮށްފި
އަހުމަދު ޝުރާއު
12/27/2024, 9:20:40 AM
--
މާލެސިޓީކައުންސިލްގެ ހިންގުން ހަރުދަނާ ކުރެއްވުމަށް، މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ކުރައްވަމުންގެންދަވާ ގިނަ ގުނަ މަސައްކަތްޕުޅުތަކުގެ ތެރެއިން، އެ ކައުންސިލަށް އިންޓާނަލް އޮޑިޓަރަކު އައްޔަނުކޮށްފި އެވެ.
މާލޭ ސިޓީ މޭޔަރ ކަމަށް، އެ މަނިކުފާނު ވާދަކުރެއްވި އިރު، މާލެ ސިޓީ ކައުންސިލުން ކުރަމުން ގެންދާ މަސައްކަތް، ދެ ފުށް ފެންނަގޮތަށް ބައްޓަން ކުރައްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ. ހާމަކަން ބޮޑު ގޮތެއްގައި ދެފުށް ފެންނަ، ކޮރޮޕްޝަނަށް މަގު ފަހި ނުވާގޮތަށް، މާލެ ސިޓީ ހިންގުމަށް ކުރަމުންދާ މަސައްކަތްޕުޅުގެ ތެރެއިން، މާލެ ސިޓީ ކައުންސިލް އިދާރާއަށް ބޭނުންވާ، އިންޓާނަލް އޮޑިޓަރަކު ހޯދުމަށް އިޢުލާންކުރީ، ނިމިދިޔަ އޮކްޓޫބަރ މަހުގެތެރޭގައެވެ.
ސިޓީ ކައުންސިލްގެ އިންޓާނަލް އޮޑިޓަރަކަށް ހަމަޖައްސާފައިވަނީ ކުރޯ މޯލްޑިވްސް އެލްއެލްޕީ އެވެ. އެގޮތުން އެމަސައްކަތް ކުރޯ މޯލްޑިވްސް އެލްއެލްޕީ އާއި ހަވާލުކުރީ .އެސް.ޓީ އާއިއެކު ޖުމުލަ 466,560.00 (ހަތަރުލައްކަ ފަސްދޮޅަސް ހަހާސް ފައްސަތޭކަ ފަސްދޮޅަސް) ރުފިޔާ އަށެވެ.
މާލޭ ސިޓީ ކައުންސިލުގައި އިންޓަރނަލް އޯޑިޓަރަކު މަސައްކަތްކުރައްވަން ފެއްޓެވުމުން، ކައުންސިލް އިދާރާއިން ތައްޔާރުކުރަންޖެހޭ އެކިއެކި އިންޓާރނަލް އޮޑިޓް ރިޕޯޓް ތައްޔާރުކޮށް އިތުރު މަޢުލޫމާތު، މާލޭގެ ރައްޔިތުންނާއި އަދި ގުޅުންހުރި މުއައްސަސާތަކާ ހިއްޞާ ކުރެވެމުން ގެންދެވޭނެއެވެ. މި ކަމުގެ ސަބަބުން ނަހަމަ ނުފޫޒާއި ކޮރޮޕްޝަން ހުއްޓުވުމަށް ވަރަށް ބޮޑަށް މަގުފަހިވެގެން ދާނެއެވެ.
މި ކަމާ ގުޅިގެން މާލެސިޓީގެ މޭޔަރ އާދަމް ޢާޒިމް އެކްސްގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވީ ''ފުރަތަމަ ފަހަރަށް މާލެ ސިޓީ ކައުންސިލުން އިންޓަރނަލް އޮޑިޓަރެއް އައްޔަންކޮށްފިން. މިއީ މާލެ ސިޓީއިން ކުރާ ކަންކަމުގައި ފުރިހަމައަށް ޖަވާބުދާރީވުމަށާއި، އާންމުންގެ އިތުބާރު ހޯދުމަށް އަޅުގަޑުމެން އެޅި މުހިންމު ފިޔަވަޅެއް. އަޅުގަނޑުމެން ކަނޑައަޅައިގެން މި ތިބީ، ކުރާ ހުރިހާ ކަމެއްގައި ވެސް ނަޒާހަތްތެރިކަން ކަށަވަރު ކުރުމަށް. މި އަދު މި އެޅުނު ބިންގަލުގެ ސަބަބުން، އަޅުގަނޑުމެންގެ މާލެ ސިޓީގެ މުސްތަޤްބަލު ބައްޓަންވެގެންދާނީ، ދެފުށްފެންނަ ގޮތަށް މަސައްކަތް ކުރާ މުއައްސަސާއެއްގޮތަށް''