--
އައު އަހަރު ކައިރިވަމުން އަންނައިރު ޝާހިދު ކަޕޫރު ބުރަކޮށް މަސައްކަތްކުރަމުން އަންނަނީ އޭނާގެ އެންމެ އަވަހަށް ރިލީޒްކުރާ ފިލްމު "ދޭވާ" ގެ މަސައްކަތުގައިއެވެ.
2025 ވަނަ އަހަރުގެ ޖެނުއަރީ މަހު ރިލީޒްކުރަން ތައްޔާރުވަމުން އަންނަ ފިލްމުގެ ޕްރޮމޯޝަންތައް ފަށަން ތައްޔާރުވަމުންދާއިރު ޝާހިދުމިވަނީ އެފިލްމުގެ މަންޒަރެއް ފެންނަ ފޮޓޯއެއް އޭނާގެ އިންސްޓަގްރާމް ފީޑަށް ދޫކޮށްލާފައިއެވެ. ޕޮލިހެއްގެ ރޯލުން ޝާހިދު ފެނިގެންދާ މި ފިލްމަކީ އެކްޝަން ތުރިލާއެކެވެ.
ޝާހިދުގެ މި ފޯސްޓާއި އެކު އޭނާގެ ފޭނުންވަނީ ކޮމެންޓް ސެކްޝަނުގައި ޝާހިދުގެ މި ރޯލު ބަލާލަން ކެތްމަދުވެފައި ތިބިކަން ހާމަކޮށް ކޮމެންޓް ސެކްޝަން ފުރާލާފައިއެވެ.
މި އަހަރުގެ ކުރީކޮޅު ޝާހިދު ވަނީ މި ފިލްމުގެ ޝޫޓިން ނިންމާލިކަން އިއުލާންކޮށް ހާއްސަ ވީޑިއޯއެއް ހިއްސާކޮށްފަ އެވެ.
ޝާހިދު އާއިއެކު މި ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި ޕޫޖާ ހެގްޑޭ އާއި ޕަވައިލް ގުލާޓީ ހިމެނެ އެވެ.
ރޯޝާން އަންދްރިއުސް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ރޯއި ކަޕޫރު ފިލްމްސްގެ އިތުރުން ޒީ ސްޓޫޑިއޯސް ގުޅިގެން ޕްރޮޑިއުސްކުރާ ފިލްމެކެވެ.
މީގެ ކުރިން އަންނަ އަހަރުގެ ފެބްރުއަރީ މަހު ރިލީޒްކުރަން ހަމަޖެހިފައި އޮތް މި ފިލްމު މިހާރު މިވަނީ ޖެނުއަރީއަށް ރިލީޒްކުރާ ތާރީޚު އަވަސްކޮށްފައިއެވެ. އެގޮޮތުން މިހާރު ބޮޑު ސްކްރީނަށް މި ފިލްމު އަންނާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު އެވެ.