ސްޕޯޓްސް ފިޝިން ބަނދަރުތައް ތަރައްޤީކުރާނީ އެންމެ ޒަމާނީ ވަސީލަތްތަކާއި އެކު: ޝިޔާމް
އަހުމަދު ޝުރާއު
12/22/2024, 6:59:58 AM
--
ސްޕޯޓްސް ފިޝިންއަށް ޙާއްޞަ ބަނދަތުތައް ތަރައްޤީކުރާނީ އެންމެ ޒަމާނީ ވަސީލަތްތަކާއި އެކު ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޝިޔާމް މިފަދައިން ވިދާޅުވީ މޯލްޑިވްސް މަރކެޓިންގ އެންޑު ޕަބްލިކް ރިލޭޝަންސް ކޯރޕަރޭޝަން، އެމްއެމްޕީއާރުސީއިގެ މުވައްޒަފުންގެ ކްލަބު، ވިޒިޓް މޯލްޑިވްސް ކްލަބް، ވީއެމްސީ އިން އަންނަ އޭޕްރީލް އަދި މެއި މަހު ބޭއްވުމަށް ހަމަޖެހިފައިވާ ބައިނަލްއަގުވާމީ ސްޕޯޓްސް ފިޝިން މުބާރާތް ބުރުން ބިމަ މުބާރާތް އިފްތިތާހްކުރުމަށް ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
"ބުރުން ބިމަ" ސްޕޯޓްސް ފިޝިންގް މުބާރަތް އިފްފިތާހުކޮށްދެއްވުމަށް ބޭއްވި މި ހަފްލާގައި ވާހަކަ ދައްކަވަމުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙުމަދު ޝިޔާމް ވިދާޅުވީ ސްޕޯޓްސް ފިޝިންއަށް އޮންނަ ތަރުހީބު އިތުރުވަމުންދާއިރު، މިދާއިރާ އިތުރަށް ފުޅާކުރުމަކީ މި ސަރުކާރުގެ އަމާޒެއް ކަމަށެވެ.
"ރައީސުލްޖުމްހުރިއްޔާގެ ވިސްނުންފުޅަކީ ދިވެހިރާއްޖޭގައި މި ގްރޯވަމުން އަންނަ ސްޕޯޓްސް ފިޝިން ކޮމިއުނިޓީއަށް ހައްލުތަކެއް ދިނުމުގެ އިތުރުން، މި ބަނދަރުތަކަކީ ރާއްޖެއިން ބޭރުން ސްޕޯޓްސް ފިޝިންއަށް ޝައުގުވެރިވެގެން އަންނަ ފަރާތްތަކަށް ބޭނުންވާ ވަސީލަތްތައް ގާއިމްވެފައިހުރި ބަނދަރުތަކަކަށް ހެދުން،" ވަޒީރު ޝިޔާމް ވިދާޅުވިއެވެ.
ސްޕޯޓްސް ފިޝިން ބަނދަރުތައް ތަރައްޤީކުރާނެ ފަސް ސަރަހައްދެއް މިހާރު ވަނީ ކަނޑައަޅާފައެވެ.