ޗެންޕިއަން ސިޓީ ބަލިކޮށް އެސްޓަންވިލާ ފަސްވަނައަށް
ހަސަން ޝަމްއޫން
12/21/2024, 3:12:22 PM
އެސްޓަން ވިލާ އާއި މެންޗެސްޓާ ސިޓީ ވާދަކުރި މެޗުގެ ތެރެއިން
އިގިރޭސި ޕްރެމިއާ ލީގުގައި މިއަދު ހަވީރު އަމިއްލަ ދަނޑުގައި 2-1 ގެ ނަތީޖާއަކުން ޗެންޕިއަން މެންޗެސްޓާ ސިޓީ ބަލިކޮށް، އެސްޓަން ވިލާ އިން ލީގު ތާވަލުގެ ފަސްވަަނައަށް ކުރިއަށް ޖެހިލައިފިއެވެ.
ލީގުގައި އެސްޓަންވިލާ އެންމެ ފަހުން ކުޅުނު މެޗުގައި 2-1 ގެ ނަތީޖާއަކުން ފޮރެސްޓް އަތުން އެޓީމު ބަލިވެފައިވާއިރު، މެންޗެސްޓާ ސިޓީ އެންމެ ފަހުން ކުޅުނު މެޗުގައި 2-1 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑް އަތުން އެޓީމު ވަނީ ބަލިވެފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 4-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ މެންޗެސްޓާ ސިޓީ އެވެ.
ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ، މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ އެސްޓަންވިލާ އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 16 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ކޮލަމްބިއާ ފޯވާޑް ޔޮހާން ޑުރާން އެވެ. އަދި މިއީ އުމުރުން 21 އަހަރުގެ ފޯވާޑް އެންމެ ފަހުން ކުޅުނު ހަތަރު މެޗުގައި ކާމިޔާބުކުރި ހަތަރުވަނަ ލަނޑެވެ.
އެސްޓަންވިލާ އިން ލީޑު ފުޅާކުރި ލަނޑު ދެވަނަ ހާފުގެ 65 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އިގިރޭސި މިޑްފީލްޑަރު މޯގަން ރޮޖާސް އެވެ. އަދި ސިޓީ އިން ނަތީޖާގެ ފަރަގު ކުޑަކުރި ލަނޑު ދެވަނަ ހާފުގެ އިތުރުވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ ފިލް ފޮޑެން އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން އެސްޓަންވިލާ ކުރީގައި އޮވެގެންނެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު 17 މެޗުން އެސްޓަންވިލާއަށް 28 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ ފަސްވަނައިގައެވެ. އަދި މިމެޗުން ބަލިވި މެންޗެސްޓާ ސިޓީ ހުރިހާ މުބާރާތެއްގައި އެންމެ ފަހުން ކުޅުނު 12 މެޗުގެ ތެރެއިން ނުވަ މެޗުން ބަލިވެފައިވާއިރު، ދެމެޗުން އެއްވަރުވެ އެޓީމު މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ. އަދި ލީގުގައި ކުޅުނު 17 މެޗުން ލިބުނު 27 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގުތާވަލުގެ ހަވަނައިގައެވެ.