
--
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި މާލޭގައި ވަރަށް ބޮޑަށް ފެންބޮޑުވެ މަގުތަކުން ފެން ހިންދަން ސިފައިން ނުކުމެއްޖެ އެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަދުގެ ހެނދުނު 8 އާއި ހަމައަށް 24 ގަޑިއިރުގެ ތެރޭގައި އެންމެ ބޯކޮށް ވާރޭވެހުނީވެސް މާލެ ސަރަހައްދަށެވެ. އެގޮތުން މާލެއަށް 134 މިލިލީޓަރުގެ ވާރޭ ވެހުނު އިރު ހުޅުލެއަށް 117 މިލިލީޓަރު އަދި ހުޅުމާލެ އަށް 62 މިލިމީޓަރުގެ ވާރޭ ވަނީ ވެހިފައި އެވެ.
މިއަދު ހެނދުނުން ފެށިގެން މާލެ އަށްވެސް އަދިވެސް ވިއްސާރަކުރަމުން އަންނަ އިރު މާލޭގެ ބޮޑު ބައެއް އޮތީ ފެނުއަޑީގައި އެވެ. މިއާއި އެކު ފެން ހިންދައި މާލޭގެ މަގުތައް އާންމު ހާލަތަށް ގެނައުމަށް ސިފައިން ވަނީ މަގުތަކަށް ނުކުމެފައި އެވެ. އެގޮތުން ވެލި ބަސްތާ ޖެހުމާއި ފެން ހިންދުމުގެ މަސައްކަތް ސިފައިން ދަނީ ކުރަމުންނެވެ.
މޫސުން އިތުރަށް ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ މާލެ ސަރަހައްދު ހިމެނޭހެން ރާއްޖޭގެ ބޮޑު ބަޔަކަށް ހުދު ސަމާލުވެސް ނެރެފައި އެވެ.