![ވިއްސާރާގައި ޅ ކުރެންދޫއަށް ބޮޑެތި ގެއްލުންތަކެއް!](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F11%2FGcuouGHbcAMc2nX.jpeg&w=3840&q=75)
--
މިހާރު ރާއްޖެއަށް ކުރަމުން އަންނަ ވިއްސާރާގައި ބޯކޮށް ވާރޭވެހި ޅ ކުރެންދޫއަށް ބޮޑެތު ގެއްލުންތަކެއް ލިބިއްޖެ އެވެ.
![Wamco](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F12%2Fcommercial-300%C3%83%C2%97300.gif&w=3840&q=75)
ހޮނިހިރު ދުވަހުން ފެށިގެން ރާއްޖެއަށް ކުރަމުން އަންނަ ވިއްސާރައާއި ގުޅިގެން ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރައިގެ އަސަރު އަންނަނީ ކުރަމުންނެވެ.
އެގޮތުން ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓު އޮތީރިޓީއިން މިއަދު ހާމަކޮށްފައިވާ ގޮތުގައި ވިއްސާރާގައި ޅ ކުރެންދޫއަށް ބޯކޮށް ވާރޭވެހި ގިނަ އަދަދެއްގެ ގެތަކަށް ވަނީ ފެން ވަދެފައި އެވެ. އިއްޔެ އެރަށަށް ބޯކޮށް ވާރޭވެހި ރަށުތެރޭގައި އެއްކޮށް ފެންބޮޑުވެ ރަށުގައި ހުރި ޕަންޕު ބޭނުންކޮށްގެން ކޯރު ކަނޑައިގެން ފެން ހިންދުމުގެ މަސައްކަތް އެއޮތޯރިޓީން ވަނީ ކޮށްފައެވެ. އަދި ރަށުގައި ބޮޑުވެފައިވާ ފެންގަނޑު ރޭގެ 12 ޖެހުމާއި ހަމައަށް ނޮދާން އޭރިއާ ކޮމާންޑުގެ ސިފައިން އެހީތެރިކަމާއި އެކު ހިންދާލާފައި ވެއެވެ.
އެރަށުގައި ފެންބޮޑުވެ ގެއްލުންލިބުނު ގެތަކުގެ ތެރެއިން ދިރިނޫޅެވޭ ހާލަތަށް ގޮސްފައިވާ ގެތައް ދެނެގަނެ އެފަރާތްތަކަށް ބޭނުންވާ ވަގުތީ ބޯހިޔާވަހިކަމާއި ކެއުންބުއިމުގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތުގައި އެންޑީއެމްއޭ އާއި އެރަށު ކައުންސިލާއި ގުޅިގެން ދަނީ މަސައްކަތް ކުރަމުންނެވެ.
އެންޑީއެމްއޭއިން ބުނީ މި ހާދިސާގައި 104 ގެއަކަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށާއި ލިބިފައިވާ ގެއްލުންތައް ދެނެގަތުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާ ކަމަށެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކުރާ ގޮތުގައި ކުރިޔަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ބޯކޮށް ވާރޭވެހޭނެ އެވެ.