މަސްދުވަސް ތެރޭ ފްލެޓާއި ގޯތިތައް ހަވާލުކޮށް ނުނިންމައިފި ނަމަ ސީދާ ހަރަކާތަށް ނުކުންނާނަން - އެމްޑީޕީ
އަހުމަދު ޝުރާއު
12/19/2024, 8:20:34 AM
--
މަސްދުވަސް ތެރޭ ފްލެޓާއި ގޯތިތައް ހަވާލުކޮށް ނުނިންމައިފި ނަމަ ސީދާ ހަރަކާތަށް ނުކުންނާނެކަން އިދިކޮޅު އެމްޑީޕީން ހާމަކޮށްފި އެވެ.
އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ ބިންވެރިޔާ ސްކީމުން ބިންތައް ދޫކުރުމަށް ސަރުކާރުގެ މުއައްސަސާތަކުން އުސޫލާ ހިލާފަށް ކަންތައްތަކެއް ކޮށްފައިވާކަން ފާހަގަކުރެވޭ ކަަމަށާއި މިކަން އެޗްޑީސީން ކުރިއަށް ގެންގޮސްފައިވަނީ ހައުސިން މިނިސްޓްރީގެވެސް އެއްބާރުލުން ލިބިގެންކަން ކަމަށެވެ. މިއާއި މިނިސްޓަރު ހައިދަރު މަގާމުން އިސްތިއުފާ ވެސް ދެއްވަން ޖެހޭ ވަރުގެ ކަމެއް ކަމަށާއި މައްސަލަ ބަލާ ނިމެންދެން މިނިސްޓަރު ސަސްޕެންޑުކުރައްވަން ރައީސްއަށް ޖެހިވަޑައިގަންނަވާނެ ކަމަށް އަކްރަމް ވިދާޅުވިއެވެ.
އަކްރަމް އިތުރަށް ވިދާޅުވީ މިދިޔަ ސަރުކާރުން ބޯހިޔާވަހިކަމަށް ރައްޔިތުންނަށް ދޫކުރުމުގެ މަސައްކަތް ފެށި ބިންތަކާއި ފްލެޓްތައް މި ސަރުކާރު އައިފަހުން ހުއްޓުމަކަށް އައިސްފައިވާކަމަށެވެ. އޭނާ ވިދާޅުވީ ކުރިއަށްއޮތް މަސްދުވަހުގެ ތެރޭގައި ފްލެޓާއި ބިންތަކުގެ ހައްގުވެރިންނަށް އެތަންތަން ދޫކޮށް ނިންމުމަށް ސަރުުކާރަށް ގޮވާލާ ކަމަށާއި، އެހެންނޫނީ އެމްޑީޕީން ސީދާ ހަރަކާތަށް ނިކުންނާނޭ ކަމަށެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް އެޗްޑީސީން ގޯތި ދިން މައްސަލައެއް ފެންމަތިވުމާއި ގުޅިގެން ފުލުހުން މިހާރު ވަނީ ޖިނާއީ ތަހުގީގެއް ފަށާފައި އެވެ. ފުލުހުން އިއްޔެ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް އެޗްޑީސީ އިން ގޯތިތަކެއް ދީފައިވާ ކަމަށް ވެލެވޭ މައްސަލައެއް ފެންމަތިވުމާއި ގުޅިގެން އެމައްސަލައިގެ ޖިނާއީ ތަހުގީގެއް ފުލުހުން ފަށާފައިވާ ކަމަށެވެ.
މި މައްސަލައާއި ގުޅިގެން ރޭ އެޗްޑީސީން ބޭއްވި ކުއްްލި ނޫސްވެރިންގެ ބައްދަލުވުމުގައި އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ފަޒުލް ރަޝީދު ވިދާޅުވީ ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް ގޯތި ދިނުމުގެ ބާރު އެޗްޑީސީގައި ނޯންނާނެ ކަމަށާއި ދައުރުވަމުންދާ ލިޔެކިޔުންތަކަކީ އެޗްޑީސީގެ ޕޯޓަލްއަށް އެދުނު ރިކުއެސްޓްތަކެއްގެ ވެރިފިކޭޝަނަށް ޕޯޓަލްއަށް ހުށަހަޅާފައިވާ ލިޔެކިޔުންތަކަކީ ސައްހަ ލިޔެކިޔުންތަކެއްތޯ ބެލުމަށް އެކުންފުނިން ހައުސިންގ މިނިސްޓްރީއާއި ދެމެދު ކުރެވުނު މުއާމަލާތްތަކުގެ ލިޔެކިޔުންތަކެއް ކަމަށެވެ.