ހުޅުމާލޭގެ ބިންތަކެއް އޮޅުވާލައިގެން ދިންކަމަށް ބުނާ މައްސަލައިގައި އަވަސް ފިޔަވަޅުއަޅަން އެމްޑީޕީން ގޮވާލައިފި
އަހުމަދު ޝުރާއު
12/18/2024, 3:32:49 PM
--
ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް އެޗްޑީސީން ގޯތި ދިން މައްސަލައެއް ފެންމަތިވުމާއި ގުޅިގެން އެމައްސަލަ ތަހުގީގުކޮށް އަވަށް ފިޔަވަޅު އަޅަން އިދިކޮޅު އެމްޑީޕީން ގޮވާލައިފި އެވެ.
އެމްޑީޕީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ނިމުނު އެޕާޓީގެ ސަރުކާރުން މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކުރިއަށްގެންދިޔަ “ބިންވެރިޔާ” ސްކީމަށް ޝަރުތު ހަމަނުވާ އެތައް ބަޔަކަށް ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ދޮގު ލިޔުން ތައްޔާރުކޮށް މަކަރާއި ހީލަތުން ބިންތައް ދީފައިވާތީ ކަންބޮޑުވުން ފާޅުކުރާ ކަމަށެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ބޯހިޔާވަހިކަމުން ވައްކަން ކޮށްފައިވާކަން ފަޅާއަރައި މިފަދަ ބޮޑު ހިޔާނާތެއް ހިންގާފައިވުމަކީ މި ސަރުކާރުގެ ތެރޭގައި ކޮރަޕްޝަނާއި ވައްކަން މޫލާފައިވާ މިންވަރު ހާމަވެގެންދާ އަލިގަދަ ހެއްކެއް ކަމަށާއި މި މައްސަލަ ފެންމަތިވުމާއެކު ވެސް މިހާތަނަށް އައިއިރު ވެސް އެޗްޑީސީގެ ވެރިންނާ މެދު އެއްވެސް ފިޔަވަޅެއް އަޅާފައި ނުވުމަކީ ކޮރަޕްޝަނާއި ވައްކަމަށް މި ސަރުކާރުން ހިތްވަރު ދެމުންދާކަން ހާމަވެގެންދާ ކަމެއްގެ ގޮތުގައި އެމްޑީޕީން ވަނީ ސިފަކޮށްފައެވެ.
އަދި ދައުލަތުގެ ލިޔެކިޔުންތަކަށް ބަދަލު ގެނެސްގެން ގޯތީގެ ރެޖިސްޓްރީ ހަދައި ހައްގުވެރި ނޫން އެތައް ބަޔަކަށް ހުޅުމާލެއިން ބިންތަކެއް ދީފައިވާ އެޗްޑީސީ ހިންގުން ރައީސް މުއިއްޒު މިނިސްޓަރެއްގެ ފެންވަރުގައި ހަވާލުކުރެއްވި އިބްރާހިމް ފަޟުލް ރަޝީދު އެ މަގާމުން ވަކިކޮށް އޭނާއާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް އެޕާޓީން ވަނީ ސަރުކާރަށް ގޮވާލާފައި އެވެ.
އޭގެ އިތުރުން, މި މުއާމަލާތަކީ އެކަކަށް ހިންގޭނެ ފަދަ މުއާމަލާތަކަށް ނުވުމާ އެކު މި މުއާމަލާތްތަކުގައި ހިމެނޭ ހުރިހާ ފަރާތްތަކަށް ގާނޫނުގައި ބަޔާންކުރާ އެންމެ ހަރުކަށި އަދަބު ދިނުމަށާއި މި ގޮތަށް އޮޅުވާލައިގެން ދީފައިވާ ބިންތައް އަނބުރާ ނަގައި “ބިންވެރިޔާ” ސްކީމްގެ ހައްގުވެރި ފަރާތްތަކަށް ބިންތައް ވީ އެންމެ އަވަހަކަށް ހަވާލުކުރުމަށް ސަރުކާރަށް ގޮވާލާ ކަމަށްވެސް ބަޔާނުގައި ބުނެފައި ވެއެވެ.
އެޗްޑީސީ އާއި ސަރުކާރުގެ ހިއްސާ އޮންނަ އެހެނިހެން ކުންފުނިތައް މެދުވެރިކޮށް ވައްކަމާއި ހިޔާނާތުގެ އެތަކެއް އަމަލުތަކެއް ހިންގަމުންދާއިރު ވެސް ރާއްޖޭގެ ތަހުގީގީ އިދާރާތާއި މިނިވަން މުއައްސަސާތަކުން އެއްވެސް ކަމެއް ނުކޮށް އެ ކަންކަމަށް ހިތްވަރު ދެވޭނެހެން އަމަލުކުރަމުންދާކަމަށް ތުހުމަތުކޮށް އެމްޑީޕީން ވަނީ ރައްޔިތުންގެ މުދަލަށް ހިޔާނާތްތެރިވަމުންދާ މީހުންގެ މައްސަލަތައް ވީ އެންމެ އަވަހަކަށް ބަލައި ފިޔަވަޅު އެޅުމަށް ދައުލަތުގެ ހުރިހާ އިދާރާއެއްގެ ކިބައިން އެދިފައި އެވެ.
" ބޯހިޔާވަހިކަމުން ވައްކަން ކުރުމުގެ ފުރުސަތު ސަރުކާރަށް ނުދިނުމަށް ކުރެވެން ހުރި ހުރިހާ ކަމެއް އެމްޑީޕީން ކުރާނެ ކަމުގެ ޔަގީންކަން އަރުވަމެވެ. " އެމްޑީޕީގެ ބަޔާން ނިންމާލަމުން ބުނެފައި ވެއެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް އެޗްޑީސީން ގޯތި ދިން މައްސަލައެއް ފެންމަތިވުމާއި ގުޅިގެން ފުލުހުން މިހާރު ވަނީ ޖިނާއީ ތަހުގީގެއް ފަށާފައި އެވެ. ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް އެޗްޑީސީ އިން ގޯތިތަކެއް ދީފައިވާ ކަމަށް ވެލެވޭ މައްސަލައެއް ފެންމަތިވުމާއި ގުޅިގެން އެމައްސަލައިގެ ޖިނާއީ ތަހުގީގެއް ފުލުހުން ފަށާފައިވާ ކަމަށެވެ.
މައުލޫމާތު ލިބޭގޮތުގައި ފުލުހުންގެ ޓީމަކުން މިއަދު ވަނީ ތަހުގީގަށް ބޭނުންވާ ލިޔެކިޔުންތައް ހޯދުމަށް އެޗްޑީސީގެ މައި އޮފީހުގައި ހަރަކާތްތެރިވެފައި އެވެ.