
--
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ނ ހެނބަދޫއަށް ބޮކޮށް ވާރޭވެހި ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.

އެރަށުން ގާފު ނޫހަށް މައުލޫމާތު ދިން ފަރާތަކުން ބުނީ މިއަދު ހެނދުނު އެރަށަށް ހުއްޓުމެއްނެތި ދެ ގަޑިއިރު ވާރޭވެހުމާއި އެކު އެރަށުގެ ގިނަ ގެތަކަކަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށެވެ. އެގޮތުން ރަށުގެ ބައެއް ސަރަހައްދުތަކުގައި 2 ފޫޓަށް ވުރެ ބޮޑަށް ފެން ބޮޑުވެފައިވާކަމަށް އޭނާ ބުންޏެވެ.
ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓު އޮތީރިޓީން ބުނީ މިއަދު ހެނދުނު ނ.ހެނބަދޫއަށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން އެރަށުގެ 75 ގެއަކަށް ވަނީ ފެންވަދެ އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށެވެ.
އަދި ހެނބަދޫ ކައުންސިލާއި އެމް.އެން.ޑީ.އެފް ގެ އެހީތެރިކަމާއެކު ފެން ހިއްކުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން ކަމަށެވެ. މީގެ އިތުރުން އެފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އެ އޮތޯރިޓީން ދަނީ ކުރަމުން ކަމަށެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ މި ދުވަސްވަރަކީ ރާއްޖޭގެ ސަރަހައްދަށް ހުޅަނގު މޫސުން ނިމި، އިރުވައި މޫސުން ފެށޭ ދުވަސްވަރު ކަމަށާއި މޫސުން ބަދަލުވާ ދުވަސްވަރު މި ސަރަހައްދުގައި ކޮޅިގަނޑުތައް އުފެދުމުގެ ފުރުސަތު އޮންނަ ކަމަށެވެ. މިގޮތުން ބަންގާޅު ކަނޑުގައި މިއަދުގެ ވަގުތެއްގައި ކޮޅިގަނޑެއް އުފެދި، ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި ދެކުނު އިންޑިއާގެ ޓެމިލްނާޑޫގެ އައްސޭރިފަށާ ދިމާލަށް ދަތުރުކުރާނެ ކަމަށް ވަނީ ބުނެފައި އެވެ. އަދި މި ހަފުތާގައި ރާއްޖެއާ ދުރުން ދެކުނުގައި ވެސް ކޮޅިގަނޑެއް އުފެދި، ހުޅަނގަށް ޖެހޭނެ ކަމަށް ވެސް ވަނީ ލަފާކޮށްފައެވެ.
މި ދެ ކޮޅިގަނޑާއި ގުޅިގެން ބުދަ ދުވަހުން ފެށިގެން ކުރިއަށް އޮތް ފަސް ދުވަހު ރާއްޖޭގެ ސަހައްދުގެ އާންމު ވައި ބާރުވާނެ ކަމަށް ބެލެވޭ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ ބުނެފައި އެވެ.
މިއާއި އެކު އާންމު ގޮތެއްގައި ދެކުނަށާއި މެދު ރާއްޖޭގެ އަތޮޅުތަކަށް ގަޑިއަކު 17 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އުތުރުގެ އަތޮޅުތަކަށް ގަޑޮއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ބެލެވޭ ކަމަށއި އެހެންކަމުން އުތުރުގެ އަތޮޅުތަކުގައި ކަނޑުތައް ގަދަވާނެ ކަމަށް ބެލެވޭއިރު، ދެކުނާއި މެދު ރާއްޖެތެރޭގެ ކަނޑުތައް ވަރަށް ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށްވެސް އެބަޔާނުގައި ބުނެފައި އެވެ.
އެއިދާރާއިން އިތުެރަށް ބުނީ މި ދުވަސްވަރު ގަދަވަޔާ އެކު، ވިއްސާރަކޮށް، ގުގުރުމާ އެކު، ވިލާގަނޑުގައި ގާތްގަނޑަކަށް ގަޑިއަކު 40-50 މޭލަށް ވައިގަދަވުން ވެސް އެކަށީގެންވާ ކަމަށާއި އަދި ދެކުނާއި މެދު ރާއްޖެ ތެރޭގެ ސަރަހައްދަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށެވެ.
މިއާއެކު ހުރިހާ ފަރާތްތަކުން ހާއްސަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން އެންމެ ފަހުގެ މޫސުމީ ނިމުންތަކާއި ސަލާމުތަކަށް އިސްކަން ދިނުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.






