ކ ގުރައިދޫގައި ވެމްކޯގެ ހިދުމަތް ފަށަން ތައްޔާރުވަނީ: މުވައްޒަފުން ހޯދަން އިއުލާނުކޮށްފި
އަހުމަދު ޝުރާއު
12/16/2024, 4:21:46 PM
--
ރާއްޖޭގެ ކުނި މެނޭޖްކުރުމުގެ މައި ކުންފުނި ވޭސްޓް މެނޭޖްމެންޓު ކޯޕަރޭޝަން, ވެމްކޯގެ ހިދުމަތް ކ ގުރައިދޫގައި ފެށުމަށް ނިންމައިފި އެވެ.
ވެމްކޯއިން ގުރައިދޫގައި ހިދުމަތް ފަށަން ނިންމައި އެކަމަށް ވާން ޖެހޭ ތައްޔާރީތައް ވާން މިހާރު ވަނީ ފަށާފައި އެވެ. އެގޮތުން ގުރައިދޫގެ އޮޕަރޭޝަނަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް މިއަދު ވަނީ އެކުންފުނިން އިއުލާނުކޮށްފައެވެ.
ވެމްކޯއިން މިއަދު ކުރި އިއުލާނެއްގައި ބުނީ އެކުންފުނީގެ ގުރައިދޫ އޮޕަރޭޝަނަށް ބޭނުންވާ މުވައްޒަފުންނަށް ވަޒީފާތަކަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 19 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން މުވައްޒަފުން ހޯދަން އިއުލާނުކޮށްފައިވާ މަގާމްތަކަކީ:
- (3) ޑްރައިވަރުން
- (3) ސެކިއުރިޓީ ގާޑުން
- (7) ވެށިފާރަވެރިން
- (1) ސުޕަވައިޒަރ
- (3) ޑިއުޓީ އޮފިސަރުން
- (1) ސަޕޯޓް ޓެކްނީޝަން
- (2) އެޑްމިނިސްޓްރޭޓިވް އެސިސްޓެންޓް
ވެމްކޯގެ އިސް އޮފިޝަލަކު ވިދާޅުވީ ވެމްކޯގެ ހިދުމަތް ގުރައިދޫގައި ފެށުމަށްޓަކައި އެރަަށަށް ބޭނުންވާ ވެމްކޯގެ އުޅަނދުތައް ދާދި އަވަހަށް އެރަށަށް ގެންދެވޭނެ ކަމަށެވެ. އަދި އަމާޒަކީ މާދުރު ނޫން މުސްތަގްބަލެއްގައި ގުރައިދޫގައި ހިދުމަތް ފެށުމަށް ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.
ވެމްކޯއިން މިއަހަރުގެ ތެރޭގައި ރާއްޖޭގެ އިތުރު 6 ރަށެއްގައި ހިދުމަތް ދޭން ފަށާފައި ވެއެވެ. އެއީ ތިނަދޫ ސިޓީ , ކުޅުއްދުއްފުށީ ސިޓީ , ކ މާފުށި , ލ ގަން , ލ ފޮނަދޫގެ އިތުރުން މިދިޔަ ހަފްތާގައި ހިދުމަތް ފެށި ކ ހިންމަފުއްޓެވެ. މިއާއި އެކު ވެމްކޯގެ ހިދުމަތް މިހާރު ދެމުން އަންނަ ރަށްތަކާއި ސިޓީތަކުގެ އަދަދަކީ 9 އެވެ.