އަލިފާނުގައި ގެއްލުންވި ސިޓީ ކައުންސިލްގެ ދެ ޑިޕާޓްމެންޓު ހިންގުމަށް ސަރުކާރުގެ ހަރަދުގައި ވަގުތީ އިމާރާތެއް އަޅަނީ
އަހުމަދު ޝުރާއު
12/14/2024, 6:24:22 AM
--
މިދިޔަ ބުރާސްފަތި ދުވަހު މާލޭގައި ހިނގި އަލިފާނުގެ ބޮޑު ހާދިސާގައި ގެއްލުންވި މާލެ ސިޓީ ކައުންސިލްގެ ދެ ޑިޕާޓްމެންޓު ހިންގުމަށްޓަކައި ސަރުކާރުގެ ހަރަދުގައި ވަގުތީ އިމާރާތެއް އެޅުމަށް ނިންމައިފި އެވެ.
މިކަން ހާމަކުރެއްވީ މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެވެ.
އެގޮތުން ނަރީޝް ވިދާޅުވީ ބުރާސްފަތި ދުވަހު ހިނގާދިޔަ ހިތާމަވެރި ހާދިސާގައި ބޭނުން ނުުކުރެވޭ ވަރަށް ހަލާކުވެފައިވާ މާލެ ސިޓީ ކައުންސިލްގެ އެންމެ ބޮޑު ދެ ޑިޕާރޓްމަންޓް ކަމަށްވާ ލޭންޑް އެންޑް ބިލްޑިންގ ޑިޕާރޓްމަންޓާއި ވައިޓަލް އެންޑް ރެޖިސްޓްރޭޝަން ޑިޕާރޓްމަންޓުގެ ހިންގުން ވަގުތީގޮތުން ހިންގުމަށް ކައުންސިލް އާއްމު ހިދުމަތްތަކާ ބޭހޭ ބައިގެ ގޯތި ތެރޭގައި ވީއެންމެ އަވަހަކަށް ރައްޔިތުންނަށް ޙިދުމަތް ފޯރުކޮށްދެއްވުމަށް ސަރުކާރުގެ ހަރަދުގައި ވަގުތީ އިމާރާތެއް އެޅުމަށް ރައީސް ޑެ މުހައްމަދު މުއިއްޒު ނިންމަވާފައިވާ ކަމަށެވެ.
އަދި ސަރުކާރުގެ އިމާރާތަކުން ދާއިމީ އޮފީހެއް ސަރުކާރުގެ އެހީތެރިކަމާއިއެކު ހަމަޖައްސަވައި ދެއްވަންވެސް ރައީސް ނިންމަވާފައިވާކަން ނަރީޝް ހާމަކުރެއްވި އެވެ.
ނަރީޝް އިތުރަށް ވިދާޅުވީ ވަގުތީ އޮފީސް 2 ހަފްތާތެރޭގައި މިނިސްޓްރީި އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓަކްޗާރ އާއި މިނިސްޓްރީ އޮފް ލޯކަލް ގަވާރމެންޓް އެންޑް ޕަބްލިކް ވޯރކްސް މިނިސްޓްރީ އާއި މާަލެ ސިޓީ ކައުންސިލް ގުޅިިގެން ނިންމެވުމަށް އިރުޝަދު ދެއްވައި އެމަގުން އެކަން ކުރުމަށް ވެސް ރައީސް އަންގަވާފައިވާ ކަމަށެވެ.
ނަރީޝް ވަނީ އެކަމަށްޓަކައި މާލެސިޓީ ކައުންސިލްގެ މޭޔަރާއި ކައުންސިލް މެންބަރުންނާއި ކައުންސިލްގެ ވެރިންނާއި މުވައްޒަފުންގެ ނަމަުގައި ރައީސް މުއިއްޒުއަށް ޝުކުރުއަދާކުރައްވާފައި އެވެ.