
--
ބޭންކަށް ޑޮލަރު މާރު ކުރުން ލާޒިމްކުރާ ބޭރު ފައިސާއާބެހޭ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

އިނގުރައިދޫ ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް ފަލާހު ހުށަހެޅުއްވި މި ބިލް ފާސްކުރީ 67 މެންބަރުންގެ ތެރެއިން 56 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މިއަދު ނެގި ވޯޓުގައި ބިލާއި ދެކޮޅަށް ވޯޓު ދެއްވީ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ 11 މެންބަރުންނެވެ.
މި ބިލްގެ މައިގަނޑު މަޤްޞަދަކީ ވިޔަފާރިތަކުން ރާއްޖެއަށް ވަންނަ ޑޮލަރު، ރާއްޖޭގެ ބޭންކުތައް މެދުވެރިކޮށް މާރުކުރުން ލާޒިމުކުރުމެވެ. މި ބިލްގައިވާ ގޮތުން، ބޭރު ފައިސާގެ އާމްދަނީ ބޭންކު އެކައުންޓަކަށް ޖަމާކޮށް މާރުކުރަންޖެހޭ ފަރާތްތަކުގެ ތެރޭގައި ހިމެނެނީ ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކުގެ އިތުރުން މަދުވެގެން އަހަރަކު 15 މިލިއަން ޑޮލަރުގެ އާމްދަނީ ލިބޭ ފަރާތްތަކެވެ.
އިދިކޮޅުގެ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވެފައިވާ މި ބިލްގައި ރިސޯޓުތަކަށް ދެ އިޚްތިޔާރެއް ދީފައިވެއެވެ. އެއީ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރުން ނުވަތަ ކޮންމެ މަހެއްގެ ޖުމްލަ އާމްދަނީގެ 20 ޕަސެންޓް ޑޮލަރު މާރުކުރުމެވެ.
ގެސްޓް ހައުސްތަކުން ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ ރޭޓުން ނުވަތަ މަހެއްގެ ތެރޭގައި ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 20 ޕަސެންޓް މާރުކުރަން ޖެހޭނެއެވެ.
މި ބިލް މަޖިލީހަށް ހުށަހެޅުމާއި އެކު ދިރާސާއަށް މި ބިލް ފޮނުވީ މާލިއްޔަތު ކޮމެޓީއަށެވެ. އެގޮތުން މާލިއްޔަތު ކޮމިޓީން މި ބިލަށް ބައެއް ބަދަލުތައް ގެނެސްފައިވެއެވެ. އޭގެ ތެރޭގައި ޑޮލަރު މާރުކުރުމުން އިސްތިސްނާވާ އުމުރު 10 އަހަރުން 12 އަހަރަށް މަތިކުރުމާއި، ރިސޯޓެއްގައި މާލީ ދަތިކަމެއް ހުރިނަމަ، އާމްދަނީގެ 20 ޕަސެންޓަށް ވުރެ މަދުން ދެއްކުމުގެ އިޚްތިޔާރު ދިނުން ހިމެނެއެވެ. ނަމަވެސް މި ލުއި ދެވޭނީ އެކަން އެމްއެމްއޭއަށް ސާބިތުކޮށްދިނުމުންކަމަށް ބިލް ފާސްކުރި އިރު ވަނީ ބުނެފައި އެވެ.
ބޭރު ފައިސާ މާރުކުރުމުން އިސްތިސްނާވާ ފަރާތްތަކާއި ހާލަތްތައް ބިލުގައި ބަޔާންކޮށްފައިވެ އެވެ. އެގޮތުން އެތަނެއްގައި 24 ގަޑިއިރު ހޭދަކޮށްފައިނުވާ ޓޫރިސްޓުންނާއި، ހިލޭ ނުވަތަ ކޮމްޕްލިމެންޓަރީކޮށް ތިބޭ ފަރާތްތަކުގެ އިތުރުން ސަރުކާރުން ހާއްސަ އިމްތިޔާޒް ދީފައިވާ މެހެމާނުން އިސްތިސްނާވާ ފަރާތްތަކުގެ ތެރޭގައި ހިމަނާފައިވެ އެވެ.
މި ބިލުގައި ބަޔާންކޮށްފައިވާ ކަންކަމާ ހިލާފުވާ ފަރާތްތައް 10 ހާސް ރުފިޔާ އާއި 1 މިލިއަން ރުފިޔާ އާ ދެމެދު ޖޫރިމަނާކުރެވޭނެއެވެ. އަދި ބޭރު ފައިސާއިން ޖޫރިމަނާކުރުމުގެ އިހްތިޔާރު މީރާ އަށް ލިބިދީފައި ވެސް ވެއެވެ.
މީގެއިތުރުން، މި ގޮތްތަކުން ބޭންކަކަށް ލިބޭ ބޭރު ފައިސާގެ ތެރެއިން އެމްއެމްއޭއިން ކަނޑައަޅާ ވަކި އިންސައްތައެއްގެ ފައިސާ، އެމްއެމްއޭއިން ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި އެ ބޭންކަކުން އެމްއެމްއޭއަށް ވިއްކަންވާނެ ކަމަށްވެސް ބިލުގައި ފާހަގަކޮށްފައި ވެއެވެ.





