
--
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ ހުސްވެފައިވާ ދެ މެމްބަރުކަމުގެ މަގާމަށް މެމްބަރުން އައްޔަނުކުރަން ރައީސް އޮފީހުން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.

މިއަދު ރައީސް އޮފީހުން މަޖިލީހަށް ފޮނުވި ލިސްޓުގައި ވާގޮތުން ނަމަ ޖުމުލަ 12 ފަރާތަކުން ވަނީ ބްރޯޑްކޮމްގެ މެމްބަރުކަމަށް ކުރިމަތިލާފައި އެވެ.ނަމަވެސް އެ ނަންތަކުގެ ތެރެއިން ރައީސް ޑރ މުހައްމަދު މުއިއްޒު އެމަގާމަށް އައްޔަނުކުރައްވަން ހުށަހަޅާ ދެ ނަން އޮތީ ލިސްޓުގެ އެންމެ ކުރީގައި ތަރުތީބުކޮށްފައެވެ.
އެގޮތުން ބްރޯޑްކޮމްއަށް އައްޔަނުކުރަން ރައީސް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލިހުގެ އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) އާއި ރައީސް އޮފީހުގެ ކުރީގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ (ޓީވީ މުއާ) އެވެ.
މުހައްމާ އާއި މުއާގެ އިތުރުން ބްރޯޑްކޮމްގެ މެންބަރު ކަމަށް ކުރިމަތިލި ފަރާތްތައް:
- އިބްރާޙިމް އަޝްރަފް
- ލެފްޓިނެންޓް ކާނަލް ރިޓަޔާޑް، އަލްއުތާޛް ޒުބައިރު އަޙުމަދު މަނިކު
- ޢަބްދުﷲ ހުމައިދު
- އައިޝަތު ދިޔާނާ ޠޯހިރު
- އުސްތާޒާ އައިމިނަތު ސަރާހަތު އިއްޒަތު
- ޝިމްލާ އަހުމަދު
- އިސްމާއިލް ޝަފީގު
- ޝިފްޒާ މުސްތަފާ
- އަލީ ނިޝާން
- މުޙައްމަދު ޝަމީމް
ބްރޯޑްކޮމްގެ މެންބަރު ކަމަށް ހުޅުވައިލީ ކޮމިޝަންގެ ރައީސްގެ މަގާމުގައި ހުންނެވި މަރިޔަމް ވަހީދާ އާއި މެންބަރު އަލީ ޔޫސުފްގެ ދައުރު ހަމަވާތީ އެވެ. އެ ދެ މެމްބަރުން މެންބަރު ކަމަށް އައްޔަންކުރީ ޑިސެންބަރު 5، 2019 ވަނަ އަހަރު ކުރީ ސަރުކާރުގެ ދައުރުގައި އެވެ.
ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރުކަމުގެ ދައުރަކީ ފަސް އަހަރެވެ.