ވާދަވެރި ކުޅުމަކަށްފަހު ނޯ ޗޮއިސް ބަލިކޮށް ޗެންޕިއަން ޑީއާރުސީ ސެމީފައިނަލަށް
ހަސަން ޝަމްއޫން
12/5/2024, 4:15:00 PM
ޑީއާރުސީ އާއި ނޯ ޗޮއިސް ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ގާފު ސްޕޯޓްސް / ހުސެއިން
މިހާރު ކުރިއަށްދާ "ތިނަދޫ ސިޓީ ކައުންސިލް ފުޓްސަލް މުބާރާތް 2024" ގެ ކުއާޓާ ފައިނަލު ތިންވަނަ މެޗުގައި މިރޭ އެންމެ ފަހުގެ ޗެންޕިއަން ދަޑެކޮޑޭ ރެކްރިއޭޝަން ކުލަބު (ޑީއާރުސީ) އާއި ޔުނައިޓެޑް ނޯ ޗޮއިސް ކުލަބު ވާދަކުރި މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ޑީއާރުސީ މުބާރާތުގެ ސެމީ ފައިނަލުން ޖާގަހޯދައިފިއެވެ
ޑީއާރުސީ މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަހޯދީ ގުރޫޕް ސްޓޭޖުގައި ކުޅުން ތިން މެޗުގެ ތެރެއިން ދެމެޗުން މޮޅުވެ އެއްމެޗުން ބަލިވެ، ހަ ޕޮއިންޓާއެކު ގުރޫޕް ބީގެ ދެވަނަ ޓީމުގެ ގޮތުގައެވެ. އަދި ގުރޫޕް ސީގެ ތިންވަނަ ހޯދި ނޯ ޗޮއިސް ކުއާޓާ ފައިނަލުން ޖާގަހޯދީ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގެ ތެރެއިން އެއް މެޗުން މޮޅުވެ، އެއްމެޗުން އެއްވަރުވެ، އަނެއް މެޗުން ބަލިވެ، ލިބުނު ހަތަރު ޕޮއިންޓާއެކު ތިން ގުރޫޕުން ތިންވަނަ ހޯދި ޓީމުތަކުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ޓީމުގެ ގޮތުގައެވެ.
ތިނަދޫ ސިޓީ އާރު އަވަށުގެ ފުޓްސަލް ދަނޑުގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ޑީއާރުސީ އިން މެޗު ޑޮމިނޭޓްކުރިއިރު، މިހާފުގައި އެޓީމުން ވަނީ ނޯ ޗޮއިސްގެ ގޯލާއި އަމާޒުކޮށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. އެގޮތުން މިހާފުގައި ޑީއާރުސީގެ އަލީ ޝިޔާހު ފޮނުވާލި ހަމަލާއެއް ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވިއިރު، މިހާފުގައި ނޯ ޗޮއިސްގެ ކީޕަރު ފިރާހުގެ ފަރާތުން ވަނީ ތަފާތު މޮޅު ސޭވްތަަކެއް ފެނިގެންގޮސްފައެވެ.
މެޗުގެ ދެވަނަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ޑީއާރުސީ އިންނެވެ. މިލަނޑު ދެވަނަ ހާފުގެ 28 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އިބްރާހިމް ޝައުފު މުހައްމަދު އެވެ. ނަމަވެސް ޖެހިގެން އައި މިނެޓްގައި ނޯ ޗޮއިސް އިން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ އަހުމަދު ރިފްޝާން އެވެ.
ޑީއާރުސީ އިން ދެވަނަ ފަހަރަށް މެޗުގެ ލީޑުހޯދި ލަނޑު ފަހުހާފުގެ 36 ވަނަ މިނެޓިގައި ކާމިޔާބުކޮށްދިނީ މުހައްމަދު ނާއިލް އެވެ. މިއީ ނޯ ޗޮއިސްގެ ޕެނަލްޓީ އެރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މެޗުގެ އެންމެ ފަހު މިނެޓުގައި ޑިއާރުސީ އިން ހަ ފައުލް ހަމަވެގެން ނޯ ޗޮއިސްއަށް ދުރު ޕެނަލްޓީއެއް ވެސް ލިބުނެވެ. ނަމަވެސް ވިޖްދާން ކުރިއަށް ފޮނުވާލި ޕެނަލްޓީ ޑީއާރުސީގެ ކީޕަރު ބައްސާމު ވަނީ ދިފާއުކޮށްފައެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޑީއާރުސީގެ އިބްރާހިމް ޝައުފު މުހައްމަދު އެވެ.
މުބާރާތުގެ ސެމީފައިނަލް ދެވަނަ މެޗުގައި ޗެންޕިއަން ޑީއާރުސީ ވާދަކުރަންޖެހޭނީ ކުއާޓާ ފައިނަލް ފަހު މެޗުގައި ޓީމު 401 އާއި ހަވޮއްޑާ ވާދަކުރާ މެޗުން މޮޅުވާ ޓީމަކާއި ދެކޮޅަށެވެ.
މިމުބާރާތުގައި މިއަހަރު ޖުމްލަ 12 ޓީމަކުން ވާދަކުރަމުން އަންނައިރު، މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބައިވެރިވި 12 ޓީމު ތިން ގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމުގެ އިތުރުން ތިން ގުރޫޕުން ތިންވަނަ ހޯދާ ޓީމުތަކުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ދެޓީމަށް ވެސް މުބާރާތުގެ ކުއާޓާ ފައިނަލުން ވަނީ ފުރުސަތުލިބިފައެވެ.
ޗެންޕިއަން ޓީމަށް 50،000 އަދި ރަނަރަޕް ޓީމަށް 25،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށައެޅިފައިވާ މިމުބާރާތުގެ ޓައިޓަލް ސްޕޮންސާއަކީ ތިނަދޫ ސިޓީ ކައުންސިލް އެވެ. އަދި އެސޯސިއޭޓެޑް ޕާޓްނާއެއްގެ ގޮތުގައި އިވެންޓްކާސް މޯލްޑިވްސް ހަމަޖައްސާފައިވާއިރު، ފޮޓޯ ގްރަފީ ޕާޓްނަރަކީ ފޮޓޯ މޯލްޑިވްސް އެވެ. އަދި ބެވަރޭޖް ޕާޓްނަރަކަށް ހަތްތަރި ކެފޭ ހަމަޖައްސާފައިވާއިރު، މީޑިއާ ޕާޓްނަރަކީ ގާފު ސްޕޯޓްސް އެވެ.