ދެކުނު ކޮރެއާގައި މާޝަލް ލޯ އިއުލާނުކުރުން: އަސްކަރިއްޔާއިން ގާނޫނު ހަދާ މަޖިލީސް ހިސޯރުކޮށްފި
އަހުމަދު ޝުރާއު
12/3/2024, 5:41:10 PM
ކޮރެއާ ސިފައިން މަޖިލީހަށް ވަދެގަތުން
މާޝަލް ލޯ ހިންގުމަށް ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް ޔޯލް ކުރެއްވި އަމުރު ބާތިލުކުރުމަށް ގާނޫނު ހަދާ މަޖިލީހުން ނިންމުމާއި އެކު އެގައުމުގެ އަސްކަރިއްޔާއިން ގާނޫނު ހަދާ މަޖިލީހަށް ވަދެގެންފި އެވެ.
ރިޕޯޓުތައް ބުނާގޮތުގައި ޔޫން ސުކް ޔޯލް އާއި ދެކޮޅު މެޖޯރިޓީއިން އޮތް ދެކުނު ކޮރެއާގެ ގާނުނު ހަދާ މަޖިލީހުން މިރޭ ބޭއްވި ކުއްލި ބައްދަލުވުމުގައި މާޝަލް ލޯގެ އަމުރު ބާތިލުކުރަން ފާސްކުރީ ބޮޑު އަގުލަބިއްޔަތަކުންނެވެ.
އެނިންމުން ނިންމިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ކޮރެއާގެ އަސްކަރިއްޔާއިން ވަނީ މަޖިލީހުގެ ތެރެއަށް ވަދެ މަޖިލީސް ހިސޯރުކޮށްފައެވެ. އަދި މަޖިލީހުގެ ތެރޭގައި އެގައުމުގެ ގާނޫނު ހަދާ މެމްބަރުނާއި ދެމެދު ބޮޑެތި ކުރިމަތިލުންތަކެއް ހިނގި ކަމަށް ބޭރުގެ މީޑިއާތަކުން އަންނަނީ މިހާރު ރިޕޯޓުކުރަމުންނެވެ.
ކޮރެއާގެ މަޖިލީހުގެ ތެރޭގެ ހާލަތު
އެގޮތުން މިހާރު ދައުރުވަމުންދާ ފޮޓޯތަކުން ފެންނަ ގޮތުގައި މަޖިލީހުގެ ތަޅުމަށް އަސްކަރިއްޔާއިން ވަނަ ނުދިނުމަށް މެމްބަރުން ވަނީ ދޮރުތައް ވަރަށް ބޮޑަށް ބެރިކޭޑްކޮށްފައެވެ.
އަސްކަރިއްޔާއިން މަޖިލީހުގެ ތެރޭގައި މިހާރުވެސް ހަރަކާތްތެރިވަމުންދާއިރު މަޖިލީސް ބޭރުގައި ގިނަ ބަޔަކު ދަނީ އަސްކަރިއްޔާއާއި އެގައުމުގެ ރައީސް އާއި ދެކޮޅަށް އިހްތިޖާޖު ކުރަމުްންނެވެ. ނަަމަވެސް އެގައުމުގައި އިހްތިޖާޖު ކުރުމާއި މާޝަލް ލޯގެ އަމުރާއި ހިލާފު ކަމެކެވެ.
ރައީސް ޔޫން ސުކް ޔޯލް މިރޭގެ ވަގުތެއްގައި މާޝަލް ލޯ އިއުލާނުކުރެއްވީ އުތުރު ކޮރެއާއަށް ވާގިވެރިވާ ބަޔަކު އެގައުމުގެ ހަމަޖެހުން ނަގާލަން މަސައްކަތްކުރަމުންދާ ކަމަށް ތުހުމަތުކޮށެވެ.