އޮފީސް އިމާރާތް ހޯދަން ހެދި އެއްބަސްވުން ބާތިލްކުރަން އެންސްޕާއިން ނިންމައިފި
އަހުމަދު ޝުރާއު
12/2/2024, 12:50:24 PM
--
އެންސްޕާ ހިންގުމަށް ނަގާފައިވާ އިމާރާތެއް އެހެން ފަރާތަކަށް ދިނުމަށް އެއްބަސްވެފައިވާކަމަށް ބުނެ ދޮގު ހަބަރުތަކެއް ފަތުރަމުންދިޔުމާއި ގުޅިގެން އެ އެއްބަސްވުން ނިމުމަކަށް ގެންނަން އެ އޭޖެންސީ އިން ނިންމައިފި އެވެ.
ދާދި ފަހުން ލޯންޗްކުރި އެމްއެމް ޓީވީ ހިންގަމުން އަންނަނީ އެންސްޕާގެ ފައިސާ އިން ކުއްޔަށް ނަގާފައިވާ ތަނެއްގައި ކަމަށާއި އެތަނަށް ކުލި ދައްކަނީ ވެސް އެންސްޕާ އިން ކަމަށް ބުނެ ގިނަ ބަޔަކު ވަނީ އެންސްޕާގެ ވެރިންނަށް ފާޑުކިޔާފައި އެވެ. މި ތުހުމަތުތައް އެއޭޖެންސީން ވަނީ މީގެ ކުރިން ނެރުނު ބަޔާނެއްގައި ދޮގުކޮށްފައެވެ. އަދި ކޮށްފައިވާ ތުހުމަތުތަށް ބެލުމަށް އެންސްޕާއިން ވަނީ އޭސީސީއަށްވެސް މައްަސަލަ ހުށަހަޅާފައި އެވެ.
ނަމަވެސް މިއަދު އެންސްޕާއިން ނެރުނު ބަޔާނެއްގައި ބުނީ އޮފީސް ހިންގުމަށް އިމާރާތެއް ނެގި މުއާމަލާތާ ގުޅިގެން އެ ކުންފުނީގެ އަގު ވައްޓާލާ ބަދުނާމު ކުރުމަށް ހަގީގަތާ ހިލާފު އެތައް ވާހަކަތަކެއް ދައްކައި، މީޑިއާގެ އެކި ވަސީލަތްތައް ބޭނުންކޮށްގެން އެއްވެސް އަސްލެއް ނެތް ދޮގު ވާހަކަތައް ފަތުރަމުން ދިއުމުގެ ސަބަބުން އެ ކުންފުންޏަަށް މާއްދީ ގޮތުންނާއި މައުނަވީ ގޮތުން ފޫނުބެއްދޭ ވަރުގެ ބޮޑު ގެއްލުމާ ކުރިމަތިވެފައި ވާތީ، މި އެއްބަސްވުން ނިމުމަކަށް ގެނައުމަށް އެ ކުންފުނިން ނިންމާފައިވާ ކަމަށެވެ.
އެގޮތުން އެކަމާ ގުޅިގެން ފިނޭންސް މިނިސްޓްރީއާ މަޝްވަރާ ކުރުމަށް ފަހު، މޯލްޑިވްސް މީޑިއާ ހައުސްއާ އެކު ހެދި އެއްބަސްވުން ނިމުމަކަށް ގެނައުމަށް އެންސްޕާ އިން މިހާރު ނިންމާފައިވާ ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ. އަދި މިކަމާ ގުޅިގެން އިތުރަށް ކުރަން ޖެހޭ މުއާމަލާތްތައް ކުރުމާއި މި އެއްބަސްވުން ނިމުމަކަށް ގެނައުމަށް ފަހު، ފުރިހަމަ ކުރަންޖެހޭ އިޖުރާއަތްތައް ފުރިހަމަ ކުރުމުގެ މަސައްކަތްތައް މާލީ ވުޒާރާގެ އިރުޝާދުގެ ދަށުން ކުރިއަށްދާކަންވެސް ވަނީ ހާމަކޮށްފައެވެ.
އެންސްޕާއިން މި މައްސަލަ ފެންމަތިވުމާއި ގުޅިގެން މިދިޔަ ހޮނިހިރު ދުވަހު ނެރުނު ބަޔާނުގައި ވިދާޅުވީ އެޖެންސީ ހިންގަން އިމާރާތެއް ހޯދުމާއި ގުޅޭ މަސައްކަތްތަކާއި ގުޅޭގޮތުން ބައެއް ނޫސްތަކުން ފަތުރަމުންދާ ވާހަކަތަކަކީ ޙަގީގަތާ ޚިލާފު ދޮގުވާހަކަތަކެއް ކަމަށާއި، އެންސްޕާ ހިންގުމަށް އިމާރާތެއް ހޯދުމުގެ މުއާމަލާތަކީ، އެކަން ކުރުމަށް ކަނޑައަޅާފައިވާ ގަވާއިދުތަކާއި އުސޫލުތަކުގެ ތެރެއިން މާލީ ވުޒާރާއާއެކު ކުރެވިފައިވާ މުއާމަލާތެއް ކަމަށެވެ. އަދި އެހެން އެއްވެސް ފަރާތަކާއެކު އެކަމާއި ގުޅޭގޮތުން މުއާމަލާތެއް ކޮށްފައި ނުވާނެކަމަށްވެސް އެންސްޕާއިން ވިދާޅުވިއެވެ. އަދި މި މައުލޫމާތުތަކަކީ މިހާރުވެސް ހާމަކަންބޮޑުގޮތެއްގައި މާލީ ވުޒާރާގެ މަންސަތަކުގައި ފެންނަންހުރި މައުލޫމާތުތަކެއްކަން އެންސްޕާއިން ފާހަގަކުރެއްވިއެވެ.
އެޖެންސީ ހިންގުމަށް ބޭނުންވާ މުވައްޒަފުން ހޯދުމާއި އެ މުވައްޒަފުންގެ ޒިންމާތައް ހަވާލުކުރުމަކީ އެކަމަށް ކަނޑައެޅިފައިވާ އުސޫލުތަކެއްގެ ތެެރެއިން ކުރެވެމުންދާ ކަމެއް ކަމަށް އެންސްޕާއިން ވިދާޅުވިއެވެ.
ރައްޔިތުންގެ އިޖުތިމާޢި ރައްކާތެރިކަމާ ގުޅުންހުރި މުއައްސަސާއަކާ ގުޅޭގޮތުން އަދި މުއައްސަސާގެ މުވައްޒަފުންގެ ނަޒާހަތްތެރިކަމާ ގުޅޭގޮތުން ރައްޔިތުންގެ މެދުގައި ކަންބޮޑުވުމާއި ޝައްކު އުފެދޭގޮތަށް މައުލޫމާތު ފެތުރުން ކުށްވެރިކުރައްވާ ކަމަށެވެ. އަދި އެފަދަ ދޮގު މައުލޫމާތު ފަތުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ކަމާބެހޭ މުއައްސަސާތަކަށް ހުށަހަޅާނެކަމަށްވެސް އެންސްޕާއިން ވިދާޅުވިއެވެ.
މީގެ އިތުރުން އެންސްޕާ އާއި އެތަނުގެ މުވައްޒަފުންގެ ނަޒާހަތްތެރިކަމާމެދު ސުވާލު އުފެދޭގޮތަށް ދައްކަމުންދާ ވާހަކަތަކާގުޅޭ މިނިވަން ތަހުގީގެއް ހިންގައިދީ އޭގެ ތަފްސީލް ރައްޔިތުންނަށް ހާމަކުރުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުގައި އެދޭނެކަމަށްވެސް އެންސްޕާއިން ނެރުނު ބަޔާނުގައި ވިދާޅުވިއެވެ.