އިސްކަންދޭނީ މަސްތުވާތަކެތިން ރާއްޖެ އެއްކޮށް ސަލާމަތްކުރަން - ރައީސް
އަހުމަދު ޝުރާއު
11/24/2024, 4:52:29 PM
--
މަސްތުވާތަކެތީގެ ވަބާއިން ރާއްޖެ އެއްކޮށް ސަލާމަތް ކުރުމަކީ މި ސަރުކާރުން އެންމެ އިސްކަންދޭ އެއް ކަންތައް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ރައީސް މިފަދައިން ވިދާޅުވީ ހދ. މަކުނުދޫގެ ބޭރުން ލަންކާ މަސް ބޯޓެއް ކަމަށް ބެލެވޭ ބޯޓެއް ހުއްޓުވާ ކޯސްޓް ގާޑުގެ ބެލުމުގެ ދަށުން ހދ. ކުޅުދުއްފުށި ބަނދަރަށް ގެންގޮސް މިއަދު ހެނދުނު މި ބޯޓު ބަލައިފާސް ކުރުމުން ބޯޓުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނުމާއި ގުޅިގެން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި އެވެ. އެގޮތުން މި ބޯޓު ބަލާ ފާސްކުރި އިރު 468 ކިލޯގެ މަސްތުވާތަކެތި ވަނީ ފެނިފައެވެ.
މި ޚާއްސަ އޮޕަރޭޝަންގައި ހަރަކާތްތެރިވި ސަލާމަތީ ބާރުތަކުގެ ފަރާތްތަކަށް ޝުކުރު އަދާކުރައްވައި މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ޤާނޫނު ތަންފީޒުކުރާ މުއައްސަސާތަކުން މިދާއިރާއިން ކުރަމުންގެންދާ ބުރަމަސައްކަތް ފާހަގަކޮށް އެފަރާތްތަކަށް ޝުކުރު ދަންނަވާ ކަމަށެވެ.
އަދި ދިވެހިރާއްޖެ މަސްތުވާތަކެތިން އެއްކޮށް ސަލާމަތްކުރުމަކީ އަޅުގަނޑުމެން އެއްމެ އިސްކަންދޭ އެއްކަންތައް ކަމަށް ރައީސް ވިދާޅުވިއެވެ.
މިއަދު ހަވީރު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސީޕީ އަލީ ސުޖާއު ވިދާޅުވީ ހދ. މަކުނުދޫ ބޭރުން މަސްބޯޓެއް ކަމަށް ބެލެވޭ ބޯޓެއް ހުއްޓުވާ ކޯސްޓް ގާޑުގެ ބެލުމުގެ ދަށުން ކުޅުދުއްފުށީ ސިޓީއަށް ގެންދިޔަ ކަމުގެ މައުލޫމާތު ރޭ ދަންވަރު 12:40 ހާއިރު އެމްއެންޑީއެެފުން ފުލުހުންނަށް ދީފައިވާ ކަމަށެވެ.
އަދި އެބޯޓު މިއަދު ހެނދުނު ކުޅުދުއްފުށީ ސިޓީގެ ބަނދަރަށް ގެނައުމާއިއެކު ހެނދުނު 09:30 ހާއިރު ފުލުހުންނާއި ސިފައިން އެކުގައި ބޯޓަށް އަރައި ބަލާފާސްކުރުމުގެ ތެރޭގައި 468.6 ކިލޯގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށްވެސް ސީޕީ ވިދާޅުވިއެވެ.
އެ ތަކެތީގެ ފުރަތަމަ މަރުހަލާގެ ޓެސްޓުތަކުން ދައްކާ ގޮތުގައި، އޭގެ ތެރޭގައި 344 ކިލޯގެ މެތު އާއި 124.6 ކިލޯގެ ކޮކެއިން އެބަހުއްޓެވެ. އަދި އެތަކެތީގެ މަގުމަތީ އަގު 1 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ވެސް ސީޕީ ވިދާޅުވިއެވެ.