ފިޔޯރީ ކައުންސިލުގެ ރައީސް އާއި ދާއިރާގެ މަޖިލިސް މެމްބަރު ނައިބު ރައީސް އާއި ބައްދަލުކުރައްވައިފި
އަހުމަދު ޝުރާއު
11/21/2024, 8:35:11 AM
--
ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، ގދ. ފަރެސްމާތޮޑާ ދާއިރާގެ މަޖިލިސް މެންބަރު އަޝްރަފް ރަޝީދާއި، އެއަތޮޅު ފިޔޯރީ ކައުންސިލްގެ ރައީސް ފައިޒަރު ރަޝީދާއި ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން ކުރިއަށް ދިޔައީ އަންގާރަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި ބައްދަލުކުރެއްވުމުގައި ފިޔޯރީގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ ބޭނުންވާ ކަންކަމާގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އެގޮތުން ރަށުގެ ޒުވާނުން މިވަގުތު ފުޓުބޯޅަ ކުޅުމަށްޓަކައި ރަށުގެ ބޮޑު ސްޓޭޑިއަމްގައި ޓާފު އެޅުމަށް ބޭނުންވާކަމަށާއި، ރަށުގައި ޒުވާނުންގެ މަރުކަޒެއް ޤާއިމުކޮށްދެއްވުމަށް ކައުންސިލް ރައީސާއި ދާއިރާގެ މަޖިލީސް މެންބަރު އެދިވަޑައިގެންނެވިއެވެ. ހަމައެއާއެކު، ރަށުގައި އޭ.ޓީ.އެމް ގެ ޚިދުމަތް ނެތުމުން ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އެބޭފުޅުން ޙިއްޞާކުރެއްވިއެވެ. މީގެ އިތުރުން ރަށުގެ ސޫކޫލުގެ ހާލަތު ރަނގަޅުކުރުމަށް ބޭނުންވާކަމަށާއި، ޞިއްޙީ ޚިދުމަތް 24 ގަޑިއިރު ދެވޭ ތަނެއްގެ ގޮތުގައި ހައްދަވައިދެއްވުމަށް އެދިވަޑައިގެންނެވިއެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ކައުންސިލް ރައީސާއި ދާއިރާގެ މަޖިލިސް މެންބަރު ފާހަގަކުރެއްވި ކަންކަމަށް އަވަސް ޙައްލެއް ހޯދައިދެއްވުމަށް ކަމާގުޅުންހުރި އިދާރާތަކާ މަޝްވަރާކުރެއްވުމަށްފަހު އެކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ދާދި ފަހުން ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިސްނެންގެވުމުގެ މަތީން ފައްޓަވައިދެއްވި މުޅި ރާއްޖޭގެ ހުރިހާ ރަށެއްގައި އޭ.ޓީ.އެމް ޤާއިމުކުރުމުގެ މަޝްރޫޢުގެ ތެރެއިން ރައްޔިތުންނަށް އެތައް ފަސޭހަތަކެއް ލިބިގެން ދާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.