
--
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ މެމްބަރުކަމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލައިފިއެވެ.

އެ ކޮމިޝަނުގައި މިހާރު ތިއްބެވި މެންބަރުންގެ ތެރެއިން ދެ މެންބަރެއްގެ މުއްދަތު ހަމަވާތީ، އެ ކޮމިޝަނަށް މެންބަރުން ޢައްޔަންކުރެއްވުމަށްޓަކައި މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ މިއަދެވެ. އެ ކޮމިޝަންގެ މެންބަރުކަމަށް މި މަހުގެ 26 އާ ހަމައަަށް ކުރިމަތިލުމަަށް ހުޅުވާލަަފައި ވެއެވެ.
ބްރޯޑްކޮމްގައި މިހާރު ތިއްބަވާ މެމްބަރުންގެ ތެރެއިން އެންމެ އަވަަހަށް މަގާމުގެ މުއްދަތު ހަމަވަނީ ކޮމިޝަނުގެ ރައީސް މަރިޔަމް ވަހީދާ އަދި މެންބަރު އަލީ ޔޫސުފްއެވެ. އެ ދެ ބޭފުޅުންގެ ދައުރު އަންނަ މަހު ހަމަވާނެއެވެ.
ރައީސް އޮފީހުން މިއަދު ކުރި އިއުލާނެއްގައި ބުނީ ބްރޯޑްކޮމްގެ މެންބަރު ކަމަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން އަންނަ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން އެކަމަށް އެދި ހުށަހަޅަން ޖެހޭނެ ކަމަށެވެ.
މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި އިގުރާރާއި ކުށާއި ދަރަނީގެ ރެކޯޑު ފޯމު ރަސްމީ ބަންދު ދުވަސްތައް ފިޔަވައި އެހެން ދުވަސްދުވަހުގެ ހެނދުނު 8:30 އިން މެންދުރު 12:00 އަށް ރައީސް އޮފީހުން ބަލައިގަންނާނެއެވެ.
ބްރޯޑްކޮމް އެކުލެވިގެންވަނީ ހަތް މެމްބަރުންގެ މައްޗަށެވެ. އެ ކޮމިޝަންގެ މެމްބަރުންނަށް ލިބެނީ ފަސް އަހަރުގެ ދައުރެކެވެ.
ބްރޯޑްކޮމްއަށް މެމްބަރުން އައްޔަނުކުރުމަށް ރައީސް އޮފީހުން ނަން ފޮނުވާނީ މަޖިލީހަށެވެ. އެގޮތުން މެމްބަރުން އައްޔަނުކުރާނީ މަޖިލީހުގެ ތަޅުމުގައި ނަގާ ވޯޓަކަށް ފަހުގައި އެވެ.