ރާޔާގެ 10 ލަނޑާއެކު ނޯވާ އިން ފެސާ ބަލިކޮށްފި
ހަސަން ޝަމްއޫން
11/10/2024, 12:45:19 PM
ނޯވާ އާއި ފެސާ ވާދަކުރި މެޗުގެ ތެރެއިން... ފޮޓޯ: މާއި ގުރަފީ
މިހާރު ކުރިއަށްދާ ގައުމީ ހޭންޑްބޯޅަ މުބާރާތުގެ އަންހެން ދެވަނަ ޑިވިޝަން ގުރޫޕް ފަހެއްގައި މިއަދު ހަވީރު ކުޅުނު ދެވަނަ މެޗުގައި ފުލައިންގް އީގަލް ސްޕޯޓްސް އެކަޑަމީ (ފެސާ) އާއި ނޯވާ ސްޕޯޓްސް ކުލަބު ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 13- 20 ގެ ނަތީޖާއަކުން ނޯވާ ކާމިޔާބުކޮށްފިއެވެ.
މުބާރާތުގައި ނޯވާ ކުޅުނު ފުރަތަމަ މެޗުގައި ފިއޮންޓީ ސްޕޯޓްސް ކުލަބު އަތުން 10-16 ގެ ނަތީޖައަކުން މޮޅުވިއިރު، ދެވަނަ މެޗުގައި ޔުނިޓީ ސްޕޯޓްސް ކުލަބު އަތުން އެޓީމު ބަލިވީ 33-6 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ. ނަމަވެސް ތިންވަނަ މެޗުގައި އެޓީމުން ވަނީ 12-9 ގެ ނަތީޖާއަކުން ލަޔަންސް ރެކްރިއޭޝަން ކުލަބު (އެލްއާރުސީ) ބަލިކޮށްފައެވެ.
މީގެ އިތުރުން ފެސާގެ ފުރަތަމަ މެޗުގައި ލަޔަންސް ރެކްރިއޭޝަން ކުލަބު (އެލްއާރުސީ) އަތުން 7-8 ގެ ނަތީޖާއަކުން މޮޅުވިއިރު، ދެވަނަ މެޗުގައި ފިއޮންޓީ އަތުން އެޓީމު މޮޅުވީ 1-20 ގެ ތަފާތުބޮޑު ނަތީޖާއަކުންވެ. ނަމަވެސް ތިންވަނަ މެޗުގައި ޔުނިޓީ ސްޕޯޓްސް ކުލަބު އަތުން 7-23 ގެ ނަތީޖާއަކުން އެޓީމު ވަނީ ބަލިވެފައެވެ.
މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ނޯވާ އިން މެޗު ޑޮމިނޭޓްކުރިއިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ހަ ލަނޑުގެ ލީޑަކާއެކު 13-7 ގެ ނަތީޖާއަކުން ނޯވާ ކުރީގައި އޮވެގެންނެވެ. އަދި މެޗުގެ ދެވަނަ ހާފުގައި ދެމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މިހާފުގައި ނޯވާ އިން އިތުރު ހަތް ލަނޑު ކާމިޔާބުކުރިއިރު، ފެސާ އިން ވެސް ވަނީ އިތުރު ހަ ލަނޑު ކާމިޔާބުކޮށްފައެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ނޯވާގެ މަރިޔަމް ރާޔާ ރިފްއަތު އެވެ. އޭނާ ވަނީ މިމެޗުގައި އެޓީމަށް 10 ލަނޑު ކާމިޔާބުކޮށްދީފައެވެ.
މިނަތީޖާއެކު ގުރޫޕް ސްޓޭޖުގައި ކުޅުނު ހަތަރު މެޗުން ލިބުނު ނުވަ ޕޮއިންޓާއެކު ނޯވާ މިވަގުތު ގުރޫޕްގެ އެއްވަނައިގައި އޮތްއިރު، މިމެޗުން ބަލިވި ފެސާ އިން މުބާރާތް ނިންމާލީ ކުޅުނު ހަތަރު މެޗުން ލިބުނު ހަ ޕޮއިންޓާއެކު ގުރޫޕްގެ ތިންވަނައިގައެވެ.
މިއަހަރުގެ މުބާރާތުގެ އަންހެން ދެވަނަ ޑިވިޝަނުގައި 26 ޓީމަކުން ބައިވެރިވެފައިވާއިރު، މިޑިވިޝަނުގެ މެޗުތައް ކުރިއަށްދަނީ ބައިވެރިވި 26 ޓީމު ހަ ގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ޓީމުގެ އިތުރުން ،ހަ ގުރޫޕްގެ ދެވަނަ ހޯދާ ޓީމުތަކުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ދެ ޓީމަށް ވެސް މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ލިބިގެންދާނެއެވެ.